މީގެ ކުރިން ބޭއްވި އުރީދޫ ފަން ރަން އެއް -- ފޮޓޯ: އުރީދޫ
އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފަން ރަންގެ މި އަހަރުގެ ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.
މި ދުވުން ބާއްވަން ހަމަޖެހިގައިވަނީ ޑިސެމްބަރު 11 ގައި ހުޅުމާލޭގައި އެވެ. މި ދުވުމުގައި ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭނެއެވެ.
މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ރޭހެކެވެ. ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ނުޖެހޭ މި ދުވުމުގައި ހިނގާފައި ނުވަތަ ޖޮގްކޮށްފައި ވެސް ބައިވެރިވެވޭއިރު، ތަފާތު މަޖާ ހުރަސްތަކާއި ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ.
ރަޖިސްޓަރީވާ ފަރާތްތަކަށް ދެ ކިޓެއް ޚިޔާރުކުރެވެއެވެ. 210 ރުފިޔާގެ ފަން ކިޓުގައި ޓީޝާޓާއި މަލްޓިޕާޕަސް ބަންޑާނާ އާއި ދަބަހެއްގެ އިތުރުން އައި ގްލާސް ހިމެނޭއިރު، 110 ރުފިޔާގެ ސްޓޭންޑާޑް ކިޓުގައި ހިމެނެނީ ޓީޝާޓާއި ބަންޑާނާ އާއި ބިބެވެ. އޮކްޓޫބަރު 31 ގެ ކުރިން ރަޖިސްޓަރީވާ ފަރާތްތަކަށް އެއްވެސް އިތުރު ޚަރަދަކާ ނުލައި ބިބުގައި ބޭނުންވާ ނަމެއް ޖެއްސެވެ.
ދުވުމުގެ ކުރީ ރޭ ކަމަށްވާ ޑިސެމްބަރު 10 ގައި ޕްރީ އިވެންޓް ހަރަކާތްތަކެއް ވެސް ރާވާފައިވެއެވެ. އެ ދުވަހު ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ބާއްވާއިރު، އެ ރޭ 8:00 އިން ދަންވަރު 12:00 އަށް މިޔުޒިކް ޝޯއެއް ވެސް އޮންނާނެއެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި ފަން ރަންގައި 7،500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް