އދ ގެ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ބައި، ޔުނިސެފުން ސީރިޔާ ސަރަހައްދުގެ ކުޑަކުދިންނަށް އެހީވުމަށް 1.1 ބިލިޔަން ޑޮލަރު ހޯދުމަށް ފަންޑެއް ހުޅުވައިފި އެވެ.
ޔުނިސެފުން ބުނީ މި ފަންޑަކީ ސީރިޔާއާއި ސީރިޔާގެ އަވަށްޓެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ލުބުނާނާއި ތުރުކީއާއި އިރާގާއި ޛޯޑަންގެ ކުޑަކުދިންނަށް އެހީވުމަށް ހުޅުވި ފަންޑެއް ކަމަށެވެ.
"މި ފަންޑަކީ ސީރިޔާ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަންސް ތަކުގައި ކުޑަކުދިންނަށް އެހީތެރިވުމަށް ބޭނުންކުރާނެ ފައިސާ ހޯދުމަށް ހުޅުވި ފަންޑެއް" ޔުނިސެފްގެ ތަރުޖަމާނު ޖޫލިއެޓް ޓޯމާ ވިދާޅުވި އެވެ.
ޓޯމާ ބުނެފައިވަނީ އެ ސަރައްދުގައި ކުޑަކުދިންނަށް އެހީތެރިވުމުގައި ލާރީގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި މިވަރުގެ ފަންޑެއް ހުޅުވި މީ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން މިއަހަރުގެ ކުރީކޮޅުވެސް ޔުނިސެފުން މިފަދަ ފަންޑެއް ހުޅުވި އެވެ. އެ ފަންޑު ހުޅުވީ 900 މިލިއަން ޑޮލަރު ހޯދުމަށެވެ. އޭރު އެ ފަންޑަށް 758 މިލިއަން ޑޮލަރު ލިބުނު ކަމަށް ޔުނިސެފުން ހާމަކުރެ އެވެ.
"ސީރިޔާ ސަރަހައްދުގައި ދާހިލީ ހަނގުރާމައިގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން އެހީތެރިކަން ބޭނުންވާ ކުޑަކުދިންގެ އަދަދުވެސް އަންނަނީ އިތުރުވަމުން، އެގޮތުން އެ ސަރަހައްދުގައި އެހީއަށް ބޭނުންވާ އަށް މިލިއަން ކުޑަކުދިން އެބައުޅޭ" ޓޯމާ ބުނެފައި ވެ އެވެ.
އދ އިން ހާމަކުރާ ގޮތުގައި އދ އިން ވަނީ ސީރިޔާ ސަރަހައްދުގެ އާންމުންނަށް އެހީވުމަށް 20 ބިލިޔަން ޑޮލަރުގެ މަޝްރޫއެއް އިއްޔެ ފަށާފަ އެވެ. އދ އިން ހާމަކުރާ ގޮތުގައި މި މަޝްރޫއުގައި 37 ގައުމެއްގެ 87 މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވެނޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް