N/A
ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން ރާއްޖޭގައި ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު މިއަދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މި ފަހުމުނާމާގެ އެންމެ ބޮޑު އަމާޒަކީ ފިޒިއޮތެރަޕީގެ ތައުލީމީ ފުރުސަތުތައް ފުޅާކޮށް ޕްރޮފެޝަނަލް ތަރައްގީ އާއި ދިރާސާގެ ދާއިރާ ހަރުދަނާކޮށް ސިއްހީ ހިދުމަތުގެ ފެންވަރު އެއް ހަރުފަތް މައްޗަށް ޖެއްސުމެވެ. މި ގުޅުމުގެ ތެރެއިން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ފިޒިއޮތެރަޕީ ތަމްރީނު ހިންގައި ހުނަރުވެރި ދިވެހި މަސައްކަތު ފައުޖެއް ބިނާކުރުމަށް ދެ މުއައްސަސާ އެކުގައި މަސައްކަތްކުރާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ދާއިމީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާއި ދޮށީ އުމުރުގެ އާބާދީ ރާއްޖޭގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި ގާއިމުކުރެވުނު މި ޕާޓްނާޝިޕްގެ ދަށުން މާލެ ފިޔަވައި އަތޮޅުތެރޭގައި ވެސް ރިހެބިލިޓޭޝަން ހިދުމަތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކުރުމަށް ރޭވިފައިވެއެވެ. ޖިއޮގްރަފީގެ ގޮތުން ރާއްޖެ ބެހިފައި އޮންނަ ގޮތުން ހިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް ހުރިހާ ރައްޔިތުންނަށް ވެސް ފެންވަރު ރަނގަޅު ފިޒިއޮތެރަޕީ ލިބޭނެ މަގު ފަހިކުރުމަކީ މި އެއްބަސްވުމުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއެންޔޫން ބުނެފައިވެއެވެ.
މީގެ އިތުރުން އިލްމު ބަދަލުކުރުމާއި ދިރާސާ ހެދުމާއި ގާބިލުކަން ވަރުގަދަކުރުމުގެ އެތައް ފުރުސަތެއް މި ގުޅުމުން ފެންނާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބަލިތަކުން ރައްކާތެރިވުމާއި ހެލިފެލިވެ އުޅުމުގެ ގާބިލުކަން ރަނގަޅުކުރުމާއި ފަރުދީ ބާރުވެރިކަން ހޯދައިދިނުމުގައި ފިޒިއޮތެރަޕީ އަދާކުރާ ދައުރު އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި އެއްބާރުލުމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ކަމުގައިވާ ދުޅަހެޔޮ ސިއްހަތު (އެސްޑީޖީ 3) ފެންވަރު ރަނގަޅު ތައުލީމު (އެސްޑީޖީ 4) އަދި ގުޅިގެން މަސައްކަތްކުރުން (އެސްޑީޖީ 17) ހާސިލުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެއެވެ. ދެ މުއައްސަސާ ގުޅިގެން ދުޅަހެޔޮ އަދި ހުނަރުވެރި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ އުންމީދު އެމްއެންޔޫ އާއި އެމްޕީއޭ އިން ފާޅުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް