ރޭގެ ވަގުތެއްގައި ގދ ތިނަދޫގައި އަމިއްލަ ގައިގާ ރޯކޮށްލީ ބިދޭސީ މީހާއަށް އިތުރަށް ފަރުވާ ދިނުމަށް މާލެގެނެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަށް ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލްގެ މީޑިއާ އޮފިޝަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ބިދޭސީ މީހާ އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު އެމީހާގެ ހާލު "ކްރިޓިކަލް" ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުގެ 80 އިންސައްތަ ފިހިފައިވާކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ ޒީނަތު ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވީ ބިދޭސީ މީހާގެ ގައިގާ އަމިއްލައަށް ރޯކޮށްލީ ތެޔޮ ބައުޒަރަކުން ޕެޓްރޯލް ޝެޑަށް ޕެޓްރޯލް ހުސްކުރަމުންދަނިކޮށް ޕެޓްރޯލް ހޮޅި އަތުލުމަށްފަހު އަމިއްލަ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ކަމަށެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ ބިދޭސީ މީހާގެ ގައިގާ ރޯކޮށްލައިގެން ވެއްޓިފައި އޮއްވާ އެމީހާ މޫދައް ވައްޓާލީ އެހެން ބިދޭސީއެއް ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ރޭ 21:20 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް