ލ. ގަން -- ފޮޓޯ: ފޭސްބުކް މޯލްޑީވްސް އައިލެންޑް
ވިޔަފާރީގެ ބޭނުމަށް ލ. ގަމުން ނަގާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ކަނޑައަޅައި، އެ ރަށުގެ ރުއްގަސް ނެގުމާއި ބޭރުކުރުން ބެލެހެއްޓުމާ ގުޅޭ އުސޫލެއް ގަމު ކައުންސިލުން މިއަދު ޢާންމުކޮށްފިއެވެ.
ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ބޮޑު ރަށުގެ ކައުންސިލުން ނެރުނު މި އުސޫލު ބުނާ ގޮތުން، ގަމުގެ އެއްވެސް ދިމާއަކުން ރުކެއް ނުވަތަ ގަހެއް ކެނޑުމާއި އުފުރުމާއި ރަށުން ގެންދިޔުން ހުއްދަވާނީ ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެންނެވެ. ހޭޅިފަށާއި ގޮނޑުދޮށާ ގުޅިފައިވާ ސަރަޙައްދުތަކުގައި ހެދިފައި ހުންނަ ރުއްގަހާއި، ޤާނޫނީ ގޮތުން ހިމާޔަތް ލިބިފައިވާ ތަންތަނުގެ ވަށައިގެން 20 މީޓަރުގެ ރޭޑިއަސް ތެރޭގައިވާ ގަސްތައް ކެނޑުމާއި ރަށުން ބޭރުކުރުން އެއްކޮށް މަނާވާނެއެވެ.
ހަމައެހެންމެ ނެތި ހުސްވެދާނެ ކަމުގެ ނުރައްކާ އޮތް ބާވަތްތައް ނެގުން ވެސް މި އުސޫލު ހުއްދައެއް ނުކުރެއެވެ. އެހެން ނަމަވެސް ގޯތިގެދޮރަށާއި އިމާރާތްތަކަށް ގެއްލުން ލިބެމުންދާ ޙާލަތުގައި، ގަހެއްގެ ގޮފިތަކާއި މޫތައް ކޮށައި ބެލެހެއްޓުމުގެ ފުރުޞަތު ކައުންސިލްގެ ހުއްދައާ އެކު ދީފައިވެއެވެ.
50 ރުކަށް ވުރެ ގިނައިން ނެގުމަށް ނުވަތަ 4،000 އަކަފޫޓަށް ވުރެ ބޮޑު ސަރަޙައްދެއް ސާފުކުރުމަށް ބޭނުންވާ ނަމަ، ތިމާވެށީގެ އަސަރާ ބެހޭ ރިޕޯޓެއް ހަދައި އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ހުށަހެޅުން ލާޒިމެވެ. އެ ޢަދަދަށް ވުރެ މަދު ނަމަ ހުއްދަ ދޫކުރާނީ ސީދާ ކައުންސިލުންނެވެ. ހުއްދައިގެ މުއްދަތު ގޮތުގައި ނާސަރީ ރުއްގަހަށް ތިން ދުވަސް، އެ ނޫން ތަންތަނުގެ ރުއްގަހަށް ހަތް ދުވަސް ކަނޑައެޅިފައިވާ އިރު، ހުއްދައިގެ މުއްދަތު އިތުރުކޮށްދެވޭނީ ގިނަވެގެން ދެ ފަހަރެވެ. އޭގެ ފަހުން ޖެހޭނީ އައު ހުއްދައެއް ނަގާށެވެ.
މި އުސޫލުގެ ދަށުން ގަމުން ނަގާ ކޮންމެ ރުކެއް ނުވަތަ ގަހެއްގެ ބަދަލުގައި ދެ ގަސް އިންދުން ލާޒިމުވެއެވެ. ވިޔަފާރީގެ ބޭނުމަށް އެކި ރަށްރަށުން ގިނަ ޢަދަދެއްގެ ރުއް ނަގައި ގެންދާ މައްސަލައިގައި ތިމާވެށި ޖަމިއްޔާތައް ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް