މާލޭގައްޔާއި ދިވެހި މި ވެށީގައި އުޅޭ ބުޅާތަކަށް ދިވެހިން އިހުމާލުވާ މިންވަރު، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން މެދުވެރިކޮށް، އަންނަން އޮތް ސަރުކާރާއި ބަޔަކު ހިއްސާކޮށްފިއެވެ.
މިކަން ހިއްސާކޮށްފައިވަނީ ޝައިޚް އިމްރާނަށް ބަޔަކު ފޮނުވާފައިވާ ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ އެ ސިޓީގައި ހިމަނަން ބޭނުންވަނީ މި ވެށީގައި އުޅޭ ނިކަމެތި ޖަނަވާރެއްގެ ވާހަކަ ކަމަށާއި އަޅާލާނެ ފަރާތެއް ނެތި ބަނޑުހައި ހޫނުކަމާއި އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާ ބުޅާތަކުގެ ވާހަކަ ކަމަށެވެ.
"އަޅުގަނޑާއި ހެޔޮ އެދޭ އެތައް ބަޔަކު އެތައް އަހަރެއް ވަންދެން މި ވާހަކަތައް އެކި ސަރުކާރުތަކުގައި ތަކުރާރުކޮށް ދަންނަވައިފީމެވެ. އަދި ގެދޮރުތަކުގައި ގެންގުޅޭ ބުޅާތަކާއި މަގުތަކުގައި އަޅާލާނެ ވެރިއެއްނެތި އުޅޭ ބުޅާތަކަށް އެކަށީވެންގާ ސިއްހީ ހިދުމަތެއް ފޯރުކޮށްދެވޭވަރުގެ ކުޑަނަމަވެސް ވެޓެރިނަރީ ހިދުމަތެއް މި ގައުމުގައި ގާއިމް ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފީމެވެ. އެހެންނަމަވެސް، މިނިސްޓްރި އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މިހާތަނަށް ދެއްވަމުން ގެންދަވާ ޖަވާބަކީ، ސަރުކާރުގެ ގަވާއިދުތައް ހުރިގޮތުން އަދި މިފަދަ ވަސީލަތްތައް ގާއިމް ކުރެވެން ނެތްކަމެވެ." ޝައިޚް އިމްރާނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
https://twitter.com/ShimranAb/status/1060429559449841666
އެ ސިޓީގައި ބުނެފައިވަނީ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކިތަންމެ ކުރިއަރާ ދިޔަޔަސް އަޅުގަނޑުމެންގެ މެދުގައި އުޅެމުންދާ ޖަނަވާރުންނާމެދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަމަލުކުރަމުންދާ އަނިޔާވެރި ގޮތްތަކަކީ އެކަމާމެދު ހިތާމަކޮށް ލަދުގަންނަންޖެހޭ ފަދަ ކަންތައްތަކެއް ކަމަށެވެ.
މީގެ ތެރޭގައި ގަސްތުގައި ނުވަތަ ފަރުވާލެއް ނެތް އަމަލުތަކުގެ ސަބަބުން އެކްސިޑެންޓްތަކުގައި މަރާލެވެމުންދާ ބުޅާތަކާއި، ތިމާމެންގެ މަޖަލަށްޓަކއި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ބުޅާތައް މަރަމުންދިޔުން ވަނީ އިންތިހާއަށް ގިނަވެފައިވާކަމަށާއި މިފަދަ މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް ގެނެވުނު ނަމަވެސް ގާނޫނުން މިފަދަ އަމަލުތަކަށް އަދަބު ކަނޑްއެޅިފައިނެތްކަމަށް ވިދާޅުވެ މި މައްސަލަތައް ތަހްގީގު ކުރުމުގައާއި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސސްޖެހެމުންދާކަން ފާހަގަ ކުރެވޭ ކަމުގައި ބުނެފައިވެއެވެ.
"ނުވަތަ މިއީ، ގާނޫނު މާނަކުރުމުގައި އެކި މުއައްސަސާތަކުން ގެންގުޅޭ ތަފާތުގެ ސަބަބުން ޖަނަވާރުންނަށް އަނިޔާވެރިވުމުގެ ކުށުގެ މައްސަލަތަކަކީ ދައުވާކޮށް ޝަރިއަތް ހިންގުމަށްޓަކއި "އާންމު މަސްލަހަތު" ގެ ތެރޭގައި ހިމެނޭ ކަމށް އެ މުއައްސަސާތަކަށް ތަސައްވަރު ނުކުރެވުން ކަމުގައިވުންވެސް އެކަށީގެންވެއެވެ. އަދި މަގުމަތީގައި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ މި ބުޅާތަކަށް އަޅުގަނޑުމެންގެ ތެރެއިން ހެޔޮ އެދޭ ފަރާތްތަކުން ކާތަކެއްޗާއި ބޯފެން ފޯރުކޮށްދެމުންދާތީ ، އެކަމަށް ހުރަސް އަޅާ ދެކޮޅުވެރިކަން ދައްކަމުން ގެންދާ ފަރާތްތައްވެސް މަދެއް ނޫނެވެ. އަދި އެތަކެއްޗަށް ކާންދިނުން ހުއްޓުވުމަށްޓަކައި އެ ބުޅާތައް މަރަމުންދާކަންވެސް ހިތާމަޔާއެކު ފާހަކުރަމެވެ." އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީ ޓްވީޓް ކުރައްވަމުން ޝައިޚް އިމްރާން ވިދާޅުވެފައިވަނީ އެ ސިޓީއަކީ ލިބުނު ކުޑަ މިނިވަންކަމާއެކު އޮފީހަށް ނިކުތުމުން ލިބުނު ފުރސަތަ ސިޓީ ކަމަށާއި އިސްލާމީ މުޖްތަމައުގައި ދިރޭތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފަ އޮންނަންޖެހޭ ކަމަށެވެ.
"މިއީ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާކަމެއް" ޝައިޚް އިމްރާން ވިދާޅުވެފައިވެއެވެ.
ޝައިޚް އިމްރާން އިތުރަށް ވިދާޅުވެފައިވަނީ މިއީ ކުރިއަށް އޮތްތަނުގައި ދައުލަތުގެ ނިޒާމުގެ ތެރެއިން ހައްލު ހޯދަންޖެހޭ ކަންކަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް