ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީއިން ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން ގޮޑި ގެއްލެން ޖެހޭގޮތް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާފަންނު މެދު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީ ގައި ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓްދީގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުން އެ ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި އެކަމަށްޓަކައި އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނެ ކަމަށެވެ.
"މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ތިބޭފުޅުން. ތިބޭފުޅުން ބޭނުންވެލެއްވި ބޭފުޅަކު އެތަނުގައި އިންނަވަނީ. ތިބޭފުޅުން ނިންމަވާންވީ ކޮންބައެއްތޯ ތިބޭފުޅުންގެ ފަރާތުން ތަމްސީލް ކުރާނީ. އެބަޔަކު އެތަނުގައި ތިބޭނީ. ޕާޓީ ބަދަލު ކުރުމުގެ ބިލް މަޖިލީހުގައި ފާސްވާން ޖެހޭނެ. ޕާޓީ ބަދަލުވެގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ޔާމީނުގެ ސަރުކާރުންވެސް ވަނީ އެންޓި ޑިފެކްޝަން ޤާނޫނެއް މަޖިލީހަށް ހުށަހަޅާ ފާސްކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން މަޖިލީހުން ވަނީ އެޤާނޫނު އުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް