ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ކޮޕް 21 ( ކޮންފަރެންސް އޮފް ޕާޓީސް ) އަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް އެއްމެން އެއްބަސްވާ ގާނޫނީ އެއްބަސްވުމަކަށް އަންނަން ލިބޭނެ ފަހު ފުރުސަތުކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެނަރޖީ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޠާރިގު މިހެންވިދާޅުވީ ކޮޕް 21 ގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ( އެއޯސިސް) ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ޕެރިހުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
" މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުން ސަލާމަތް ވާން ބޭނުންނަމަ އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ގޮތަކީ މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތައް އެޅުން. މި ނޫން ގޮތެއް ނެތް" މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، މީގެކުރިން ދުވަހަކުވެސް ކުދި ގައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރުނުކުރާ ވަރަށް މިހާރުކުރަމުންދާ ކަމަށެވެ. އެގޮތުން ރިކޯޑް މިންވަރަކަށް ތޫފާނާއި ސައިކްލޯން ޕެސިފިކް ގައުމުތަކަށް އަރާފައިވާ ކަމަށާއި އަދި އިންޑިއާ ކަނޑުގެ ގައުމުތަކުގައި މީގެ ކުރިން ދުވަހަކުވެސް ފެންބޮޑުނުވާ ވަރަށް ފެން ބޮޑުވެ އުދައެރުން ފަދަ ކަންކަން ދިމާވަމުންދާ ކަމަށެވެ.
ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އުފުލަން ދޫކޮށްލުމަކީ ރައްކާތެރި މިންވަރެއް ނޫންކަމަށާއި އަލަށް އެކުލަވާލާ ގާނޫނީ އެއްބަސްވުމުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެވެސް ދަށްކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ޕެރިސް އެގްރިމެންޓްގެ ދިގު މުއްދަތުގެ އަމާޒަކަށް ވާންޖެހޭނީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެވެސް ދަށްކުރުން، އެއަށް މަގުފަހިވާ ގޮތަށް ކުރު މުއްދަތުގެ އަދި މެދު ރާސްތާގެ އަމާޒުތައް އެކުލަވާލަންޖެހޭނީ." މިނިސްޓަރ ވިދާޅުވިއެވެ.
އަދި ހުރިހާ ގައުމުތަކުން ވެސް 'ލޮސް އެންޑް ޑެމޭޖް' އާއި ބެހޭ ގޮތުން އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާލީ އެހީތެރިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން މިނިސްޓަރ ޠާރިގު ވިދާޅުވީ 2020 އިން ފެށިގެން ކޮންމެ އަހަރަކުވެސް 100 ބިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އެ ފަންޑުވާންޖެހޭނީ ކުދި ގައުމުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދޭ ފަންޑަކަށް ކަމަށް ވެސް ޠާރިގު ވިދާޅުވިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން އެކުލަވާލައި އަދި މިހާރުވެސް ޢަމަލުކުރެވެމުންދާ، ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާތީ، މިއެއްބަސްވުމުގެ ބަދަލުގައި ޢަމަލުކުރާނެ އައު ޤާނޫނީ އެއްބަސްވުމެއް މިއަހަރުގެ ނިޔަލަށް އެކުލަވާލުމުގެ މަސައްކަތް ޕެރިހުގައި ދަނީ ކުރަމުންނެވެ. އަދި އެ އެއްބަސްވުން ކޮޕް 21 ގައި "އެޑަޕްޓް" ކުރުމަށް ވެސް ގައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން އަލަށް އެކުލަވާލެވޭ ޤާނޫނީ އެއްބަސްވުމަކީ، ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތަށް ރިޢާޔަތްކުރެވޭ އެއްބަސްވުމަކަށް ހެދުމަށް، އެއޯސިސްގެ މެންބަރު ޤައުމުތަކާއެކު ރާއްޖެއިން ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް