ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު އެ ގްރޫޕުން ވަކިކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އެ ޕާޓީގެ އިސް އޮފިޝަލަކު މީޑިއާގައޖ ވިދާޅުވިއެވެ. އެއީ އެ ބާވަތުގެ މައްސަލަތަކުގައި ޢާންމުކޮށް ވެސް އެމްޑީޕީން ޢަމަލުކުރާ އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދޫ ގްރޫޕުން ބޭރު ކުރި ނަމަވެސް ޝާހިދު ހައްޔަރުކުރި މައްސަލައިގައި އެމްޑީޕީން ވަކި ބަހެއް އަދި ނުބުނެއެވެ.
18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ. އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދު އަމުރެއް ނެރެފައިވެއެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް" ކަމަށެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ހައްޔަރުކުރުމުގެ ކުރިން ގެންދެވީ 2028 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ. ހައްޔަރުކުރުމުގެ އަމުރު ޝާހިދުގެ ފަރާތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް