"ކޮންމެސް ކަމެއް ވެއްޖެ.... ކޮންކަމަކާ މާ ހާސްވީތި...." ހުމޭދާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ކަމެއް ނުވެއޭ...." ނާޝިދު ހަމަޖެހޭގޮތް ދައްކާލަމުން ތަށްޓަށް ފެންފޮދެއް އަޅަމުން ބުނެލިއެވެ.
ނާޝިދު އަނެއްކާވެސް މޫދާ ދިމާއަށް ބަލާލިއެވެ. އޭރުވެސް މޫދުގެ ލޮނުގަނޑު ކެކެމުން ދިޔައެވެ. އެދިމާ މޫދުއަޑިން ބޮޑު އަނދިރިގަނޑެއް ދެކޮޅަށް ދަތުރުކުރާހެންވެސް ނާޝިދަށް ހީވެއެވެ. ވަމުންދާގޮތް ނާޝިދަށް އެނގޭތީ އެކަމާ ނާޝިދު ބިރެއް ނުގަނެއެވެ. ނަމަވެސް ހުމޭދާއަށް އެމަންޒަރު ފެނިއްޖެނަމަ ހުމޭދާ އެކަމާ ބިރު ގަންނާނެ ކަން އެނގޭތީ ކައި ނިމެންދެން ނާޝިދު ހަމަޖެހިލައިގެން އިނެވެ. ކައި ނިމުމާއެކު ވެއިޓަރު ބިލް ގެނައުމުން ބިލް ޕޭ ކުރުމަށްފަހު ނާޝިދު އާއި ހުމޭދާ ދާން ހިނގާގަތުމަށްފަހު އަނެއްކާވެސް ނާޝިދު ފަހަތަށް އެނބުރި އެދިމާއަށް ބަލާލިއެވެ. އޭރު އެދިމާ މޫދުން ބޮޑު ކަޅު ހިޔަންޏެއް ފާޑު އެއްޗެއް ފެންނަން ހުއްޓެވެ. ނާޝިދު ހުމޭދާގެ އަތުގައި ހިފައިގެން ބާރަށް ހިނގާފައިގޮސް ކާރަށް އެރިއެވެ.
ހުމޭދާ ގެއަށް ވަދެގެން އައިސް ސޯފާގައި އިށީނދެލައިގެންއިންދާ ހަސީނާ ތިރިއަށް ފޭބިއެވެ.
"ދަރިފުޅާ.... ކައިފިންތަ.....؟" ހަސީނާ އައިސް ހުމޭދާ ގާތުގައި ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"ކައިފިން...." ހުމޭދާ ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ.
"ދަރިފުޅާ..... މަންމަ ވާހަކައެއް ބުނަންވެފައި އެބައޮތޭ...." ހުމޭދާގެ ބުރަކަށީގައި ފިރުމާލަމުން ހަސީނާ ބުނެލިއެވެ.
"ކޮންވާހަކައެއް މަންމާ.... ބުނެބަލަ....!" ހަސީނާއާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ދަރިފުޅާ..... ދަރިފުޅު މިހާރު ތިހިރީ ބޮޑުވެފައި.... މީހަކާ އިންނަވަރު ވެފައި..... އެކަމާއުޅެންވީނު...." ހުމޭދާގެ މޫނަށް ބަލަން އިނދެ ހަސީނާ ބުނެލިއެވެ.
"މަންމަކީކޭތަ ތިޔަކިޔަނީ.... މިހުރިހާ ދުވަސްވީއިރު ތިޔަ ކަހަލަ ވާހަކައެއްވެސް މަންމަ ދައްކާފައެއްނެތް.... މިރޭ އަނެއްކާ ކިހިނެތްވީ.....؟" ސަމީރާއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ކޮންމެ ކަމަކަށްވެސް ވަގުތެއް އަންނާނެއޭ..... މިހާރު މިއޮތީ އެވަގުތު އައިސްފައި....." ހުމޭދާ އާއި ދިމާއަށް ބަލަންއިނދެ ހަސީނާ ވާހަކަ ދެއްކިއެވެ.
"މަންމަ ތިކިޔާ އެއްޗެއް ނޭނގުނު..... ކޮން ވަގުތެއްގެ ވާހަކައެއްތަ ތިދައްކަނީ....؟" ހުމޭދާވެސް ހަސީނާއާއި ދިމާއަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
މިއޮއްހުރިހާ ދުވަސްވީއިރުވެސް މަންމަ ތިކަހަލަ ވާހަކައެއް ނުދައްކަމެއްނު..... ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާނެ ދަރިފުޅާ ވަރަށް ގުޅޭ ކުއްޖަކު މިހާރު އެބަހުރި.... އޭނައަށް އިނގޭނެ އަނބިން ގެންގުޅެން.... އަނބިންދެކެ ލޯބިވާން..... އަނބިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން....." ހުމޭދާގެ ބުރަކަށީގައި ފިރުމާލަމުން ހަސީނާ ވާހަކަ ދެއްކިއެވެ.
"ކާކުގެ ވާހަކައެއްތަ މަންމަ ތިދައްކަނީ....." ހަސީނާއާއި ދިމާއަށް ބަލަންއިނދެ ހުމޭދާ ބުނެލިއެވެ.
"ދަރިފުޅުގެ ބޭބެ މިވާހަކަ ދަރިފުޅާ ދައްކާނެ.... ދަރިފުޅު މިކަމާ ދެކޮޅު ނުހަދާތި އިނގޭ....." ހަސީނާ ހުމޭދާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
ހުމޭދާ ކޮޓަރިއަށްގޮސް މަންމަ ދެއްކި ވާހަކަތަކާމެދު ވިސްނަން އޮތެވެ. މަންމަ އަނެއްކާ އެދައްކަނީ ކާކުގެ ވާހަކައެއްބާއެވެ. ހުމޭދާ ވިސްނަން އޮއްވާ މަޑުމަޑުން ގޮސް ނިދިއްޖެވެ. ހުމޭދާއަށް ކުއްލިއަކަށް ހޭލެވުނީ އާދަޔާ ޚިލާފަށް ފިނިވާން ފެށުމުންނެވެ. ލޯހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ކުޑަދޮރު ހުރީ ނުލެއްޕިއެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައިހުރުމުގެ ސަބަބުން ޖެހޭ ބާރު ވައިރޯޅިތައް ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ. ހުމޭދާ ގަޑި ބަލާލިއެވެ. ބާރަގަޑި ބައިވަނީއެވެ. ކުޑަދޮރު ލެއްޕުމަށްޓަކައި ހުމޭދާ ތެދުވެގެންގޮސް ދޮރުފަތުގައި ހިފާލިއިރު ނާޝިދު ގޯތިތެރޭގައި ހުއްޓާ ހުމޭދާއަށް ފެނުނެވެ. ހުމޭދާ ނާޝިދަށް ބަލާލުމާއެކު ނާޝިދު ހުމޭދާއަށް ތިރިއަށް އައުމަށް އިޝާރާތްކޮށް ހަނާއަޅާލިއެވެ. ހުމޭދާ ދުވެފާ ކަހަލަ ގޮތަށް ބޭރަށް ނުކުތެވެ.
"ނާޝިދު މިގަޑިގައި..... ބާރަގަޑި ބައިވަނީ..... ކިހިނެތް ތިޔަ އައީ... މަންމަމެންނަށް ފެނިދާނެ....." ހުމޭދާ، ނާޝިދު ގާތަށް އައުމަށްފަހު ވާހަކަ ދެއްކިއެވެ.
"ކީއްވެތަ އަބަދު މިގޭ ދޮރޯށި ލޮކް ނުކޮށް އެހުންނަނީ..... ނާޝިދު މިހެން އަންނާތީތަ.....؟" ހިނިތުންވެ ހުރެ ހުމޭދާ އަތުގައި ހިފާލަމުން ނާޝިދު ސުވާލުކޮށްލިއެވެ.
"ތިޔެއް ނޫނޭ..... މަންމަ މިރޭ އަނެއްކާ ހުމޭ މެރީ ކުރަންވީޔޭ ކިޔައިގެން ވާހަކަ ދައްކައިފި.... ކިހިނެތް ހަދާނީ.... ބޭބެ އެކަމާ ހުމޭއާއި އަދި ވާހަކަ ދައްކާނެޔޯ...." ނާޝިދުގެ އަތުގައި ހިފާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ދެން ހުމޭ ކީކޭ ބުނީ...." ހުމޭދާ ދޭނެ ޖަވާބެއްގެ އިންތިޒާރުގެ ހުރެ ނާޝިދު އަހާލިއެވެ.
"ކީކޭ ހުމޭ ބުނާނީ.... މަންމަ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަންއިނީ..... ނާޝިދު އަވަހަށް ބޭބެއާއި ވާހަކަ ދައްކަންވީނު.... ހުމޭ ބޭނުމީ ނާޝިދު ކަހަލަ ތެދުވެރި، ލޯބިވާ ކެއަރ ކުރާ ފިރިއެކޭ...." ހުމޭދާ ނާޝިދާއި ކައިރިވެލަމުން ބުނެލިއެވެ.
"ތީގެ މާނައަކީ ނާޝިދު ކަހަލަ ކޮންމެ މީހަކު ލިބުނަސް އޯކޭ އޭތަ....؟" ނާޝިދު ހިނިތުންވެލާފައި ހުމޭދާ ގައިގައި ބައްދާލަމުން ބުނެލިއެވެ.
"ނާޝިދަށް އިނގޭނެ ހުމޭ އެއްވެސް ކަމަކާ ހާސްވެ ފިކުރުކުރަންޏާ..... މިރޭވެސް އެކަން އިނގިގެން ނިދުމުގެ ކުރިން ހުމޭ އާއި މީޓްކޮށްލަން މިއައީ...." ހުމޭދާ ގަޔާ ދުރުކޮށްލަމުން އަނެއްކާވެސް ނާޝިދު ބުނެލިއެވެ.
"އެހެންތަ....؟ ނާޝިދު ހާދަމޮޅޭދޯ....." ހިނިތުންވެލާފައި ހުމޭދާ ބުނެލިއެވެ.
"ހުމޭދާއަށް އަދިވެސް ހާދަ ކަމެއް ނޭނގެޔޭ ދޯ.... ދެންދޭ ހަމަޖެހިލައިގެން ނިދާލަން.... ނާޝިދު މާދަން ހުމޭގެ ބޭބެއާއި ވާހަކަ ދައްކާނަން.... ހުމޭ މެރީ ކުރާނީ ނާޝިދު އާއޭ.... އެނޫން ގޮތެއް ނުވާނެޔޭ.... ހުމޭގެ ބައްޕަ އެހާވަރަށް މިހާރު ނާޝިދަށް އިތުބާރުކުރާނެއޭ.... " ހުމޭދާގެ ދެއަތުގައި ހިފަހައްޓައިގެންހުރެ ނާޝިދު ވާހަކަ ދެއްކިއެވެ.
ނާޝިދު ބޭރަށް ނުކުތުމުން ހުމޭދާ ބޭރު ދޮރު ތަޅުލުމަށްފަހު ދިޔައީ ކޮޓަރިއަށެވެ.
ހެނދުނުގެ ވަގުތެވެ. އެންމެންތިބީ ސައިބޯން ސައިމޭޒު ދޮށުގައެވެ.
"ޚާލިދުމެން ވިލިނގިލީގައި ތިޔައުޅެނީ ގެޔެއް ކުއްޔަށް ހިފައިގެންތަ...؟ ނާޞިރު، ޚާލިދަށް ބަލާލުމަށްފަހު ވާހަކަ ދެއްކިއެވެ.
"އާނ.... ކުއްޔަށް ނޫންގޮތަކަށް ކިހިނެތް އުޅޭނީ..... ރަށުގައި ތިބެގެން ހުމޭއަށް ރަނގަޅު ތަޢުލީމެއް ދޭނީ ކިހިނެތް.... އެހެންވެ ބަދަލުވީ..... މަހަކު ފަނަރަހާސް ރުފިޔާ ކުއްޔަށް ދައްކަންޖެހޭ...." ޚާލިދު، ނާޞިރާ ދިމާއަށް ބަލާލުމަށްފަހު ޖަވާބު ދިނެވެ.
"އަޒާން ވަކިވެގެންދިޔައިމަ އަހަރުމެން ދެން ވަރަށް އެކަނިވެރިވާނެ..... ހުމޭދާވެސް މިހާރު އެހެރީ ކިޔަވާ ނިމިފައެއްނު.... އެހެންވީމަ ޚާލިދުމެންގެ ދިރިއުޅުން ފުވައްމުލަކަށް ބަދަލުކުރަންވީނު..... އަހަރުމެން ގެޔަކީ ޖާގައޮތް، ބޮޑު ގެއެއް..... މިހާރު ހަދަންފަށާފައިހުރި ބައި ގާތްގަޑަކަށް ނިމިފައި އެހެރީ... ދެން ޖެހޭނީ ފަރުނީޗަރުތައް ހަމަކޮށްލަން..... ރަށުގައި މިވަގުތު ރަނގަޅު ވަޒީފާތައްވެސް ލިބެން އެބަހުރި.... ހުމޭދާއަށްވެސް އަދި ޚާލިދު ބޭނުމިއްޔާ ޚާލިދަށްވެސް ރަނގަޅު ވަޒީފާތައް ލިބޭނެ.... މިކަމާ ވިސްނާލައްޗޭ...." ނާޞިރު، ޚާލިދާއި ދިމާއަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
"މިހާރު ކުލިތައްވެސް އަތްނުފޯރާ ފަށަށް އެދަނީ..... ތިއީ ވަރަށް ރަނގަޅު ޚިޔާލެއް..... ތިކަމާ ވިސްނާލާފައި އަހަރުމެން ޖަވާބެއް ދޭނަން...." ހަސީނާއާއި ދިމާއަށް ބަލާލުމަށްފަހު ޚާލިދު ޖަވާބު ދިނެވެ.
"ސައިބޮއި ނިމިގެން ޚާލިދުއާއި ނާޞިރު އައިސް ސޯފާގައި އިށީނުމާއެކު ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ދޮރު ހުޅުވަންދިޔައީ ހަސީނާއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 10 ޑިސެމްބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް