ޔަމަންގެ ހޫތީންނާ ހަނގުރާމަކުރަން ބަހްރޭނު ރަސްގެފާނުގެ ދަރިކަލުން ފޮނުއްވަން ނިންމަވައިފި

ޔަމަނުގެ ހޫތީންނާ ދެކޮޅަށް އަރަބި ކޯލީޝަނުން ހިންގަމުން އަންނަ ހަނގުރާމައިގާ ބައިވެރިވުމަށް ބަހްރޭނުގެ ރަސްގެފާނުގެ ދަރިކަލުން ފޮނުއްވަން ނިންމާފައި ވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ. އަރަބި ނޫހެ...

08 Sep 2015 | 02:01

ޔަމަނުގެ ހޫތީންނާ ދެކޮޅަށް އަރަބި ކޯލީޝަނުން ހިންގަމުން އަންނަ ހަނގުރާމައިގާ ބައިވެރިވުމަށް ބަހްރޭނުގެ ރަސްގެފާނުގެ ދަރިކަލުން ފޮނުއްވަން ނިންމާފައި ވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.

އަރަބި ނޫހެއް ކަމަށްވާ އަޝާރޤް އަލް އަވްސަތު ނޫހުގައި ބުނެފައިވަނީ ގައުމީ ދަރިއެއްގެ ވާޖިބު ކުރަން ބަހްރޭނު ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދަރިކަލުން ޝެއިޚް ހާލިދު ބިން ހަމަދު ޔަމަނުގައި ހަނގުރާމަ ކުރަމުން އަންނަ ބަހްރޭނުގެ ފައުޖުގައި ބައިވެރިވުމަށް ފޮނުވަން ނިންމަވާފައި ވާކަމަށެވެ.

ބަހްރޭނުގެ ރަސްގެފާނުގެ މި ނިންމެވުން ނިންމަވާފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހޫތީން ދިން ހަމަލާއެއްގައި ބަހްރޭނުން ޔަމަނަށް ފޮނުވާފައިވާ ފައުޖުގެ ފަސް މީހަކު މަރުވެފައި ވަނިކޮށެވެ. ހޫތީންގެ އެ ހަމަލާގައި އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ ސިފައިންގެ 45 މީހަކާއި ސައުދީ އަށް ނިސްބަތްވާ ސިފައިންގެ 10 މީހަކުވެސް ވަނީ މަރުވެފަ އެވެ.

އެ ނޫހަށް މައުލޫމާތު ދެއްވަމުން ބަހްރޭނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ ރަސްގެފާނުގެ އެ ނިންމެވުމަކީ މިހާތަނަށް ނިންމެވި އެފަދަ ފުރަތަމަ ނިންމެވުން ކަމަށާއި ރަސްގެފާނުގެ ދޮށީ ދަރިކަލުން ގައުމީ ވާޖިބު އަދާކުރައްވަން ފޮނުއްވަން ނިންމެވީ ރަސްގެފާނުގެ ދަރިކޮޅަކީ ގައުމަށް ވަފާތެރި، ކުރިމަތިލާން ޖެހޭ ކޮންމެ ކަމެއްގައި ކުރިމަތިލާނެ ދަރިކޮޅެއްކަން ސާބިތު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޔަމަނުގައި ހޫތީންއާއި ދެކޮޅަށް ހަނގުރާމަކުރަން ރަސްގެފާނުގެ ދަރިކަލުން ފޮނުއްވަން ބަހްރޭނުގެ ރަސްކަލުން ނިންމަވާފައި ވާއިރު ގަތަރުންވެސް ވަނީ އަރަބި ކޯލީޝަންގައި ބައިވެރިވާނެކަން އިއުލާނުކޮށް 1000 ސިފައިން ފޮނުވާނެކަން އިއުލާނު ކޮށްފަ އެވެ. އަދި ސޫދާނުންވެސް 6000 ސިފައިން ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް