''ނޫރާ ޕްލީސް ........ ދެން ނުރޮއި ހުއްޓާލާ......... ނޫރާ ތިގޮތަށް ރޯތީ އަހަރެން ވަރަށް ދެރަވޭ.........'' ލަޔާލް ދެވަނަ ފަހަރަށްވެސް މަސައްކަތް ކުރީ ނޫރާގެ މޫނުގައި އަޅާފައިވާ ދެއަތް ނައްޓާލެވޭތޯއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ލަޔާލް ބޭނުންވީ ނޫރާ ބޭނުން ވަރަކަށް ރޯން އޭނާ ބޭންދުމަށެވެ. ބައެއްފަހަރު ރޯލުމަކީވެސް ހިތަށް ލުއިކަން ލިބޭ ކަމެކޭ ބުނާތީ އޭނާއަށްވެސް އިވިފައިވެއެވެ.
''މި ގުޅަނީ ހަމްޒާއަށް........'' އެތައް އިރެއްވީ އިރުވެސް ނޫރާ ރުއިން ހުއްޓާ ނުލުމުން، ލަޔާލް ބޭނުންވީ ހަމްޒާއަށް ގުޅާށެވެ.
''ނޫން...........'' ނޫރާއަށް ގިސްލުމުގެ ތެރެއިން ބުނެވުނެވެ. މޫނުމަތިން ދެއަތް ނެގުމަށްފަހު އޭނާ ދެލޯފޮހެލިއެވެ. ކާރުތެރޭގައި ހުރި ޓިޝޫފޮށި ލަޔާލް ނޫރާއާ ދިމާއަށް ދިއްކޮއްލިއެވެ. ނޫރާ ޓިޝޫފޮށީގައި ހިފުމަށްފަހު، ޓިޝޫއިން މޫނު ފޮހެލިއެވެ. ރުއިމުގެ ސަބަބުން ރަތް ވެފައިވައިވާ ދެލޮލުން، އޭރުވެސް ހިފެއްޓުމެއްނެތި ކަރުނަ ފައިބައެވެ.
''ހަމްޒާއަށް ގުޅާފަ ބުނަންވާނެ ނޫރާ........ އޭރުން ހަމްޒާއަށްވެސް އެނގޭނީ ވެގެންއުޅޭގޮތް .......... އަހަރެން ގުޅަންތަ...........'' ލަޔާލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޯގާތެރިކަމާއެކުގައެވެ.
ލަޔާލް އެތައް ވަރަކަށް ވިސްނައިދިނުމުންވެސް ހަމްޒާއަށް ގުޅާކަށް ނޫރާ އެއްބަހެއް ނުވިއެވެ. ބަދަލުގައި ލަޔާލް ޖެހުނީ ހަމްޒާއަށް މިއިން އެއްވެސް ކަމެއް ނާންގާނެ ކަމަށް ވަޢުދުވާށެވެ. ނޫރާ ހިތްހަމަޖައްސައި ދިނުމަށްޓަކައެވެ.
މަޑުމަޑުން ކާރު ދުއްވާފައި ގެއާ ހަމައަށް އާދެވުނު އިރުވެސް ނޫރާގެ ގިސްލުމުގެ އަޑެއް ނުކެނޑެއެވެ. އެކަމާ ލަޔާލް އިނީ ހަދާނެގޮތް ހުސްވެފައެވެ. ނޫރާއަށް ވެގެން އުޅޭގޮތް ބޮޑުދައިތައަށް އެނގިއްޖެނަމަ ވާނެ ގޮތަކާމެދު ލަޔާލް އިނީ ބިރުންނެވެ. މީގެ އިތުރުން، ލަޔާލްގެ ޒަމީރު އޭނާ ކުށްވެރި ކުރަމުންދަނީއެވެ. ހަޤީގަތުގަވެސް ނޫރާއަށް މިހެންމިވީ ލަޔާލްގެ ސަބަބުންނޭ ހިތަށްއަރާވަރުން ހިތަށް ދަތިކަންލިބެނީ އަމަށަކުވަރަކަށް ނޫނެވެ. އާނއެކެވެ. ހަމްޒާއަށް ލަޔާލް އެހީ ނުވިނަމަ ނޫރާގެ ލޯބި ހާސިލް ކުރުން ފަސޭހައެއް ނުވާނެކަން އެނާވެސް ޤަބޫލު ކުރެއެވެ. ހަމްޒާގެ މައިންބަފައިން ނުޤަބޫލުވާހަކަ ހަމްޒާ ބުނި ފުރަތަމަ ދުވަހު އެވާހަކަ ނޫރާ ގާތުގައި ބުނެވުނު ނަމައޭ ލަޔާލްގެ ހިތަށް އަރައެވެ. އެވާހަކަ ނުބުނެ ސިއްރު ކުރެވުނީތީ ލަޔާލްއަށް އޭނާގެ އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ.
''ނޫރާ ......... ދެން ހުއްޓާލާ........ ގެއަށް ވަންނައިރު ތިޔަހެން ރޮމުން ވަނީމާ މަންމަ ކީކޭ ހިތަށްއަރާނީ........'' ގޭގެ ދޮރާށި ކައިރިއަށް ކާރު މަޑުކުރުމަށްފަހު ލަޔާލް ވާހަކަ ދެއްކިއެވެ. ލަޔާލް އެވާހަކަ ދައްކާ ވަރަކަށް ނޫރާގެ ގިސްލުމުގެ އަޑު ދިޔައީ ގަދަވަމުންނެވެ.
''ބަލާބަލަ ........ދެލޯ ފޮހެފޮހެ ދެލޯ މިހާރު ތިހިރީ ދުޅަވެފަ....... މުޅި މޫނު ރަތްވެފަ.........'' ކާރުގެ އެތެރެ ބޮކި ދިއްލާލުމުން ލަޔާލް އަށް ނޫރާގެ މޫނު ރީތިކޮށް ފެނުނެވެ. ލަޔާލްގެ ހިތުގައި އުފެދުނު ކުލުނާ ހަމްދަރުދީގެ ސަބަބުން ކަމެއް ނޭނގެއެވެ. ނޫރާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން އިރު ލަޔާލްގެ ދެލޯ ފެންކަޅިވާގޮތް ވިއެވެ.
ހިނގާދެން ވަންނަމާ........ އެ ގުޅަނީ ނޫރާ ލަސްވެގެން.........'' ލަޔާލް ފޯނަށް ބަލާލަމުން ބުނެލިއެވެ. އެހެންނަމަވެސް ނޫރާއެކޭ ހަރަކާތެއް ނެތް ބުދެކޭ އެއްގޮތެވެ. ލަޔާލް ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑު އިވޭހެނެއް ހިޔެއް ނުވެއެވެ. އާނއެކެވެ. އޭނާގެ ކަންފަތުގައި ހަރުލާފައިވަނީ އެހެން އަޑެކެވެ. ހަމްޒާގެ ބައްޕަގެ އަޑެވެ. ނޫރާގެ ޅަ ސިނކުޑީގައި ވަކި ހިއްޕާލައިފަނީ މުސްތަފާގެ ހަރުކަށި ބަސްތަކާ ދިން އިންޒާރުތަކެވެ. އެފަދަ ކަމެއް ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ، ނޫރާފަދަ މައުސޫމު ކޮންމެ ކުއްޖަކަށްވެސް ވާނެ ގޮތް ނޫރާއަށް އިނީ ވެފައެވެ.
ނޫރާ އެހެން އިންނަންފެށުމުން ލަޔާލް ކާރުން ފޭބިއެވެ. އަދި ކާރުގެ އަނެއްފަޅިއަށްގޮސް ނޫރާ ފޭބުމަށްޓަކައި ދޮރު ހުޅުވާލަދިނެވެ. ދެންވެސް ނޫރާ ހަރަކާތެއް ނުކުރިއެވެ. ލޮލުން ފައިބާނެ ވަރަކަށް ކަރުނަ ފައިބަން ދޫކޮށްލައިގެން އިނީއެވެ. ލަޔާލް މަޑުމަޑުން ނޫރާގެ އަތުގައި ހިފިއެވެ. ނޫރާ ސިހިފައި ބަލާލި ގޮތުން އޭނާ އިނީ ބިރުވެރި ހުވަފެނެއްގައިހެން ހީވިއެވެ.
ނޫރާ ކާރުން ފޭބުމުން ލަޔާލް ނޫރާ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. މީގެ ކުރީގައި ނޫރާގެ އަތުގައި ހިފުމަކީ ލަޔާލް ކުރި ކަމަކަށް ނުވިޔަސް މިއަދު އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ގޯތި ތެރެއަށް ވަންއިރު ގޭ ދޮރު ހުޅުވާލައިގެން ނޫރާގެ މަންމަ ހުއްޓެވެ. ނޫރާގެ އިންތިޒާރުގައެވެ. އެއީ ޒަރީނާގެ އާދައެވެ. ނޫރާ ގެއަށް ނުވަންނަނީސް އޭނާއަކަށް ނޯށޯވެވޭނެއެވެ. ލަޔާލް ނޫރާގެ އަތުގައި ހިފާލައިގެން ހުރި މަންޒަރު ފެނުމުން ޒަރީނާގެ ހިތް އުފަލުން ނަށާލިއެވެ. ދެކުދިންގެ މެދުގައި ޒަރީނާ ބޭނުންވިފަދަ ގުޅުމެއް އުފެދިއްޖެކަން ކަށަވަރުވުމުން ހިނިތުންވެވުނެވެ. ކާމިޔާބީގެ އުފާވެރި ހިނިތުންވުމެކެވެ. އެހެންނަމަވެސް....... ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ޒަރީނާގެ ތުންފަތްމަތިން ގެއްލިއްޖެއެވެ. ނޫރާ ގެއަށް ވަންނަން ތަން ދައްކާލުމަށް ފަހަތަށް ޖެހިލި ޒަރީނާ ދެލޯ ބޮޑުވެ ނިތްކުރިމައްޗަށް ރޫތައް ފުނިޖެހިއްޖެއެވެ. އުފާވެރިކަމުގެ ވިދުވަރުން ވިދަމުންދިޔަ ދެލޯ، ކަންބޮޑުވުމާ ހާސްކަމުގެ އަސަރުތަކުން ފުރިއްޖެއެވެ.
''ކިހިނެތްވީ ........ މަގޭ ދަރިފުޅާ...........'' ޒަރީނާ ނޫރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން އެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
ނޫރާއަށް ބާރަށް ރޮއިގަނެވުނެވެ. ހިތްފަޅައިގެން ދާފަދަ ވޭނީ ގިސްލުމަކާއެކުގައެވެ. ޒަރީނާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. މުޅިގައިގެ ވަރު ދޫވާހެން ހީވިއެވެ. އިންތިހާއަށް ކަންބޮޑުވުމުގެ ސަބަބުން ލިބުނު ހާސްކަމުގައި ދެފައިކޮޅުން ބާރު ހުސްވާހެން ހީވިއެވެ.
''ލަޔާލް ............ މިމަންޖެއަށް ކިހިނެއްވީ........... ކީއްވެ މިހެންވީ......... ކޮންތާކުން ތިޔަ އައީ މިހާ ލަސްކޮށްފަ......... '' ޒަރީނާއަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. އޭނާއަށްވެސް ރޮވިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. މައިވަންތަ ކަމުގެ ކުލުނާ ލޯތްބަކީ ދުނިޔޭގައި ލެއްވި އެންމެ ބާރުގަދަ ލޯތްބެވެ. ނޫރާ އަކީ ޒަރީނާގެ މޭގެ އެތިކޮޅެވެ. ދެލޮލުގެ ފިނިކަމެވެ. ހިތުގެ ދިރުމާ ފުރާނާއިގެ ކާނާއެވެ. ޒަރީނާގެ ހަޔާތުގެ ބަގީޗާގައި ފޮޅުނު ހަމައެކަނި މަލެވެ. އެ މަލަށް ހިތާމައިގެ ކުޑަ މިންވަރެއްވެސް އިހްސާސްވިޔަނުދީ އޭނާ ގެންގުޅުނީ ނުހަނު ލޯބިންނެވެ.
ނިދި ޖެހެމުންދިޔަ ރަޝީދުގެ ކަންފަތުގައި ދެމައިންގެ ރުއިމުގެ އަޑު ޖެހުމާއެކު ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ. ފުންމައިގެން ތެދުވެ ސިޓިންރޫމާދިމާލަށް ދުއްވައިގަނެވުނުގޮތްވެސް އޭނާއަކަށް ނޭނގެއެވެ.
''ޒަރީނާ......... ކިހި.......... ކިހިނެއް......... ކިހިނެތްވެގެން މިއުޅެނީ...........ދަރިފުޅާ ކިހިނެއްވީ......... ދަރިފުޅާ..............'' ރަޝީދަށް ލިބުނު ޝޮކްގައި އޭނާއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. އޭނާ ބޮލަށް އެނބުރުން އަރާގޮތް ވިއެވެ. ރަޝީދަކީ ލޭމައްޗަށްދާ މީހަކަށްވެފައި ކަންކަމުގައި މާ އަވަހަށް ކަންބޮޑުވެ ހާސްވާ މީހެކެވެ. ލޭގެ ޕްރެޝަރު ދަށްކުރަން ބޭސްކާއިރުވެސް ދުވަސްދުވަސްކޮޅުން ޕްރެޝަރ މާ މަތިވެގެން ހޮސްޕިޓަލުގައި ބާއްވަން ޖެހެއެވެ. މިރޭވެސް ރަޝީދު އެއޮތީ ބޯއަނބުރާތީ ތެދުވަން ނުކެރިއެވެ.
ލަޔާލް ބިރުން އުޅުނު ކަންތަކާ ކުރިމަތިލާން އޭނާއަށް މަޖުބޫރު ވެއްޖެއެވެ. މިވަގުތަކީ އޭނާ ހިތްވަރު ކުރަންޖެހޭނެ ވަގުތެއްކަން އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދެމުން ކުރިއަށް ޖެހިލިއެވެ.
''ބޯއްތާ ......... އަހަރެން ކިޔައިދޭނަން ވީގޮތް.......ހިނގާބަލަ.......... ނޫރާގޮވައިގެން މިތާ ސޯފާގައި އިށީނދެބަލަ........'' ލަޔާލް އޭނާގެ ބޮޑުދައިތަގެ ގޮތްހުސްވެފައިވާ މޫނަށް ބަލާލަމުން ބުނެލިއެވެ. ލަޔާލްއާ ރަޝީދުގެ އެހީތެރިކަމާއެކު ނޫރާއާ އޭނާގެ މަންމަ ސޯފާގައި ބޭންދިއެވެ. އަދި ހަމްޒާއާ ނޫރާގެ ގުޅުމުގެ ވާހަކައާ ހަމްޒާގެ ބައްޕަގެ ފޯނުކޯލުގެ ވާހަކަ ލަޔާލް އެމީހުނަން ކިޔައިދިނެވެ. ލަދުވެތިކަމާ، އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލުގައިވެސް އޭނާ ދެކުނީ އެކަން ނޫރާގެ މައިންފައިންނަށް އޮޅުން ފިލުވައިދިނުމަކީ، މިވަގުތު އޭނާ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. މިހާރު ދެން އިތުރަށް ވާނެ ގޯހެއް ނޯންނާނެތާއެވެ.
''މަންމަ އަށް ކުރިން ތިކަން އެނގުނުނަމަ އެ ހަމްޒާ ނޫރާއާ ވާހަކަ ދެއްކިޔަކަ ނުދިނީމުސް......... ލަޔާލް ވެސް ބޯއްތަކައިރީ ނުބުނެ ނޫރާއާ ހަމްޒާ ............'' ޒަރީނާ އަށް ބުނެވުނީ އެވަރަށެވެ. އޭނާއަށް ރޮވޭވަރުން އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ލަޔާލް އިސްޖަހާލިއެވެ. ކުށްވެޔިޔަކު ކުށަށް އިއުތިރާފު ވާފަދައިންނެވެ.
''އެކަހަލަ މުއްސަނދިންގެ އުފަލަކަށްވާނީ ނިކަމތިންގެ އިހްސާސްތަކާކުޅެލުން......... ނިކަމެތިންގެ ނިކަމެތިކަން ހަނދާންކޮށްދީ ލަދުގެންނެވުން އެއީ އެމީހުނަށް ލިބޭ އުފަލަކަށް ނޫނީ ނުވާނެ........'' ޒަރީނާ ނޫރާގެ ލޮލުން ފައިބަމުންދާ ކަރުނަ ފޮހެލާދިނީ ނުހަނު އޯގާތެރިކަމާއެކުގައެވެ.
''ލަޔާލް ދީބަލަ ތިޔަބުނާ މީހެއްގެ ނަމްބަރު......... އަހަރެމެންނަށްވެސް ކިޔޭނެ އެއްޗިހި ހުންނާނެ........ މުއްސަންޖެއްކަމަކު އަހަރެން ހަމަ އެކައްޗެކޭވެސް ހިތަކަށް ނާރާ...........'' ރަޝީދުގެ އަޑުގައިވަނީ އިންތިހާ ރުޅިވެރިކަމެވެ.
''ނޫން ......... ބައްޕާ .........'' ނޫރާ އޭނާގެ ބައްޕަގެ އަތުގައި ހިފަހައްޓާ އާދޭސް ކުރަންފެށިއެވެ.
''އެހެންވިއްޔާ ދަރިފުޅުވެސް ހަމްޒާ މަތިން ހަނދާން ނައްތާލާ......... އެފަދަ މީހުނާ ރަނގަޅުވާނީ ދުރުން އުޅުނިއްޔާ.......... މިވީހާ ދުވަހުވެސް ދަރިފުޅަށް އެއްވެސްކަމެއް ދަތިވިޔަ ނުދެމެއްނު....... އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގަވެސް ދަރިފުޅު އުފަލުގަ ބެހެއްޓޭތޯ މަސައްކަތް ކުރާނަން........ ދެން ދޭ ކޮޓަރިއަށް........ މޫނުދޮވެ ނަމާދު ކޮއްލާ ........ އޭރުން ހިތަށް ހަމަޖެހުން ލިބޭނެ.......'' ރަޝީދު ނޫރާއަށް ވިސްނައިދިނެވެ.
ނޫރާވެސް ދެކޮޅު ހެދުމެއް ނެތި ތެދުވިއެވެ.
''އަދި އެއްވާހަކަ........ ދަރިފުޅު ފޯނު މިރޭ ބާއްވާ ބައްޕަ އަތުގަ......... އެންމެ ރަނގަޅު ނިންވާލާފަ ބޭއްވިޔަސް........'' ރަޝީދު ވިސްނީ ނޫރާ އަށް އަދިވެސް އެމީހުން ގުޅާފާނެ ކަމަށެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 08 އޭޕްރީލް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް