ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވައިލި ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު ދޭކަށް ހަމަވާނެ ކަމަށް އެ ބޭންކުން މިއަދު ހަނދާންކޮށްދީފިއެވެ.
މި ގްރާންޓުގެ ދަށުން ދެ ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށް ފަސް ލައްކަ ރުފިޔާ ހިލޭ ދިނުމަށް ބީއެމްއެލް އިން ވަނީ ކަނޑައަޅައިފައެވެ. ފައިސާގެ އެހީގެ އިތުރުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ހޮވޭ ފަރާތްތަކަށް ބޭންކުގެ ޚާއްޞަ ރިލޭޝަންޝިޕް މެނޭޖަރެއް މެދުވެރިކޮށް އެއް އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓު ފޯރުކޮށްދޭނެއެވެ. ޢާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް މި ގްރާންޓް ވަނީ ހުޅުވައިލައިފައެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބެހޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/startup-grant އިން ލިބޭނެ އެވެ.
އައު ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުފުރޭ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ ފަންޑް ހޯދައިދިނުމުގެ ބޭނުމުގައި ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތަޢާރަފްކުރީ 2022 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް