މާފުށީގައި ޓޫރިސްޓު ޕޮލިސް ގާއިމްކޮށްދީ: ކައުންސިލް ރައީސް

ކ. މާފުށީގައި ޓޫރިސްޓު ޕޮލިސްގެ ހިދުމަތް ފަށައިދިނުމަށް އެ ރަށު ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ގޮވާލައްވައިފި އެވެ. އޭނާ މިކަމަށް ގޮވާލައްވާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބިކިނީ ލައިގެން މަ...

08 Feb 2020 | 08:35

ކ. މާފުށީގައި ޓޫރިސްޓު ޕޮލިސްގެ ހިދުމަތް ފަށައިދިނުމަށް އެ ރަށު ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ގޮވާލައްވައިފި އެވެ.

އޭނާ މިކަމަށް ގޮވާލައްވާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބިކިނީ ލައިގެން މަސްތުގެ ހާލަތުގައި މާފުށީ މަގުމަތީގައި އުޅުނު ޓޫރިސްޓަކު ހައްޔަރު ކުރަން ފުލުހުން އުޅުނު ގޮތުގެ ވީޑިއޯއެއް އާންމުވެ އާންމުންގެ ހިތްހަމަ ނުޖެހުން ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ. ފުލުހުން ފަހުން ވަނީ އެކަމަށް މައާފަށް އެދިފަ އެވެ.

އުސްމާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ އަންހެން މީހާ ހައްޔަރު ކުރެވުނީ ގަވައިދާ ހިލާފުވުމުން ކަމަށެވެ. އެކަމަކު ޓޫރިސްޓުންނާއި މުއާމަލާތްކޮށް ވަސީލަތްތަކާއި އެކު ހާއްސަ ތަމްރީން ހަދާފައި ތިބޭ ޓުރިސްޓު ޕޮލިސް މާފުށި ކަހަލަ ރަށެއްގައި ބައިތިއްބަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގެސްޓު ހައުސް ހިންގާ ހުރިހާ ރަށްރަށެއްގައި ޓޫރިސްޓު ޕޮލިސް ގާއިމްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފުލުހުންގެ ކިބައިން އެދިވަޑައިގެންނަވާ ކަމަށެވެ.

https://twitter.com/MaafushiRaees/status/1225490590604894209

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި އާންމުން ވަނީ ފުލުހުންގެ އަމަލުތައް ހުރީ ރާއްޖެއަށް ޑޮލަރު ވަންނަ މަގު ބަންދު ކުރުމަށް ކަމަށް ބުނެފަ އެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ އޭނާ ހައްޔަރު ކުރަން ޖެހުނީ އާންމު ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން ގޮސް ނަސޭހަތް ދިނުމުންވެސް އެއްބާރުލުން ނުދިނުމުން ކަމަށެވެ.

ގާނޫނުތައް ބުނާގޮތުން މީހުން ދިިރިއުޅޭ ރަށްރަށުގައި ނިވާކަންކުޑަ ހެދުން ލައިގެން މަސްތުގެ ހާލަތުގައި ނޫޅެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް