ޑީޕޯޓްކުރަން ގެންދިޔަ ޒުވާން ބިދޭސީއަކު އެއާޕޯޓުގައި ހުރެ ޕާސްޕޯޓު ވީދާލައިފި

ޑީޕޯޓްކުރަން ގެންދިޔަ ބަންގްލަދޭޝް މީހަކު ޕާސްޕޯޓު ވީދާލައި ހޯލްޑިން ސެލަށް ގެއްލުންދިން މައްސަލައިގައި 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

08 Nov 2026 | 14:54
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

އިމިގްރޭޝަނުގެ ގާނޫނާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝްގެ 21 އަހަރުގެ ފިރިހެނަކު ފުރުވައިލުމަށް ގެންދިޔުމުން އެ މީހާ އަމިއްލަ ޕާސްޕޯޓު ވީދާލައި، އިމިގްރޭޝަނުގެ ހޯލްޑިން ސެލަށް ގެއްލުން ދީފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ޝޭހް އެމް.ޑީ މަސުމް ލަތީފް ނަމަކަށް ކިޔާ މި މީހާ ހައްޔަރުކޮށް، މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި، އިމިގްރޭޝަނުގެ ބެލުމުގެ ދަށުން ފުރުވައިލުމަށް ގެންދިޔަ ވަގުތު އެ މީހާ ޕާސްޕޯޓު ވީދާލީއެވެ. އެއަށްފަހު ހޯލްޑިން ސެލުގައި ބެހެއްޓުމުން ވެސް ތުހުމަތުކުރެވޭ ބާވަތުގެ އަމަލުތައް ހިންގާފައިވެއެވެ.

ބަންދުކުރުމަށްފަހު އެ މީހާގެ އަމަލުތައް ހުރި ގޮތުން ނަފްސާނީ ބަލިކަމެއް ހުރެދާނެ ކަމަށް ބެލެވިގެން އެސެސްމެންޓެއް ހެދި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެ ރިޕޯޓަށް ބެލުމަށްފަހު، ޖިނާއީ ތުހުމަތުކޮށް ތަހުގީގު ހިންގައި ދައުވާ އުފުލުމަށް ހުރަހެއް އޮތް ކަމަކަށް ނުފެންނަ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މީހާގެ ބަންދު މުއްދަތު ހަމަވާނީ ކޯޓު އަމުރު ނެރުނު ދުވަހުން ފެށިގެން 15 ދުވަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް