އަބޫދާބީއިން އިންޑިއާއެކު ގުދުރަތީ ގޭހުގެ އައު އެއްބަސްވުމެއް އެކުލަވާލައިފި

08 Nov 2026 | 02:24
އަބޫދާބީއިން އިންޑިއާއެކު ގުދުރަތީ ގޭހުގެ އައު އެއްބަސްވުމެއް އެކުލަވާލައިފި

އަބޫދާބީގެ ތެޔު ކުންފުނި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) އިން އިންޑިއާގެ ގުޖުރާތު އެނަރޖީ ލިމިޓެޑާއެކު 10 އަހަރު ދުވަހުގެ މުއްދަތަކަށް ލިކުއިފައިޑް ނެޗުރަލް ގޭސް ފޯރުކޮށްދިނުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުން ފެށިގެން، ޖުމްލަ 4 މިލިއަން މެޓްރިކް ޓަނުގެ ޤުދުރަތީ ގޭސް އަބޫދާބީއިން އިންޑިއާއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގޭސް ސަޕްލައިކޮށްދިނުމަށް ހަމަޖެހިފައިވަނީ އެޑްނޮކްގެ ފޮރިން އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ "އެކްސް.އާރު.ޖީ" މެދުވެރިކޮށެވެ. މިއީ އެކްސް.އާރު.ޖީ ގެ ބައިނަލްއަޤްވާމީ ޕޯޓްފޯލިއޯއިން ބޭރު މާކެޓަކަށް ގޭސް ވިއްކާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ އިންޑިއާއަށް ޤުދުރަތީ ގޭސް ފޯރުކޮށްދިނުމަށް އެޑްނޮކްއިން ސޮއިކުރި 5 ވަނަ އެއްބަސްވުމެވެ.

އިންޑިއާއަކީ ދުނިޔޭގައި ހަކަތައިގެ ޑިމާންޑް އެންމެ ހަލުވިކަމާއިއެކު އިތުރުވަމުން އަންނަ އެއް ޤައުމެވެ. އެ ޤައުމުގެ ސިނާއީ ކުރިއެރުމާއިއެކު، ގުދުރަތީ ގޭހުގެ ބޭނުން ވަރަށް ބޮޑަށް އަންނަނީ އިތުރުވަމުންނެވެ. އަދި ޔޫ.އޭ.އީ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިވަމުން އަންނަ މި ދަނޑިވަޅުގައި، ހަކަތައިގެ ޔަޤީންކަން ކަށަވަރުކުރުމަށް މިފަދަ ދިގު މުއްދަތުގެ އެއްބަސްވުންތަކަކީ ދެ ޤައުމަށްވެސް ވަރަށް މުހިންމު ކަންކަމެވެ. އެޑްނޮކްއިން އިންޑިއާގެ އެކި ކުންފުނިތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކުރަމުން ދަނީ އިންޑިއާގެ ގޭހުގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާ ބޮޑުކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް