ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުގެ ދެ މީހަކު ކައިވެނީގެ ހަރަކާތެއް ހިންގި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ކަމުގައި ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ގޮވައިލައިފިއެވެ.
އެ މަޖިލީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ސީދާ ހިލާފު މި އަމަލު ރިސޯޓުގައި ހިންގުމުގެ އިތުރުން، އެ ކަން މީޑިއާ މެދުވެރިކޮށް ފެތުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރިސޯޓުތަކަކީ ދިވެހި ދައުލަތުގެ އިހްތިސާސް ހިނގާ ބިންތަކެއް ކަމަށް ވާތީ، އެ ތަންތާނގައި ގާނޫނާ ހިލާފު ޖަރީމާތަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އިރު، އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުމަކީ ދިވެހި ގާނޫނުތައް ޖިނާއީ ބޮޑު ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކަން އެ ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ. ފަތުރުވެރިކަމުގެ ނިވާފަތްގަނޑުގައި މި ފަދަ ކަންކަން ހިންގުމަކީ ގައުމުގެ އިސްލާމީ އަގީދާއާއި ސަގާފަތަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ވެސް އިލްމުވެރިންގެ މަޖިލީހުން ސިފަކޮށްފައިވެއެވެ.
ފާހިޝް އަމަލުތައް ފާޅުގައި ހިންގައި އާންމުކުރުމުގެ ނުރައްކާ ހާމަކުރަމުން އެ ބަޔާނުގައި ދަލީލެއްގެ ގޮތުން މާތް ﷲ ގެ ވަހީ ބަސްފުޅެއް ގެނެސްފައިވެއެވެ. "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، އަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާހިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." (ސޫރަތުއް ނޫރު 19)
މި އަމަލު ހިންގި ރިސޯޓާއި ބައިވެރިވި އެންމެހައި ފަރާތްތައް ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް އެ މަޖިލީހުން ވަނީ ގޮވައިލައިފައެވެ. ހަމައެހެންމެ، ކުރިއަށް އޮތް ތަނުގައި ރިސޯޓުތައް ހިމެނޭ ގޮތަށް ދިވެހި ސިޔާދަތީ ބާރު ހިނގާ ހުރިހާ ތަނެއްގައި މި ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ދައުލަތުގެ މަސްއޫލުވެރިންނަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް