އެންވަޔަރްމެންޓު މިނިސްޓަރ ތާރިޤު އިބްރާހިމް ޕެރިހަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އ.ދ.ގެ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުން ނުވަތަ ކޮޕް 21 އަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 8 – 10 ބޭއްވޭ ޕްރިކޮޕް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިމަހުގެ 30 ޑިސެމްބަރު 11އަށް ފަރަންސޭސި ވިލާތުގައި ބާއްވާ ކޮޕް 21 ގައި އެޑަޕްޓް ކުރުމަށް މަސައްކަތްކުރެވެމުންދާ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އައު ޤާނޫނީ އެއްބަސްވުމަށް މަގުފަހި ކުރެވޭނެގޮތްތަކާއި މިއެއްބަސްވުމާއި ގުޅޭގޮތުން ޤައުތަކުގެ ޚިޔާލު އެއްގޮތް ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ ދަށުން މިހާރު ޢަމަލު ކުރެވެމުންދާ ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާތީ ބަދަލުގައި ޢަމަލުކުރާނެ އައު ޤާނޫނީ އެއްބަސްވުމެއް އެކުލަވާލާ މިއަހަރު ފަހުކޮޅު ޕެރިހުގައި ބޭއްވޭ ކޮޕް 21 ގައި ރަސްމީކޮށް އެޑަޕްޓް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިކަމުގައި އެއޯސިސްގެ މިދައުރުގެ ރިއާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ކުދި ޤައުމުތަކުގެ މަސްލަޙަތު ދިފާޢު ކުރުމުގައި ރާއްޖެއިން ދަނީ އިސްދައުރެއް އަދާ ކުރަމުންދާ އިރު، މިބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވަޑައިގަންނަވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިޘިއްޔަތުންނެވެ.
މި ބައްދަލުވުމުގައި 69 ޤައުމަކުން 72 އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް