ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްކަމުގައިވާ "ބީއެމްއެލް އިސްލާމިކް" އިތުރަށް ފުޅާކޮށް ވިޔަފާރިތަކަށް އަމާޒުކޮށްގެން މިއަދު "ވަދީޢާ ބިޒްނަސް އެކައުންޓް" ގެ ނަމުގައި އާ ޑިޕޮސިޓް އެކައުންޓެއް ތަޢާރަފްކޮށްފިއެވެ.
މިއީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އިސްލާމީ އުޞޫލުން ބޭންކިން ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފްކުރެވުނު ޚިދުމަތެއް ކަމަށާއި ވަދީޢާ ބިޒްނަސް އެކައުންޓްއަކީ ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ އަދި އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ ޚިދުމަތެއް ކަމަށް ބީއެމްއެލް އިން ހާމަކުރެ އެވެ.
ބީއެމްއެލްއިން ބުނީ މިގޮތުން ކަސްޓަމަރުން ޖަމާކުރާ ފައިސާ ބެހެއްޓޭނީ ވަކި ފަންޑެއްގައި އަދި މިފައިސާ ބޭނުންކުރެވޭނީ ހަމައެކަނި ޝަރުޢީ ހަމަތަކާ އެއްގޮތަށް ޚާއްސަކޮށްފައިވާ ކަންކަމަށްއެކަނި ކަމަށާއި ބީއޭމްއެލް އިސްލާމިކްގެ ޚިދުމަތް ފޯރުކޮށްދެމުންމިދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްއިން ގާއިމުކޮށްފައިވާ ބްރާންޗް، އޭޓީއެމް އަދި ޕީއޯއެސް ނެޓްވަރކްތައް މެދުވެރިކޮށް ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އިސްލާމީ އުސޫލުން ދޭ ބޭންކިންގ ޚިދުމަތްތައް ދުވަހުންދުވަހަށް ފުޅާކޮށް އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުން. މިއަދު ތަޢާރަފްކުރެވިގެން މިދިޔަ ވަދީޢާ ބިޒްނަސް އެކައުންޓް މެދުވެރިކޮށް ވިޔަފާރިތަކަށް އަޅުގަނޑުމެންގެ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ. ހަމައެހެންމެ ވިޔަފާރިތަކުގެ މާލީ ބޭނުންތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ވަކި ޚާއްސަ އިސްލާމިކް ބޭންކިންގ ޓީމެއްގެ އެހީތެރިކަން އެފަރާތްތަކަށް ލިބިގެންދާނެ" ވިޔަފާރިތަކަށް ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ފުޅާކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވި އެވެ.
މި އަހަރު ކުރީކޮޅު ވަދީޢާ ޕާރސަނަލް އެކައުންޓާއިއެކު ބޭންކް އޮފް މޯލްޑިވްސް އިން "ބީއެމްއެލް އިސްލާމިކް" ގެ ޚިދުމަތް ތަޢާރަފްކުރުމުން، ބީއެމްއެލް ވެގެން ދިޔައީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އިސްލާމިކް ބޭންކިންގ ޚިދުމަތް ދޭން ފެއްޓި ފުރަތަމަ ބޭންކުކަމުގައެވެ. އަދި ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު ކަސްޓަމަރުންނަށް ދޫކުރަން ފެށުން ވެގެން ދިޔައީ، ރާއްޖެއިން ބޭރުގައާއި އޮންލައިންކޮށް ޕޭމަންޓް ހެދޭގޮތަށް އިސްލާމީ އުސޫލުން ދިވެހިރާއްޖޭގައި ތަޢާރަފުކުރެވުނު ފުރަތަމަ އިންޓަރނޭޝަނަލް ޑެބިޓް ކާޑުގެ ގޮތުގައެވެ.
ބީއެމްއެލް އިން ހާމަކުރާ ގޮތުގައި މިއަހަރު ގެ އޮގަސްޓް މަހު "ބީއެމްއެލް އިސްލާމިކް" އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގެ އެހީގެދަށުން ވާނީ "ފަސޭހަ މަދަދު" ގެ ނަމުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފައިނޭންސިންގ ސްކީމެއް ތަޢާރަފްކޮށްފައެވެ. މިސްކީމަކީ މިފަދަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގައި ތަޢާރަފްކުރެވުނު ފުރަތަމަ އިސްލާމިކް ފައިނޭންސިންގ ސްކީމެއް ކަމަށާއި މި ސްކީމަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ސްކީމްގެ ދަށުން ފައިނޭންސް ކުރުމަށް ހޮވޭ ފަރާތްތައް ކުރިއަށްހުރ ހަފްތާތަކުގެތެރޭގައި ޢިއުލާންކުރުމަށްވަނީ ހަމަޖެހިފައި ވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް