ޕްރީކޮޕް ބައްދަލުވުމަށް ތިމާވެއްޓާއިބެހޭ މިނިސްޓަރު ފްރާންސަށް ފުރާވަޑައިގެންފި

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އ.ދ.ގެ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުން ނުވަތަ ކޮޕް 21 އަށް ތ...

08 Nov 2015 | 04:06

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އ.ދ.ގެ މުޢާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުން ނުވަތަ ކޮޕް 21 އަށް ތައްޔާރުވުމުގެ ގޮތުން ފަރަންސޭސިވިލާތުގެ ޕެރިހުގައި މިމަހުގެ 8 – 10 ބޭއްވޭ ޕްރިކޮޕް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް ފުރާވަޑައިގެންފިއެވެ.

މިއަދު ފެށޭ މިބައްދަލުވުމުގައި، މިމަހުގެ 30 ޑިސެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް، ފަރަންސޭސި ވިލާތުގައި ބޭއްވޭ ކޮޕް 21 ގައި އެޑަޕްޓްކުރުމަށް މަސައްކަތްކުރެވެމުންދާ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އައު ޤާނޫނީ އެއްބަސްވުމަށް މަގުފަހި ކުރެވޭނެގޮތްތަކާއި އަދި މިއެއްބަސްވުމާއި ގުޅޭގޮތުން ޤައުތަކުގެ ޚިޔާލު އެއްގޮތް ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ތިމާވެއްޓާއިބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މިބައްދަލުވުމުގައި، މިނިސްޓަރ ބައިވެރިވަޑައިގަންނަވަނީ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން އެއޯސިސް ތަމްސީލު ކުރެއްވުމަށެވެ.

މޫސުމަށްއަންނަބަދަލުތަކާއިބެހޭމުޢާހަދާގެ ދަށުން މިހާރު ޢަމަލު ކުރެވެމުންދާ، ކިޔޯޓޯ ޕްރޮޓޮކޯލުގެ މުއްދަތު 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާތީ، ބަދަލުގައި ޢަމަލުކުރާނެ އައު ޤާނޫނީ އެއްބަސްވުމެއް އެކުލަވާލާ މިއަހަރު ފަހުކޮޅު ޕެރިހުގައި ބޭއްވޭ ކޮޕް 21 ގައި ރަސްމީކޮށް އެޑަޕްޓް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިނިސްޓްރީން ހާމަކުރާ ގޮތުގައި މިކަމުގައި އެއޯސިސްގެ މިދައުރުގެ ރިއާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން، ކުދި ޤައުމުތަކުގެ މަސްލަޙަތު ދިފާޢުކުރުމުގައި ރާއްޖެއިން ދަނީ އިސްދައުރެއް އަދާ ކުރަމުންނެވެ.

މި ބައްދަލުވުމުގައި 69 ޤައުމަކުން 72 އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް