އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް އެކްރިޑޭޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނެޝަނަލް އެކްރިޑޭޝަން ބޯޑް ފޮރ ހޮސްޕިޓަލްސް އެންޑް ހެލްތު ކެއަރ ޕްރޮވައިޑަރސް (އެންއޭބީއެޗް) އާއި ނެޝަނަލް އެކްރިޑޭޝަން ބޯޑް ފޮރ ޓެސްޓިންގ އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެންއޭބީއެލް) ގައިޑްލައިންތަކާއި އެއްގޮތަށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުގައި މި މަސައްކަތް ކުރަނީ އިންޑިއާގެ އެކްމެ ގެ ކޮންސަލްޓޭޝަންގެ ދަށުން ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
އެންއޭބީއެޗް އާއި އެންއޭބީއެލް ގެ މިންގަނޑުތަކަކީ އިންޓަރނޭޝަނަލް ސޮސައިޓީ ފޮރ ކޮލިޓީ އިން ހެލްތު ކެއަރ (އައިއެސްކިއުޔޫއޭ) އިން އެކްރެޑިޓް ކުރެވިފައިވާ މިންގަނޑުތަކެކެވެ.
އެންއޭބީއެޗް އަދި އެންއޭބީއެލްގެ ބެންޗްމާކުތަކަކީ އިންޑިއާގެ ކޮލިޓީ ކައުންސިލުންނިމާ (ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް) ޖޭސީއައި (އޮސްޓްރޭލިއަން ކައުންސިލް އޮން ހެލްތްކެއް ސްޓޭންޑަރޑްސް) އޭސީއެޗްއެސް އަދި ކެނޭޑިއަން ހޮސްޕިޓަލް ފަދަ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްފެންވަރުގެ މިންގަނޑުތަކެކެވެ.
އެކްރިޑޭޓް ކުރުމަކީ ހޮސްޕިޓަލްތަކުގައި ކުރާ މަސައްކަތްތަކާއި ޚިދުމަތްތައް ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްހަމައެއްގައި ބެހެއްޓުމަށް ސްޓްރީމްލައިންކޮށް، ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ދެނެގަނެވޭނެ ގޮތްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތައް ޚިދުމަތްތަކަށް ބަދަލު ގެނެސް، އެ މިންގަނޑުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.
މީގެތެރޭގައި ހޮސްޕިޓަލުގައި ބޭނުން ކުރާ އާލާތްތައް ކަނޑައެޅޭ މިންގަނޑު ތަކަކަށް ބެހެއްޓުމާއި ގަވާއިދުން ހޮސްޕިޓަލުގެ ހިދުމަތްތަކާއި މަސައްކަތްތައް އޮޑިޓް ކުރުންވެސް ހިމެނެއެވެ.
އައިޖީއެމްއެޗްގައި އެފަދަ ސްޓޭންޑާޑެއް ގާއިމުކުރުމަކީ ބަލި މީހުންގެ ރައްކާތެރިކަމާއި ދެވޭ ހިދުމަތާއި މެދު އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް