''އެހެންވިއްޔާ ދަރިފުޅުވެސް ހަމްޒާ މަތިން ހަނދާން ނައްތާލާ......... އެފަދަ މީހުންނާ ރަނގަޅުވާނީ ދުރުން އުޅުނިއްޔާ.......... މިވީހާ ދުވަހުވެސް ދަރިފުޅަށް އެއްވެސްކަމެއް ދަތިވިޔަ ނުދެމެއްނު....... އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގަވެސް ދަރިފުޅު އުފަލުގަ ބެހެއްޓޭތޯ މަސައްކަތް ކުރާނަން........ ދެން ދޭ ކޮޓަރިއަށް........ މޫނުދޮވެ ނަމާދު ކޮށްލާ ........ އޭރުން ހިތަށް ހަމަޖެހުން ލިބޭނެ.......'' ރަޝީދު ނޫރާއަށް ވިސްނައިދިނެވެ.
ނޫރާވެސް ދެކޮޅު ހެދުމެއް ނެތި ތެދުވިއެވެ.
''އަދި އެއްވާހަކަ........ ދަރިފުޅު ފޯނު މިރޭ ބާއްވާ ބައްޕަ އަތުގަ......... އެންމެ ރަނގަޅު ނިންވާލާފަ ބޭއްވިޔަސް........'' ރަޝީދު ވިސްނީ ނޫރާ އަށް އަދިވެސް އެމީހުން ގުޅާފާނެ ކަމަށެވެ.
ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލުކޮށްލުމަށްފަހު ވުޟޫކޮށްގެން ނޫރާ ނަމާދު ކުރިއެވެ. ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރިއެވެ. އެނދުގައި އޮށޯތް ނަމަވެސް ނޫރާއަކަށް ނުނިދުނެވެ. ނިދޭނީ ކޮންފަދައަކުން ހެއްޔެވެ. ރުއިމުގެ ސަބަބުން ރަތްވެ، ދުޅަވެފައިވާ ދެލޯ މަރާލިޔަސް ލޮލުން ދިލަ ގަނައެވެ. ކަބަޑުމަތީ ބަހައްޓާފައިހުރި ފިނިފެންމާބޮނޑި އާ ދިމާއަށް ބަލަން އޮތް އިރު އެކި ދުވަސް މަތިން ބައްދަލުވެ، ހަމްޒާ ދައްކާފައިވާ ވާހަކަ ތައް ނޫރާ ހަނދާންވަމުންދިޔައެވެ. އަތުގައި އަޅާފައިވާ އަނގޮޓީގައި އަތްލެވޭ ކޮންމެ ފަހަރަކު، އެ އަނގޮޓި އަޅުވާދިން އުފާވެރި މަންޒަރު ސިފަވެއެވެ. އެރޭ ދެއްކި ހުރިހާ ވާހަކައެއް ލޯކުރިމަތިން ފެންނަފަދައެވެ. އެ އަނގޮޓި އިނލިން ނަގާ ފޮރުވަންވެސް ނޫރާ ކިތަންމެ ފަހަރަކު ހިތަށް އެރިމެއެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް ހަނދާންވަނީ ހަމްޒާ އެދުނު އެދުމާ، އެ އަނގޮޓި ދުވަހަކުވެސް އިނގިލިން ވަކި ނުކުރާނެ ކަމަށްބުނެ ނޫރާ ވީ ވަޢުދެވެ.
******
ގަދަ ނިދީގައި އޮތް ހަމްޒާ އަށް ހޭލެވުނީ އޭނާގެ ބައްޕަ ގޮވީމައެވެ. އެއީ ހަމްޒާގެ އަބަދުމެ ހާލެވެ. އިނގިލިން ގުނާލެވޭހާ މަދު ދުވަހަކު އޭނާ އަމިއްލައަށް ހޭނުލާ ވާހަކައެއް ނޫނެވެ. އާންމުކޮށް އޭނާއަށް ހޭލެވެނީ މަންމަ ނޫނީ ބައްޕަ ގޮވީމައެވެ. އެގޮތަށް ގޮވަންޖެހޭ ކޮންމެ ދުވަހަކު ހަމްޒާ ދެކެ މުސްތަފާ ހިތްހަމަ ނުޖެހެއެވެ. އެކަން ރަނގަޅު ކުރުމަށް އެދި އެތަކެއް ނަސޭހަތެއްވެސް ދޭމެއެވެ. އެހެނަސް ހަމްޒާ ހަމަ ދިނި ގަދައީއެވެ. އެލާމު ވިޔަސް ނުހޭލެވެނީއެވެ. ހޭލެވުނަސް އެލާމު އޮފްކޮށްލުމަށްފަހު ނިދެނީއެވެ. އެގޮތަށް އެކަން ތަކުރާރު ވަނީ ހަމްޒާ އަދާކުރަންޖެހޭ ވަކި ހާއްސަ ޒިންމާއެއް ނެތީމާ ކަމަށްވެސް ވެދާނެއެވެ.
ހަމްޒާ ތެދުވެ އެނދުގައި އިށީނުމުން އެހެން ދުވަސް ދުވަހާ ޚިލާފަށް މުސްތަފާ ކޮޓަރިން ނުކުންނާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި އެ އެނދުގައި ހަމްޒާގެ ގާތުގައި މުސްތަފާ އިށީނެވެ.
''ކިހިނެތްވީ ......... ބައްޕަ ކަމަކުތަ؟.....'' ހަމްޒާގެ އަޑުގައިވަނީ ނިދީގެ އަސަރެވެ. ގަދަކަމުން ލޯ ހުޅުވައިގެން އިންހެން ހީވެއެވެ.
''އާނ ........ މަންމަ ގޮވައިގެން މެލޭޝިޔާއަށް ފުރަން ޖެހިއްޖެ........ ލަސްކުރެވޭ ވަރަށްވުރެ ކަންތައްތައް ގޯސް............ ހޮސްޕިޓަލުން ދޫކޮށްލަމުންވެސް ޑޮކްޓަރުން ވަރަށް ބޮޑަށް ބާރުއެޅީ ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ގޮސް ޓެސްޓްތައް ހަދަން......... '' މުސްތަފާ ހަމަ ޤަސްދުގައި ދޮގެއް ހަދާލިއެވެ.
''އެ ކޮން ޓެސްޓެއް........ކީއްވެ އިމަޖެންސީކޮށް ފުރަންޖެހުނީ......... ގައިމު މަންމަ ބުނި މިހާރު ރަނގަޅޭ......... ތިހެން ކަންކަން ހުރިއިރު ބައްޕަ ކީއްވެ ކުރިން ނުބުނީ.......؟ ހަމްޒާ ނިދިފިލައިފިއެވެ.
''ކޮންމެ ކަމެއް ހަމްޒާ ގާތު އަކުރުން އަކުރަށް ބުނާކަށް ނުޖެހޭނެ........ މަންމަ ބަލިވެ ހޮސްޕޓަލުގައި އެޑްމިޓްކޮށްފަ އޮންވައެއް ނޫންތަ ހަމްޒާ ފުރައިގެން ދިޔަތާކަށް ދިޔައީ.......... ހަމްޒާއަށް ހަމްޒާ މަންމަ މުހިންމު ނަމަ.......، މަންމަގެ ހާލު ބެލުން އެއީ މުހިއްމު ކަމެއްކަމުގައި ދެކުނުނަމަ، ފުރައިގެން ނުދިޔައީސް.........'' އިތުރު ވާހަކަ ދައްކާނެ ފުރުސަތު ހަމްޒާއަށް ދޭކަށް މުސްތަފާ ބޭނުމެއް ނޫނެވެ. ވީމާ އޭނާ ބެލީ ހަމްޒާ ކުށްވެރިވާގޮތަށް ވާހަކަ ބައްޓަންކުރާށެވެ. އެހެން ނޫނީ އިތުރު ބަހަނާތަށް ގިނަވެ، ކުރަން އުޅޭ ކަންތަކަށް ހުރަސް އެޅޭނެކަން އޭނާއަށް އެނގެއެވެ.
''ކޮންއިރަކުން ފުރަނީ.........'' ހަމްޒާ ބަލަންބޭނުންވީ ފުރާއިރެކެވެ.
''މިއަދު ހަވީރު ............ '' މުސްތަފާ އެނދުން ތެދުވަމުން ބުނެލިއެވެ.
''އެކަމަކު މީހާ އަވަހަށް....... ބައްޕަ މިހާރު ޓިކެޓްވެސް ނެގީތަ.......''.ޓިކެޓް ނެގިއިރުވެސް އަންގާވެސް ނުލާ.......... ކިހިނެތް ކުއްލިއަކަށް ފުރާނީ..........'' ހަމްޒާ ނުތަނަވަސް ވާގޮތްވިއެވެ.
''ޓިކެޓް ނަގައިފިން ....... ދެން ހުރި ކަންކަންވެސް ހަމަޖައްސައިފިން........ ދެން މިކަން މި ނިމުނީ........ ހަމްޒާއަށް ކުއްލިއަކަށް ނުފުރެންވީ ސަބަބެއް ބައްޕަޔަކަށް ނުވިސްނޭ......... ދެން މާ ވާހަކަ ގިނަނުކޮށް ތައްޔާރުވެގެން އާދޭ ތިރިޔަށް....... ވިޔަފާރީގެ މުހިންމު ކަންކަން ނިންމާލަން ހަމްޒާގެ އެހީތެރިކަން ބޭނުންވާނެ........ އަވަސްކޮށްލާތި ........... ދެން ގޮވަން އަންނަން ޖެހިއްޖެއްޔާ ކަމަކުނުދާނެކަން ހަނދާންބަހައްޓާތި........'' މުސްތަފާ ދޮރާދިމާއަށް ހިނގައިގަތެވެ.
''އެކަމަކު ބައްޕާ........ ކުރިން ބުނެލިނަމަ........ މިހާ އަވަހަށް ކިހިނެއްތަ ތައްޔާރުވާނީ..............'' ހަމްޒާގެ ވާހަކަ އަޑުއަހާކަށް މުސްތަފާ މަޑެއް ނުކުރިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީން ނުކުތުމަށްފަހު އޭނާ ދޮރުލެއްޕިއެވެ. ހަމްޒާގެ ފަހު ޖުމުލަ އަޑު އަހަން ހުރީ ހަމައެކަނި ހަމްޒާއެވެ. އެ އަޑު ކޮޓަރީގެ ތެރެއަށް ފޭދިގެންގޮސް ހަމަހިމޭން ވެއްޖެއެވެ.
ހަމްޒާ ޗޮކެއް ކަނޑާލަމުން ފޫހި ކަމާއެކު އެނދުން ތެދުވިއެވެ. ފެންވަރަށް ވަނުމުގެ ކުރިން ނޫރާއަށް ގުޅާލަން ހަމްޒާ ބޭނުން ވިއެވެ. ފުރަން ޖެހޭ ވާހަކަ ކޮންމެހެންވެސް ނޫރާ ގާތު ބުނަން އޭނާ ބޭނުމެވެ. ރޭގައި ވަރުބަލި ވެފައި ހުރިވަރުން ނޫރާއަށް ގުޅާވެސް ނުލާ ނިދުނު ހަނދާން ވުމުން އޭނާ ދެރަވިއެވެ. މިހާރު ނޫރާގެ އެތަށް މެސެޖެއް ހުންނާނެކަމަށް ހަމްޒާއަށް ޔަޤީން ކުރެވުނެވެ. ފޯނު ބަލާލުމާއެކު އޭނާ އަށް ލިބުނީ މާޔޫސްކަމެވެ. ގަޑިން ދިހައެއް ޖެހިއިރު، ނޫރާގެ އެންމެ މެސެޖެއްވެސް ނެތުން އެއީ ވާން ޖެހޭނެ ގޮތެއް ނޫނެވެ. މި ވީހާތަނަށް ވީގޮތެއްވެސް ނޫނެވެ. ހަމްޒާ ހޭލާ އިރު ނޫރާގެ ދެތިން މެސެޖް ކޮންމެ ދުވަހަކުވެސް އޮންނާނެއެވެ. އެ މެސެޖްތަކުން ހިތަށް އުފާވެރިކަން ލިބޭފަދަ، ލޯބިވެތި މެސެޖްތަކެވެ. ހަމްޒާގެ ދުވަސް ފެށެނީ ނޫރާގެ ލޯބީގެ މެސެޖްތަކުން ލިއްބައިދޭ ހިތްހަމަޖެހުމާ އެކުގައެވެ.
ހަމްޒާ ވަގުތުން ނޫރާގެ ނަމްބަރަށް ގުޅާލިއެވެ. ފޯނު އޮތީ ނިވިފައެވެ. ދެތިން ފަހަރަކު ޑައިލް ކޮށްލުމުންވެސް ނުގުޅުނެވެ. ފިހާރަ ނަމްބަރަށް ގުޅާލުމުން ފޯނު ނެގީ ފިރިހެނެކެވެ. ސައުދު ބެއަށް ވެދާނެތީ ނޫރާ ކޮބައިތޯ އަހާކަށް ހަމްޒާއަކަށް ނުކެރުނެވެ. ފަހަރެއްގައިވެސް ސައުދުބެ ފަރާތުން ހަމްޒާގެ ބައްޕައަށް ހަމްޒާ ނޫރާ ހޯދަން ގުޅިކަން އެނގިދާނެތީއެވެ.
ފަހަރެއްގައި ފޯނުގެ ޗާޖު ހުސްވެގެން ނިވުނީ ކަމަށް ވެދާނެޔޭ ހަމްޒާގެ ހިތަށް ވިސްނާދެމުން، ހަމްޒާ ހިތްހަމަ ޖައްސާލިއެވެ.
*******
''ދަރިފުޅާ ހިނގާ ސައިބޯން ......... މަންމަ ހުންނާނެ ވަރަށްމީރުކޮށް ބަރަބޯ މަސްހުނި ހަދާފައި ......'' ދެލޯ މަރާލައިގެން އެނދުގައި އޮތް ނޫރާގެ މަގަތުން ޒަރީނާ އެނދުގައި އިށީނދެލިއެވެ.
ނޫރާ ދެލޯ ހުޅުވާލި ނަމަވެސް އެ ލޮލުގައި އެއްވެސް އުޖާލާކަމެއް ނެތެވެ. ފަރިވެ ފޮޅިފައި އިންނަ މަލެއްފަދަ އެ މޫނުމަތީގައި މިއަދު އެއްވެސް ތާޒާކަމެއް ނެތެވެ. އެ ރީތި ތުންފަތް ވަނީ ހިކިފައެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ.
''ދަރިފުޅު ދެން ތިޔަހެން ދެރަވެފަ އޮތީމަ މަންމަމެން ކިހާ ދެރަވާނެ......... ދެން ތެދުވޭ....... ކަންކަމާ ކުރިމަތިވީމާ ޖެހޭނީ ﷲ އަށް ޝުކުރުކޮށް، ދުޢާކުރަން......... ހިތްވަރު ކުރަންވާނެ......... އަބަދުވެސް އުންމީދު ކުރަންވާނީ މިއަދަށް ވުރެ މާދަމާ ރަނގަޅުވާނެކަމަށް.........'' ނޫރާގެ ހާލު ފެނިފައި ޒަރީނާ ހިތަށް ނުހަނު އަސަރުކުރިއެވެ.
''މިރެއަށް މަސް ފިހަންވެގެން ބައްޕަ އެބައުޅޭ މަހެއް ލިބޭތޯ އާދަމްބެ މެންނާއެކު ފަރުމަހަށް ދާން...... މިރޭ ވާނެ ޒުހުދާއްތަ މެންގޭ ކުދިންނަށްވެސް ކާން ގޮވާލަން ދޯ........ ލަޔާލަށް ވެސް ނިކަން މީރެއްނު ފިހުނުމަސް........ ދެން ހިނގާ މަންމައާ އެކު އެފަރާތަށް....... ތިހެން އެކަނި އޮވެ ވިސްނީމާ ކަމަކުނުދާނެ.........'' ޒަރީނާ ނިކަން ލޯބިން ނޫރާއަށް ވިސްނައިދިނެވެ. ހިތްވަރު ދިނެވެ.
''ބައްޕަ އެހާ ބަލިވެ ހުރެވެސް މަހަށް ދަނީތަ........'' ނޫރާ މަޑުމަޑުން އަހާލިއެވެ. އޭނާގެ ބައްޕަގެ ބަލިހާލާ މެދުގައި ނޫރާ ކަންބޮޑުވިއެވެ. ލޭގެ ޕްރެޝަރު ދަށް ނުވާތާ ދެތިން ދުވަސް ވެފައިވާއިރު، އަބަދުހެން އުޅެނީ ބޮލަށް ބަރުވެ، ބޯ އަނބުރާތީއެވެ. ރޭގައި ވެސް ބޯއަނބުރާތީ އުޅުނުކަން ނޫރާ ހަނދާންވިއެވެ.
''ބައްޕަވެސް ރައްޓެހިންނާއެކު އެގޮތަށް ގޮސްލީމަ ހިތްހަމަޖެހޭނީ....... އެހެންނޫނަސް މިއަދު އެހާ ގޯހެއްނޫން........ބޮލަށްވެސް ލުއި ވާހަކަ ބުނީ....... ދެން ތެދުވެ މޫނު ދޮވެލާ ރީތިވެލައިގެން އާދޭ ....... މަންމަ ސައިތަށި ގިރަންވާއިރަށް ދަރިފުޅު އަންނާތި އިނގޭ......'' ޒަރީނާ ކޮޓަރިން ނުކުތީ ނޫރާ ފާޚާނާއަށް ވަނީމައެވެ.
******
ހަމްޒާ ސައިބޯން އިން އިރުވެސް އިރުއިރުކޮޅާ ފޯނު ބަލާލައެވެ. އޭނާގެ ހަރަކާތްތަކާ މޫނުގެ ކުލަވަރު ގުޅުވާލުމުން ވެގެން އުޅޭގޮތް އެނގޭ ހަމައެކަނި މީހަކީ ހަމްޒާގެ ބައްޕަ މުސްތަފާއެވެ. އެހެނަސް މުސްތަފާ އެކަން އެނގޭ ކަމަކަށް ނުހަދައެވެ. ހަމްޒާ ސައިބޮއި ނިމެންދެން އޭނާ އެއިނީ އިންތިޒާރުގައެވެ. މިއަދު ނޫރާއަށް ގުޅާލާނެ ފުރުސަތެއް ހަމްޒާއަށް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ.
ފުރުމުގެ ކުރިން ހަމަޖައްސަން ޖެހޭ ވިޔަފާރީގެ ކަންކަމުގައި މުސްތަފާއާއެކު ހަމްޒާ އުޅުނު ކަމުގައި ވިޔަސް، ހަމްޒާ ނޫރާގެ ނަމްބަރަށް އިރުއިރުކޮޅަކާ ގުޅައެވެ. އޭނާއަށް އެގޮތުގައި ކެތް ކުރެވުނީ މެންދުރު ފަހާ ޖެހެންދެނެވެ. ވާނީވެސް އެހެންތާއެވެ. ނޫރާއަށް ނުގުޅި ވޭތިވާ ކޮންމެ މިނިޓެއް އޭނާއަށް ހީވަނީ އެތައް އިރެއް ހެންނެވެ. އަނެއްކޮޅުން ފުރަން އެއަރޕޯޓަށް ދާގަޑި ކައިރިވަމުންދަނީއެވެ. އެންމެ ފަހުން އޭނާ ލަޔާލްއަށް ގުޅާލިއެވެ. އެހެންނަމަވެސް ފޯނަށް ޖަވާބު ނުދޭތީ ލަޔާލްއާވެސް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. ހަމްޒާގެ ހިތަށް ނުތަނަވަސްކަން ވެރިވާންފެށިއެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. މުސްތަފާގެ އާއިލާ އޭނާގެ އަގުބޮޑު ކާރުގައި ހައިވޭ މަތިން އެއަރޕޯޓާ ދިމާއަށް ދަތުރު ކުރަމުންދަނީއެވެ. ޑްރައިވަރާ ޖެހިގެން ކުރީ ޝީޓުގައި ހަމްޒާ އިން އިރު އޭނާގެ މޫނުގެ ކުލަވަނީ އޮއްސިފައެވެ. ނޫރާއަށް ނުގުޅި ފުރަން ޖެހުމަކީ އޭނާއަށް ކުރެވޭވަރަށް ވުރެ އުނދަގޫކަމެކެވެ. އެކަމަކުވެސް ކުރާނީ ވަކި ކީއްހެއްޔެވެ. ދަންނަ މާ ގިނަ މީހުނެއް އެރަށުގައި ނުތިބޭނެއެވެ. ދަންނަ މީހަކު ހުއްޓަސް އޭގެން މީހަކަށް ގުޅާނެ ނަމްބަރެއް ހޯދިފައެއް ނެތެވެ.
*******
ހަމަ އެވަގުތެވެ. ޒަރީނާ ބަދިގެ ތެރޭގައި އަވަދިނެތި އުޅުނީ ރޭގަނޑަށް ކެއްކުމުގެ މަސައްކަތުގައެވެ. ނޫރާވެސް އަތްގާތްކޮށްދީ ބައެއް ކަންކަން ކުރުމުގައި ވަގުތުކޮޅެއް ހޭދަކުރިއެވެ. އެހެނަސް ރޭގައި ނުނިދާ ހުރުމުގެ ސަބަބުން ބޮލުގައި ރިއްސާތީ، ބޭސްގުޅައެއް ކައިގެން ނޫރާ އޮށޯވެލީއެވެ.
ކޮށާފައިހުރި ފިޔާކޮޅު ތެއްޔަކަށް އަޅާމުމަށްފަހު އުނދުންމައްޗަށް އުދާލިއެވެ. ފިޔާކޮޅު މީރު ކުރަންފެށިތަނާ ފޯނު ރިންގުވާން ފެށިއެވެ.
ދެލޯ ކުޑަކޮށްލަމުން، ފޯނުގެ ސްކްރީނުގައި އޮތް ނަމްބަރަށް ޒަރީނާ ފޯކަސްކޮށްލިއެވެ. ލޯ އަނދިރިކަމުން ކައިރިން ބަލަން އުނދަގޫކަމުންނެވެ. ގުޅަނީ ފޯނުގައި ސޭވްކޮށްފައިވާ ނަމްބަރަކުން ނޫނެވެ. ޒަރީނާގެ ފޯނުގައި އޭނާގެ ތިމާގެ މީހުންނާ ރައްޓެހިންގެ ނަމްބަރުތައް ސޭވްކޮށްފައި ވަނީ ދިވެހި ބަހުންނެވެ. ޒަރީނާއަށް ގުޅާމީހަކު ދެނެގަންނަން ފަސޭކަ ކުރުމުގެ ގޮތުންނެވެ.
''ކާކުބާ.........؟'' ޒަރީނާ ހިތާ ހިތާ ކިޔާލިއެވެ. އަދި ކަންފަތުގައި ފޯނު ޖައްސާލަމުން ''އައްސަލާމް ޢަލައިކުމް'' އޭ ބުނެލިއެވެ.
''އާނ.......ހަލޯ.........ވަޢަލައިކުމް ސަލާމް.......ހަލޯ.......'' ޒަރީނާ ކަންފަތުގައި ޖެހުނީ ފިރިހެން އަޑެކެވެ. އެ އަޑުގައިވާ ނުތަނަވަސްކަން ޒަރީނާއަށް ފާހަގަ ކުރެވުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 10 އޭޕްރީލް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރު ކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް