ކުޑަކުދިންނަށް ޖިންސީ ގޯނާ: މުޖުތަމަޢުގައި މި ވަބާ އާންމުވާ ސަބަބުތަކާއި ހައްލުތައް - ދިރާސާތަކުގެ އަލީގައި

08 Nov 2026 | 04:00
ކުޑަކުދިންނަށް ޖިންސީ ގޯނާ: މުޖުތަމަޢުގައި މި ވަބާ އާންމުވާ ސަބަބުތަކާއި ހައްލުތައް  - ދިރާސާތަކުގެ އަލީގައި

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއަކީ މުޅި ދުނިޔެ ހިމެނޭ ގޮތަށް ފެތުރިފައިވާ ސީރިއަސް މައްސަލައެކެވެ. ބައިނަލްއަޤުވާމީ ދިރާސާތައް ދައްކާ ގޮތުން ދުނިޔޭގެ ނިސްބަތުން އެވެރެޖްކޮށް 18 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަންހެން ކުދިން އަދި އަށް އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ ފިރިހެން ކުދިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ކޮންމެ އަހަރަކު 18 އަހަރުން ދަށުގެ 120 މިލިއަން އަންހެން ކުދިން ޖިންސީ ގޯނާގެ ކޮންމެވެސް ބާވަތެއް ތަޖުރިބާ ކުރާ ކަމަށް ދިރާސާތައް ބުނެއެވެ.

ދިވެހިރާއްޖެއަށް ބަލާއިރު މި މައްސަލައިގެ ބޮޑުމިން ކަންބޮޑުވާ ދަރަޖައެއްގައި އޮތީ ކިހާ ވަރަކަށްކަން ތަފާސްހިސާބުތަކުން ސާފެވެ. ޔުނިސެފުގެ ދިރާސާއިން ދައްކާ ގޮތުން ދިވެހިރާއްޖޭގެ ކޮންމެ ތިން އަންހެން ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެއެވެ. ރާއްޖޭގެ ގާތްގަނޑަކަށް 15 އިންސައްތަ ކުޑަކުދިންނަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ.

ޔުނިސެފާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހެދި ނޭޝަނަލް ސްޓަޑީ އޮން ވައިލެންސް އެގެއިންސްޓް ޗިލްޑްރެން ދައްކާ ގޮތުން ސެކެންޑަރީ ސްކޫލް ޢުމުރުގެ 20 އިންސައްތަ — ކޮންމެ ފަސް ކުއްޖެއްގެ ތެރެއިން އެއް ކުއްޖެއް — އަންހެން ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާއިރު، ފިރިހެން ކުދިންގެ ނިސްބަތް ހުރީ 11 އިންސައްތައިގައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރު 264 ކުއްޖަކަށް، 2022 ވަނަ އަހަރު 265 ކުއްޖަކަށް، އަދި 2023 ވަނަ އަހަރު 278 ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވެއެވެ. 2026 ވަނަ އަހަރުގެ މެއި މަހު އެކަނި ވެސް 25 ކޭސް ރިޕޯޓުކޮށްފައިވެއެވެ — މާޗް މަހާ އަޅައިބަލާއިރު ގާތްގަނޑަކަށް ދެ ގުނައެވެ. މި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ގޯނާގެ ކޭސްތަކެވެ.

މި ވަބާ އާންމުވާ ސަބަބުތައް ކޮބާ؟

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އިތުރުވާ ސަބަބުތައް ގިނަގުނައެވެ. ދިރާސާތައް ދައްކާ ގޮތުގައި ފަރުދީ، ޢާއިލީ، މުޖުތަމަޢީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ތަފާތު ސަބަބުތައް ހިމެނެއެވެ.

ޢާއިލީ މާހައުލުގެ ނާޒުކުކަން

މެޓާ-އެނަލިޓިކް ރިވިއުތައް ދައްކާ ގޮތުން ޖިންސީ ގޯނާއަށް އެންމެ ބޮޑަށް މަގުފަހިވާ ރިސްކް ފެކްޓާތަކުގެ ތެރޭގައި ކުރިން ވެސް ކުއްޖާ ނުވަތަ ޢާއިލާގެ މެންބަރެއް އަނިޔާގެ ޝިކާރައަކަށް ވެފައި ހުރުން، ގޭތެރޭގައި އެހެން ބާވަތުގެ އަނިޔާ ހިނގުން، އަދި ބެލެނިވެރިޔާ ވެސް ކުޑައިރު އަނިޔާ ތަޖުރިބާ ކޮށްފައި ހުރުން ހިމެނެއެވެ.

ތުރުކީގައި ހެދި ކޮންޓްރޯލްޑް ދިރާސާއެއް ދައްކާ ގޮތުން ޖިންސީ ގޯނާގެ ރިސްކް ފެކްޓާތަކުގެ ތެރޭގައި ޢާއިލީ ދެބަސްވުންތައް، ބައްޕަގެ ތަޢުލީމީ ފެންވަރު ދަށްވުން، ޢާއިލީ އާމްދަނީ ދަށްވުން، އަދި ގޭތެރޭގެ އަނިޔާ ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޙާލަތަށް ބަލާއިރު، 2007 ވަނަ އަހަރުގެ މޯލްޑިވްސް ސްޓަޑީ އޮން ވިމެންސް ހެލްތު އެންޑް ލައިފް އެކްސްޕީރިއެންސަސް ދައްކާ ގޮތުން "ޢާއިލީ ފިރިހެން މެންބަރުންނާއި ދެކެފަރިތަ ފިރިހެނުންނަކީ ޖިންސީ ގޯނާގެ އެންމެ އާންމު ފާރާތްތައް" ކަމަށާއި، "ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއަކީ ގިނަ ފަހަރު ތަކުރާރުކޮށް ހިންގާ ކަމެއް" ކަން ފާހަގަކޮށްފައިވެއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމާއި ތޮއްޖެހުން

އޮސްޓްރޭލިއާގައި ހެދި ދިރާސާއެއް ދައްކާ ގޮތުން ގޭގައި މީހުން ގިނަވެ ތޮއްޖެހޭ ނަމަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރިސްކް 23 އިންސައްތައާއި 46 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެއެވެ. އެމެރިކާގައި ހެދި ދިރާސާއެއްގައިވެސް ދެއްކީ ތޮއްޖެހުން ބޮޑު ކައުންޓީތަކުގައި ޖިންސީ ގޯނާގެ ރޭޓު ފާހަގަކޮށްލެވޭ މިންވަރަކަށް މަތި ކަމެވެ.

މާލެ ފަދަ ކުޑަ ސަރަޙައްދެއްގައި ގިނަ ޢާއިލާތައް ތޮއްޖެހިގެން ދިރިއުޅޭ ރާއްޖެ ފަދަ ތަނެއްގައި މިއީ ވަކިން ބޮޑަށް ސަމާލުވާންޖެހޭ ސަބަބެކެވެ. ކުޑަ ޖާގައެއްގައި ގިނަ ބައެއް ތިބޭއިރު ކުދިންގެ ޕްރައިވެސީ ގެއްލި، ނިދާ ތަނާއި ފެންވަރާ ތަންތަން ހިއްސާކުރާން ޖެހޭ ޙާލަތްތަކުގައި ކުދިން ނާޒުކު ޙާލެއްގައި ތިބެއެވެ.

ޙަރާމް ކޮންޓެންޓާއި ޕޮނޮގްރަފީގެ ނުފޫޒު

ދިރާސާތައް ފާހަގަކުރާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ފަހަތުގައި ނަފްސާނީ، އިޤްތިޞާދީ އަދި ޖިންސީ ފެކްޓާތައް ހިމެނެއެވެ. ސޯޝަލް މީޑިއާއާއި އިންޓަނެޓް މެދުވެރިކޮށް ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ފަސޭހައިން ލިބެން ހުންނަ ޖިންސީ ކޮންޓެންޓަކީ ޖިންސީ ގޯނާއަށް މީހުން ޑީސެންސިޓައިޒް ކޮށް، ނޯމަލައިޒް ކުރާ ބާރެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޑިޖިޓަލް ވަސީލަތްތަކާއި އޮންލައިން ގްރޫމިން

އޮންލައިން ގްރޫމިންއަކީ އިންޓަނެޓް މެދުވެރިކޮށް ބޮޑެތި މީހުން ކުޑަކުދިން ޖިންސީ ގޮތުން އެކްސްޕްލޮއިޓް ކުރާން ބޭނުންކުރާ އުކުޅެކެވެ. ޓެކްނޮލޮޖީ ކުރިއަރާ ވަރަކަށް، ގޯނާ ކުރާ ފަރާތްތަކުގެ ވާސިލު ފުޅާވެ ފުރުޞަތު ބޮޑުވެއެވެ. ކުދިން ޑިޖިޓަލް ދުނިޔެއަށް ވަންނައިރު ނުދަންނަ މީހުންނާ މުޢާމަލާތުކުރުން ނޯމަލައިޒް ވެ، ގޯނާ ކުރާ ފަރާތްތައް ގޭމިން ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިއާއިން ކުދިން ޓާގެޓް ކުރެއެވެ.

2024ވަނަ އަހަރުގެ ސޭފް އޮންލައިން ގްލޯބަލް ރިޕޯޓް ދައްކާ ގޮތުން ކުޑަކުދިންގެ ޖިންސީ ގޯނާގެ މެޓީރިއަލް ރިޕޯޓް ކުރި ޢަދަދު 218 އިންސައްތަ ވަނީ އިތުރުވެފައެވެ. އޭއައި ޖެނެރޭޓެޑް ކޮންޓެންޓް 1،325 އިންސައްތަ އިތުރުވެފައިވާއިރު، ގޭމިން ދުނިޔޭގައި 45 މިނެޓް ތެރޭގައި ކުއްޖަކު ހައި-ރިސްކް ގްރޫމިން ހާލަތަކަށް ގެންދެވެއެވެ. ބައެއް ފަހަރު 19 ސިކުންތު ތެރޭގައެވެ.

ރިޕޯޓް ނުކުރުމާއި ހިމޭންކަމުގެ ސަގާފަތް

ދިވެހިރާއްޖޭގައި ޖިންސީ ގޯނާ ރިޕޯޓް ނުކުރުމުގެ ފަހަތުގައި "އެފަދަ ކަންކަން ގޭތެރޭގައި ޙައްލުކުރާންޖެހޭ، ޢާއްމުންގެ ތެރޭގައި ވާހަކަ ނުދެއްކޭ ކަންކަމެއް" ކަމުގެ ވިސްނުން ފެތުރިފައިވެއެވެ. އަދި އިދާރާތަކުގެ ޤާބިލުކަމާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވުން ވެސް ހިމެނެއެވެ.

ލޯކަލް އެންޖީއޯ "އެޑްވޮކެޓިން ދި ރައިޓްސް އޮފް ޗިލްޑްރެން" ކަންބޮޑުވުން ފާޅުކޮށްފައި ވަނީ "ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ނޭނގި ފެތުރިފައިވާ ވަބާ" ޤައުމުގައި ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމާއި، ގިނަ ކޭސްތައް ކޮންމެ އަހަރަކު ވެސް ރިޕޯޓު ނުކޮށް ފޮރުވިފައި ހުންނަ ކަމަށެވެ.

ގާނާގައި ހެދި ދިރާސާއެއް ދައްކާ ގޮތުން މުޖުތަމަޢެއްގައި ޖިންސީ ގޯނާ ރިޕޯޓު ނުކުރެވި ހުންނަ ސަބަބުތަކުގެ ތެރޭގައި ފިރިހެނުންގެ ބާރު ފޯރާ ސަގާފީ ނިޒާމު، ރޭޕް މިތު ޤަބޫލުކުރުން، އަދި "ޖަމާޢީ ލަދު" ގެ ބިރު ހިމެނެއެވެ. މިއީ ދިވެހި މުޖުތަމަޢުގައި ވެސް ފެންނަ ކަންކަމެވެ. ޢާއިލާގެ ނަން ކިލަނބުވެދާނެ ކަމުގެ ބިރާއި، ކުއްޖާ ދޮގު ހަދާ ކަމަށް ބެލެވުމާއި، ގޯނާ ކުރާ މީހާއާ ޢާއިލީ ގުޅުން އޮތުމުން ހިމޭންކަން ޚިޔާރުކުރެވެއެވެ.

ޤާނޫނީ ނިޒާމުގެ ލަސްކަމާއި އިންސާފު ނުލިބުން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތައް ދަފްތަރެއްގައި ބެލެހެއްޓުމަށް 2009 ވަނަ އަހަރުގެ ޤާނޫނުން ލާޒިމުކޮށް، 2015 ވަނަ އަހަރު އެ ދަފްތަރު އޮންލައިންކޮށް ޝާއިޢު ކުރެވުނެވެ.  ނަމަވެސް ފަސް އަހަރުގެ ލަސްވުމަކަށް ފަހުއެވެ. ޖިންސީ ގޯނާގެ އެންމެ ބޮޑު އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް މައްސަލަތައް ކޯޓުގައި ދިގުލައި، ހެކި ނެތިގެން ދޫވާ ކޭސްތައް ގިނަވުމުން، ގޯނާ ކުރާ ފަރާތްތައް ހިތްވަރު ލިބި، ވިކްޓިމުން ނިޒާމާ މެދު މާޔޫސްވެއެވެ.

މިފަދަ ކަންކަމުގެ މަޢުލޫމާތު ނެތުން

ކުދިން ޖިންސީ ގޯނާއާ ބެހޭ ގޮތުން ހޭލުންތެރި ނުވާ ނަމަ ކުއްޖާއަށް ކުރެވޭ ކަމަކީ ގޯސް ކަމެއްކަން ދެނެގަންނާކަށް ނޭނގެއެވެ. ސްކޫލް ބޭސްޑް ޕްރޮގްރާމްތަކުގައި ޢުމުރާ އެކަށީގެންވާ ގޮތެއްގައި ކުދިންނަށް ދަސްކޮށްދެނީ ރަނގަޅު ބީހުމާއި ނުރަނގަޅު ބީހުމުގެ ތަފާތެވެ. ފަސޭހަނޫން ގޮތަކަށް ބީހެއްޖެ ނަމަ ކަންކުރާންވީ ކިހިނެއްކަމެވެ. ދިވެހިރާއްޖޭގެ ސްކޫލް މަންހަޖުގައި މިފަދަ ޕޭރެންޓިން އަދި ޗައިލްޑް ސޭފްޓީ ތަޢުލީމު މިހާރު ވެސް ހިމެނެމުން ދިޔަ ނަމަވެސް، އެ ތަޢުލީމުގެ ފެންވަރާއި ނަތީޖާ މިނެ ކިރާ ނިޒާމެއް އެކަށީގެންވާ ގޮތެއްގައި ގާއިމުވެފައެއް ނުވެއެވެ.

ދިރާސާތަކުން އެނގޭ ހައްލުތައް

ސްކޫލް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމްތައް

ދިރާސާ ހެކި ދައްކާ ގޮތުން ސްކޫލްތަކުގައި ޢުމުރާ ގުޅޭ ގޮތެއްގައި ޖިންސީ ގޯނާގެ ޙަޤީޤަތާއި ރައްކާތެރިވާނެ ގޮތް ކިޔަވައިދިނުން ނަތީޖާ ނެރެއެވެ. ޕެން ސްޓޭޓް ޔުނިވާސިޓީގެ ސޭފް އެންޑް ހެލްތީ ކޮމިއުނިޓީޒް އިނިޝިއޭޓިވް ގެ ނަމޫނާ ދައްކާ ގޮތުގައި، ކޮމިއުނިޓީ ބޭސްޑް އިންޓަވެންޝަނަކާއި، ސްކޫލް ބޭސްޑް އިންޓަވެންޝަނަކާއި، ބެލެނިވެރިންނަށް ޚާއްޞަ އިންޓަވެންޝަނެއް ގުޅިލާމެހިގެން ކުރިއަށްގެންދިއުމުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ފުރުސަތު ކުޑަކުރެވެއެވެ.

ބެލެނިވެރިން ހޭލުންތެރިކުރުން

ބެލެނިވެރިންނަށް ގޯނާގެ ޢަލާމާތްތައް ދެނެގަންނާނެ ގޮތާއި، ކުދިންނާ މިފަދަ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމަކީ ދިރާސާ ހެކި ހުރި ފިޔަވަޅެކެވެ. ގޯނާ ހިނގީ ކުއްޖާގެ ކުށުން ނޫންކަން ކުދިންނަށް ޔަޤީންކޮށްދީ، ވާހަކަ ދެއްކޭނެ ރައްކާތެރި މާޙައުލެއް ޤާއިމުކުރުން މުހިންމެވެ.

ކުދިންނާ ގުޅޭ މާހައުލުތައް ސެކިއުރިޓީ ވަރުގަދަ ކުރުން

ކުޑަކުދިންނާ ގުޅޭ ހުރިހާ މާހައުލެއް، ސްކޫލްތައް، ޖިމް، ކުޅިވަރު ކުލަބް، ޤުރުއާން ކުލާހުގައި މުވައްޒަފުންގެ ބެކްގްރައުންޑް ޗެކް ހެދުމާއި، ގޯނާ ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ސީދާ ގޯނާ މަދުކުރާ ކަމެއް ކަމަށް ދިރާސާ ހެކި ބުނެއެވެ.

ޑިޖިޓަލް ރައްކާތެރިކަން

ކުދިންގެ އޮންލައިން ޙަރަކާތްތައް ބެލެހެއްޓުމާއި، ގޭމިން ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިއާގައި ނުދަންނަ މީހުންނާ ވާހަކަ ދެއްކުމުގެ ނުރައްކާ ކިޔައިދިނުން ކީ ޒަރޫރީ ފިޔަވަޅެކެވެ. ބެލެނިވެރިންގެ ފާރަވެރިވުމަކީ ރައްކާތެރި ފެކްޓާއެއް ނަމަވެސް، އެ ޒިންމާ ހަމައެކަނި ބެލެނިވެރިންގެ ބޮލުގައި ނޭޅެއެވެ.

ރިޕޯޓިން ނިޒާމު ވަރުގަދަ ކުރުން

ޔުނިސެފުން ވެސް ދިވެހިރާއްޖެއަށް ފާހަގަކޮށްފައި ވަނީ ރިޕޯޓު ކުރުން ގިނަވީ ވަރަކަށް ސޯޝަލް ސާވިސް ޒިންމާދާރުވާން މަޖުބޫރުވާ ކަމަށާއި، އެ ޚިދުމަތް ވަރުގަދަ ކުރާން ޖެހޭ ކަމަށެވެ. ރިޕޯޓު ކުރާ ފަރާތްތައް ރައްކާތެރިކުރެވޭ ފުރިހަމަ ވިސިލްބްލޯވާ ނިޒާމެއް ހެދުމާއި، ކޮންމެ ރަށެއްގައި ޗައިލްޑް ޕްރޮޓެކްޝަން ފޯކަލް ޕޮއިންޓެއް ބެހެއްޓުމުން ރިޕޯޓުކުރާ ނިސްބަތް މަތިވެ، ފޮރުވިފައިވާ ކޭސްތައް ތިލަވެއެވެ.

ޝަރީޢީ ނިޒާމު އަވަސް ކުރުން

ކުޑަކުދިންނާ ގުޅޭ ޖިންސީ މައްސަލަތައް ކޯޓުގައި ނުހަނު ދިގުދެމިގެންދާ ޙާލަތު ބަދަލުކޮށް، ޚާއްޞަ ކޯޓު ނުވަތަ ފާސްޓް-ޓްރެކް ނިޒާމެއްގެ ތެރެއިން އިންސާފު އަވަހަށް ލިބޭ ގޮތް ހެދުމަކީ ނިޒާމީ ފެންވަރުގައި ނަގާންޖެހޭ ފިޔަވަޅެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ އެންމެ ކަމެއް ދެކަމެއްގެ ނަތީޖާއެއް ނޫނެވެ. ޢާއިލީ މާޙައުލު، ފަޤީރުކަން، ތޮއްޖެހުން، ޖިންސީ ކޮންޓެންޓަށް ފަސޭހައިން ވާސިލުވެވުން، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ނާޖާއިޒު ބޭނުންހިފުން، ޢިލްމީ ހޭލުންތެރިކަން ނެތުން، ހިމޭންކަމުގެ ސަގާފަތް އަދި ޤާނޫނީ ނިޒާމުގެ ލަސްކަން ފަދަ ގިނަ ފެކްޓާތައް ޖެހި ގެތިގެން ފެތުރޭ ވަބާއެކެވެ.

ހައްލު ވެސް އެއް ފެންވަރެއްގައި އޮވެގެން ނުފުދެއެވެ. ސްކޫލުން ފެށިގެން ގޭތެރެއާ ހަމައަށް، ޤާނޫނީ ނިޒާމުން ފެށިގެން ޓެކްނޮލޮޖީ ރެގިއުލޭޝަނާ ހަމައަށް، މުޅި މުޖުތަމަޢު ޝާމިލުވާ ފެންވަރުގައި ފިޔަވަޅު ނާޅާ ނަމަ މި ޢަދަދުތައް ތިރިއެއް ނުކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް