އިއްބެގެ ސަޅި ޚިޔާލެއް: ރިޔާސީ ބަޔާނުގެ އިތުރަށް، ވަދާޢީ ބަޔާންވެސް މަޖިލީހަށް އިއްވުން!!

'ފެނުއަޑީގެ ކެންސަރު' ދައްކުވައިދޭ މޮޅު ކުރެހުމެއް ކުރަހައި އެއްވަނަ ލިބުމުން ވާހަކަދައްކަން ޕޯޑިއަމް އަށް އަރައި، އެހާމެ ގައްޑާ ވާހަކަތަކެއް ދެއްކި ހަނދާންވޭ ހެއްޔެވެ؟ 'ލަދޫ' ފަދަ ކޮމެޑީ ޑްރާމާތަކުގަ...

08 Nov 2018 | 13:38

'ފެނުއަޑީގެ ކެންސަރު' ދައްކުވައިދޭ މޮޅު ކުރެހުމެއް ކުރަހައި އެއްވަނަ ލިބުމުން ވާހަކަދައްކަން ޕޯޑިއަމް އަށް އަރައި، އެހާމެ ގައްޑާ ވާހަކަތަކެއް ދެއްކި ހަނދާންވޭ ހެއްޔެވެ؟ 'ލަދޫ' ފަދަ ކޮމެޑީ ޑްރާމާތަކުގައި ބެލުންތެރިން ހެއްވައިލި ހަނދާން ވޭހެއްޔެވެ؟ ދިވެހި ފިލްމު 'ދެރިޔާ' ގައި ހާޝިމްގެ ރޯލުން ފެނިގެންދިޔައީ ހެއްވާލަން ޖެހޭ ދަނޑިވަޅުގައި ހެއްވާލަދިން، ސީރިއަސް ވާންޖެހޭ ދަނޑިވަޅުގައި ސީރިއަސްކަން ދެއްކި ފަންނާނުގެ މަތިން ހަނދާންވޭ ހެއްޔެވެ؟

ދައްކަން މިއުޅެނީ 'މަހުރަބް އިއްބެ' ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ އިބްރާހިމް ރަޝީދު (އިއްބެ) ހުށައެޅި ސަޅި ޚިޔާލެއްގެ ވާހަކައެވެ. އިއްބެގެ ކޮމެޑީތަކުގެ ބަހުރުވައިންނަމަ، މޮޅު ޚިޔާލެއް ހުށައެޅުމަށްފަހު ނިކަން 'ގައްޑާ' ކޮށް ތަފްޞީލީ ބަޔާނެއްވެސް އިއްބެވަނީ ތިލަކޮށްލާފައެވެ.

ޓެލެވިޒަން މޯލްޑިވްސްގެ ސީނިއަރ މަޤާމެއް ފުރުއްވަމުން ގެންދަވާ އިބްރާހިމް ރަޝީދު (އިއްބެ) އަކީ އެއްވެސް އިރެއްގައި ސިޔާސީ ވެގެން އުޅުއްވާ ބޭފުޅެއްކަން އެނގިފައެއް ނެތެވެ. ނިމެމުން މިދާ ޔާމީނުގެ ސަރުކާރުގައި ޕީއެސްއެމް ހައިޖެކްކޮށް، އެތަނުގެ އިސްވެރިންގެ ބައެއް ބޭފުޅުން ސިޔާސީވެގެން އުޅުއްވާއިރުވެސް، އިއްބެގެ ފަރާތުން މިފަދަ ކަމެއް ފެނިފައެއް ނުވެއެވެ. ސިޔާސީވެގެން ގޮސް ބައެއް ބޭފުޅުން މަގުއޮޅޭ ހިސާބަށް ދެވުނުއިރުވެސް އިއްބެ ހުންނެވީ ސާބިތުކަމާއެކުގައި ކަމަށް ދެންނެވިދާނެއެވެ. އެހެން އޭރުވެސް އަދި މިހާރުވެސް އެ ހުންނަވަނީ ސިޔާސީ ވާން އެނގިނުލައްވައިގެންނެކޭ ދެންނެވޭކަށް ނެތެވެ. ހަރުދަނާ ސިޔާސީ ވާހަކަ ދައްކަވަން އެނގިނުލައްވާތީއެކޭވެސް ދެންނެވޭކަށް ނެތެވެ. މިކަމަށް ހެކިލިބޭ މިސާލެއް އިއްބެގެ ފޭސްބްކްގައި ކޮށްފައިވާ އަދާހަމައަކުން މިވަނީ ދައްކާފައެވެ.

މައުޟޫއިން ބޭރުން ގިނަވާހަކަތަކެއް ނުދައްކައި އިއްބެ ކޮށްފައިވާ ޕޯސްޓަށް ޖެހިލާނަމެވެ. ތިރީގައި މި ހުށައަޅައިލަނީ ދިވެހި ލެޓިނުން އިއްބެ ލިޔުއްވާފައި ޕޯސްޓްގައި ހުރި ޢިބާރާތްތައް، ތާނައަކުރުން ނެވެ.

"ދިވެހިރާއްޖޭގައި، ރިޔާސީ ބަޔާނުގެ އިތުރުން ރައީސުންގެ ވަދާޢީ ބަޔާން ވެސް ރައްޔިތުންގެ މަޖިލީހަށް އިއްވަން ޖެހޭގޮތަށް އޮންނަން ވަރަށް ފެނޭ. މި ވަދާޢީ ބަޔާނަކީ، ޓާރމް ފުރިހަމަ ނުކުރައްވާ އިސްތިޢުފާ ދެއްވާ ރައީސަކުވެސް ދެއްވާނެ ބަޔާނެއް.

މި ވަދާޢީ ބަޔާނުގައި:-

1-            ރިޔާސީ އިންތިޚާބުގެ 3 މަސް (މިސާލެއް) ކުރިން ފައްޓާވާފައިވާ މަޝްރޫޢްތަކުގެ ތަފްޞީލް

2-            ސިޔާސީ މަޤާމުތަކުގެ ޢަދަދު

3-            ޤައުމުގެ ފައިނޭންޝަލް ހާލަތު/ އަރަނި/ ދަރަނި/ ލޯނުގެ ޢަދަދުތަކާއި މިންވަރާއި، ހާލަތު

4-            މެނިފެސްޓޯ އިން ޙާޞިލްވި / ޙާޞިލް ނުވާ މިންވަރާއި ކަންކަން

5-            ގެދޮރުވެރިކަމުގެ ޙާލަތު

6-            އޯޑިޓް ރިޕޯޓްތަކަށް ފިޔަވަޅު އެޅުނު މިންވަރު

7-            ޤައުމީ ރިޒަރވްގެ ޙާލަތު

8-            ޤަރާރުތަކުގެ ސަބަބުތައް

9-            ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ކުރެއްވި ކަންކަމުގެ ތަފްޞީލާއި ސަބަބު

10-          ފޯރމަރ ޕްރެސިޑެންޓް (ކުރީގެ ރައީސްގެ) ހައިސިއްޔަތުން ކުރައްވަން ޚިޔާލުކުރައްވާ ކަންކަން.

މިއީ ހަމަ ޚިޔާލެކެވެ."

އިއްބެ ހުށައެޅުއްވި ޚިޔާލުތައް ހަމަގައިމުވެސް އަޅުގަނޑަށް ބަލައިގަނެވިއްޖެ އެވެ. ވަރަށްވެސް ފުރިހަމަ، އެހާމެ ބޭނުންތެރި ޚިޔާލުތަކެކެވެ. ރައީސްކަމުގެ މުއްދަތު ހަމަވެގެން ނުވަތަ މުއްދަތު ހަމަނުވެ އެއްވެސް ސަބަބަކާއި ހުރެ އިސްތިޢުފާ ދެއްވާފައި ވަޑައިގަންނަވާ ބޭފުޅަކު، ހަމަ ކޮންމެހެންވެސް ރައްޔިތުންނަށް ހިއްސާކުރައްވަން ލާޒިމު ކަންތަތަކެއްގެ މައްޗަށް ކުރުގޮތަކަށް އިއްބެ ކޮށްފައިވާ ޕޯސްޓްގައި ވަނީ އަލިއަޅުވާލާފައެވެ. އިއްބެގެ މި ސިޔާސީ ފިލާވަޅު ހިމެނޭ ޕޯސްޓަށް ތާއިދުކޮށް ކޮމެންޓްތައް ވަނީ ލިބެން ފަށާފައެވެ.  އިއްބެ ފާޅުކޮށްފައިވާ ޚިޔާލަކީ ހަމަ އަސްލުވެސް ވަރަށް ސަޅި ޚިޔާލެއް ނޫންތޯއެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް