ރޯދަމަހު މާލޭ ސިޓީ ކައުންސިލުން ބާއްވާ ގުރުއާނާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މާލޭ ސިޓީ ކައުންސިލުން ރަމަޟާން މަހާ ދިމާކޮށް ބާއްވާ ގުރުއާނާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި 11 ނޮވެމްބަރު 2026 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

08 Nov 2026 | 13:09
ރޯދަމަހު މާލޭ ސިޓީ ކައުންސިލުން ބާއްވާ ގުރުއާނާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ރޯދަ މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލުން ބާއްވާ ކީރިތި ގުރުއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބެލެނިވެރިންގެ އެދުމާ އެއްގޮތަށް ދެވަނަ ފަހަރަށް ހުޅުވާލައި، 11 ނޮވެމްބަރު 2026 ގެ ރޭގަނޑު 11:59 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފިއެވެ.

ހިޖުރީ ސަނަތުން 1448 ވަނަ އަހަރުގެ މި މުބާރާތް ދެ ބަޔަކަށް ބެހިގެންދެއެވެ. ގުރުއާން ބައިގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ދެ ގޮފި އޮންނައިރު، ކޮންމެ ގޮފިއެއްގައި ވެސް ހަ އުމުރުފުރާ ހިމެނެއެވެ. އެއީ ހަ އަހަރުން ދަށް، ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، އަދި 19 އަހަރުން ދަށެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖެނުއަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ. ހަ އަހަރުން ދަށުގެ ދަރިވަރުންނަށް ހަތިމުން ފަހެއް-ހަތް ފޮޅުވަތުގެ މިންވަރަށް ކިޔެވުމުގެ ފުރުސަތު ދެވުނު ނަމަވެސް، އެ އުމުރުފުރާ އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވެނީ އެންމެ ގޮފިއެއްގައެވެ. މަދަހަ މުބާރާތުގައި ވެސް ހަމަ އެ ހަ އުމުރުފުރާ ހިމެނޭއިރު، ހަ އަހަރުން ދަށް ފިޔަވައި އެހެން ކޮންމެ އުމުރުފުރާއަކުން ވެސް ފަސް ވަނައެއް ހޮވާނެއެވެ.

ދެ މުބާރާތުގައި ވެސް ވަނަ ހޯދާ ދަރިވަރުންނަށް ފައިސާގެ އިނާމާއި ޓްރޮފީ ނުވަތަ ޕްލޭކާ އެކު ސެޓްފިކެޓް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ބައެއްގެ ވެސް އުމުރުފުރާ ވަނައިގެ އެއްވަނައަށް 10,000 ރުފިޔާ، ގުރޫޕް ވަނައިގެ އެއްވަނައަށް 15,000 ރުފިޔާ، އަދި މުޅި މުބާރާތުގެ އެއްވަނައަށް 50,000 ރުފިޔާ ލިބޭނެއެވެ. ޖޫނިއާ ގުރޫޕުގެ ގޮތުގައި ހިމެނެނީ ނުވައަކާއި 11 އަހަރުން ދަށުގެ އުމުރުފުރާ ކަމަށާއި، ސީނިއާ ގުރޫޕު ގޮތުގައި ބަލަނީ 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށް ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މާލޭ ސިޓީ ކައުންސިލްގެ ކޮމްޕެޓިޝަންސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭއިރު، އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ކޯލް ސެންޓަރު 1622 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް