މޫސުމީ އިންޒާރުގެ ނޮޓިފިކޭޝަން ލިބޭގޮތަ މެޓް އޮފީހުގެ މޫސުން އެޕް އަޕްގްރޭޑް ކޮށްފި

08 Nov 2026 | 21:26
މޫސުމީ އިންޒާރުގެ ނޮޓިފިކޭޝަން ލިބޭގޮތަ މެޓް އޮފީހުގެ މޫސުން އެޕް އަޕްގްރޭޑް ކޮށްފި

ޔޫއެންޑީޕީއާ ގުޅިގެން ހިންގާ ތައްޔާރު ޕްރޮޖެކްޓުގެ ދަށުން ދިވެހިރާއްޖޭގެ މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް)ގެ ރަސްމީ ވެބްސައިޓް އާ ޑިޒައިނަކާ އެކު އަދި މޫސުން މޮބައިލް އެޕްލިކޭޝަންގެ އަޕްގްރޭޑެޑް ވާޝަނެއް މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ދެ ޕްލެޓްފޯމު ފަރުމާކޮށްފައި ވަނީ މޫސުމާއި ބެހޭ ސްޓޭޝަންތަކުން ވަގުތުން ވަގުތަށް ލިބޭ ޑޭޓާއާއި، ހައި ރެޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކާއި، ސެޓެލައިޓް ފޮޓޯ އެއްކޮށްގެން، ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް ފެތޭ ގޮތަށް މޫސުމީ ލަފާ ފޯރުކޮށްދިނުމަށެވެ. ރަށްރަށުގެ ރައްޔިތުންނާއި، ކަނޑުދަތުރުކުރާ ފަރާތްތަކާއި، ހަރަކާތްތައް ރާވާ ފަރާތްތަކަށް ޚާއްޞަކޮށް ބިނާކޮށްފައިވާ މި ޚިދުމަތުގައި ވަގުތުން ވަގުތަށް މޫސުން ޓްރެކް ކުރުމާއި، އުދަ ޝެޑިއުލާއި، ކަނޑުގެ ހާލަތުގެ ރިޕޯޓުތަކާއި، ކުއްލި މޫސުމީ އިންޒާރުތައް ޕުޝް ނޮޓިފިކޭޝަނުން ލިބޭނެ އިންތިޒާމު ވެބް އަދި މޮބައިލް ޕްލެޓްފޯމުގައި ހިމެނެއެވެ.

މި ޕްލެޓްފޯމުތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމެންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހު ވަނީ ޚިދުމަތުގެ ފަހަތުގައިވާ ޓެކްނިކަލް އިންފްރާސްޓްރަކްޗާއާއި މީޓިއޮރޮލޮޖިކަލް ޑޭޓާ ސްޓްރީމްތައް ތަފުސީލުކޮށް ދެއްވައިފައެވެ.

ތައްޔާރު ޕްރޮޖެކްޓަކީ މެޓް އޮފީހާ ގުޅިގެން ޔޫއެންޑީޕީން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ބޭނުމަކީ ތަފާތު ކާރިސާތަކަށް ތައްޔާރުވުމުގެ ނިޒާމު ވަރުގަދަ ކުރުމާއި، މޫސުމީ ނުރައްކާތަކަށް ދުރާލައި ތައްޔާރުވެ ތިބުމެވެ.

ޗައިނާ ސަރުކާރުގެ ގްލޯބަލް ޑިވެލޮޕްމެންޓް އެންޑް ސައުތު ސައުތު ކޯޕަރޭޝަން ފަންޑު (ޖީޑީއެފް) މެދުވެރިކޮށް މި ޕްރޮޖެކްޓަށް ފައިސާ ހަމަޖައްސާފައި ވަނީ ޔޫއެންޑީޕީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީ (ސީޑީސީއޭ)އާ ދެމެދު ވެފައިވާ ފައިނޭންސިން އެއްބަސްވުމެއްގެ ދަށުންނެވެ.

މެޓް އޮފީހުގެ އާ ވެބްސައިޓު މިހާރު ޢާންމުންނަށް ހުޅުވައިލެވިފައިވާ އިރު، މޫސުން އެޕް އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމުން ޑައުންލޯޑް ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް