ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ގަވައިދެއް އެކުލަވާލައިފި

'ދުންފަތުގެ ބާވަތްތައް ޕެކޭޖު ކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު' ގެ ނަމުގައި ގަވައިދެއް ހަދައިފި އެވެ. މި ގަވައިދު ހަދާފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާ އާއި އެކު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން...

08 Sep 2017 | 10:30

'ދުންފަތުގެ ބާވަތްތައް ޕެކޭޖު ކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު' ގެ ނަމުގައި ގަވައިދެއް ހަދައިފި އެވެ.

މި ގަވައިދު ހަދާފައިވަނީ އެޓާނީ ޖެނެރަލްގެ ލަފާ އާއި އެކު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުންނެވެ. މި ގަވައިދަށް އަމަލު ކުރަން ފަށާނީ ގެޒެޓް ކުރުމާއެކުގަ އެވެ. އެ ގަވާއިދު ހިނގާނީ ވިޔަފާރިވެރިންގެ މައްޗަށާއި ދުންފަތުގެ ބާވަތްތައް އުފައްދައި، އޭގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައްޗަށެވެ.

މި ގަވައިދުގައިވާގޮތުން އެންމެ މަދުން ވިއްކަން ޖެހޭނީ ސިނގިރޭޓު ފޮއްޓެކެވެ. ވަކިން ސިނގިރޭޓެއް ނުވިއްކޭނެ އެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައް 30 ގްރާމަށް ވުރެން މަދުން ނުވިއްކޭނެ އެވެ.

ގަވާއިދުގައިވާ ގޮތުން ސިނގިރެޓް ފޮށިތަކާއި އެ ނޫން ވެސް ދުންފަތާ ގުޅުން ހުރި ބާވަތްތަކުގައި ހިމެނޭ އިންޒާރުގެ މެސެޖްތައް މިހާރަށް ވުރެ ގިނަ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ އެ މެސެޖުތަކުގައި ދުންފަތުގެ ގެއްލުން މިހާރަށް ވުރެން ބޮޑަށް ކިޔައިދީ އޭގެން ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލު ގޮތެއްގައި ހިމަނަން ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ބޯޑުން ބުނީ ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ގަވައިދު އެކުލަވާލަން ނިންމީ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ ވަކި ސިނގިރޭޓު ގަނެގެން ކަމަށްވާތީ ކުދިން އެކަމުން ދުރުކުރުމަށް ބާރު އެޅުމަށް ކަމަށެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުމުން ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހާފައިވާ އިންޒާރުގެ މެސެޖެއް ދެވޭލެއް ކުޑަވާތީ އެވެ.

މި ގަވައިދު މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވާފަ އެވެ.

ވަކިން ސިނގިރޭޓު ނުވިއްކުމަކީ ވަރަށް ގިނަ ގައުމުތަކުގައި ދުންފަތް ކޮންޓްރޯކް ކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް