އަޒާން ހިނަވައި، ކަފުނުގެ ހުރިހާ ކަމެއް ވެސް ކޮށްނިމިއްޖެއެވެ. ހިނެވުމަށްފަހު އެންމެން އަޒާންގެ މޫނުބަލަން ވަތްވަގުތު އެމްބިއުލަންސްގައި ހޮސްޕިޓަލުން ޢާއިޝާވެސް އަޒާންގެ މޫނު ބަލަން ގެނެވުނެވެ. އެހެން ނަމަވެސް އަޒާންގެ މޫނު ފެނުމާއެކު ޢާއިޝާ އަނބުރައިގަނެގެން ވެއްޓުމާގުޅިގެން އަނބުރާ ހޮސްޕިޓަލަށް ގެންދެވުނެވެ. ވަޅުލަން ގެންދާ ވަގުތު ނުޖެހޭތީ، އެންމެންވެސް ގަބުރު ކައިރީގައި ކިޔަވަމުން ގެންދިޔައެވެ. ވަޅުލުމަށްޓަކައި ސަންދޯއް ގެންދިޔައިރު އާދަޔާ ޚިޔާފަށް ސަންދޯއް ބަރުވެގެން އެންމެން ވެސް އުޅުނެވެ. އެއީ ކީއްވެގެންކަމެއް އެކަކަށް ވެސްނޭނގެއެވެ. އަޒާން ވަޅުލުމުގެ ހުރިހާ ކަމެއްނިމި އެންމެންވެސް ގެއަށް އަތުވެއްޖެއެވެ. ކޮންމެ މީހެއްގެ ހިތުގައިވެސްވަނީ ހަމައެންމެ ސުވާލެކެވެ. އަޒާން މަރުވީ ކީއްވެހެއްޔެވެ؟ މީހަކު މަރުވާ ކޮންމެ ފަހަރަކު އެމީހަކު މަރުވާކަށް ސަބަބެއް އޮންނާކަށް ނުވެސް ޖެހެއެވެ. އެކަމަކު އަޒާންގެ އަނގައިންނާއި ނޭފަތުން ލޭ އައިސްފައިހުރީ ކީއްވެ ހެއްޔެވެ؟ އަޒާން އަކީ ބަލިވެ އުޅުނު ކުއްޖެއްވެސް ނޫނެވެ. ސަންދޯން އާދަޔާ ޚިލާފަށް ބަރުވީ ކީއްވެހެއްޔެވެ؟ ސަންދޯކުގެ ތެރެއިން ރުއިމުގެ އަޑެއް އިވުނުހެން ހީވީ ކީއްވެހެއްޔެވެ؟ ނަމަވެސް އެއީ ހުސް ވަހުމް ކަމުގައި ނާޞިރު ޤަބޫލު ކުރިއެވެ. ގަބުރެއް އޮތް ސަންދޯކަކުން ރުއިމުގެ އަޑު އިވެންވީ ކީއްވެހެއްޔެވެ.
އަޒާން ނިޔާވީތާ ތިން ދުވަސް ފަހެވެ. އަދިވެސް ގޭތެރޭގައިވަނީ ފަޅު ކަމެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. މިއަދަކީ ޢާއިޝާ ވެސް ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ދުވެހެވެ. ސިޓިން ރޫމުގައި ތިބީ ޒާހިރާ އާއި ހުމޭދާ އެވެ. ބަދިގޭގައި ހަސީނާ އާއި ގޭގައި އުޅޭ ލަކްޝަމީ މަސައްކަތުގައި ތިއްބެވެ.
"ދަރިފުޅާ......" ޢާއިޝާ ގޮވައިގެން ނާޞިރު އާއި ޚާލިދު ގެއަށް އައިސްވަމުން ސިޓިން ރޫމްގައި އިން ޒާހިރާ ދުވެފައިގޮސް ޢާއިޝާ ގައިގައި ރޮމުން ރޮމުން ބައްދާލިއެވެ.
ޢާއިޝާ އޭނާގެ މަންމަ މަޑުމަޑުން ގަޔާ ދުރުކޮށްލުމަށްފަހު ކަރުނަތައް ފޮހެދެމުން ދިޔައެވެ.
"ނު... ނު..... ރޮއި ... ނު.....ރޮއި މަން...މާ....." ޢާއިޝާ އޭނާގެ މަންމަ ހުއްޓާލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.
ޢާއިޝާއަށް އަދިވެސް ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. ވާހަކަ ދެއްކެނީ ލަސްލަހުން އާގަންނަމުން ކަހަލަ ގޮތަށެވެ. ނާޞިރު ޢާއިޝާ އާއި، ޒާހިރާ ގޮވައިގެން ގޮސް ސިޓިން ރޫމުގައި އިށީނެވެ.
"ހިނގާ ކާން.... މެންދުރުވީ އެއްނު.... ޢާއިޝާ އަންނާތީ ވަރަށް މީރު އެއްޗެކޭ މިއަދު މިކެއްކީ...." ހަސީނާ އައިސް ޢާއިޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
"ކޮ.... ކޮ....ބާ.... ހު.... ހު... މޭ... " ޢާއިޝާ ތެދުވަމުން ހުމޭދާ ކޮބައިތޯ ސުވާލު ކޮށްލިއެވެ.
"ހުމޭދާވެސް އެބައާދޭ ކާން.... ހިނގާ އެންމެން އެކީ މިއަދު ކާނީ....." ނާޞިރު ތެދުވެ ޒާހިރާ އަތުގައި ހިފަމުން ބުނެލިއެވެ.
ދުވަސްތައް މަޑުމަޑުން ފައިތުވަމުން ދިޔައެވެ. ކުއްލިއަކަށް އަޒާން ނިޔާވުމުން އެކަމުގެ ސަބަބުން އާއިލާއަށް ކޮށްފައިވާ ފުންއަސަރުތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާތީ ގޭތެރޭގައި ކަންކަން މިހާރުވަނީ އާދައިގެ ގޮތަކަށް ހަމައަކަށް އެޅިފައެވެ. ޢާއިޝާގެ، ވާހަކަ ދެއްކުމަށްވެސްވަނީ ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައެވެ. ނަމަވެސް ތިންމަސް ދުވަސްވަން ގަވާއިދުން ޢާއިޝާގެ މެޑިކަލް ޗެކްއަޕް ހަދަން ޖެހޭތީ އަދި ދެމަސް ދުވަސްވަންދެން އިންޑިޔާގައި މަޑުކުރަން ޖެހެއެވެ.
ރޭގަނޑުގެ އަށެއްޖެހިއިރު ނާޝިދު އާއި ހުމޭދާ ތިބީ ރެސްޓޯރަންޓެއްގައެވެ. އެތަނަކީ ވަރަށް ހިތްގައިމު ހިސާބެއްގައިހުރި ރެސްޓޯރަންޓެކެވެ. ރެޔައަކީ ވައިގަދަ ރެޔެއް ކަމުގައިވާތީ، މޫދުން ބައެއް ހިމެނޭގޮތަށް ހަދާފައިވާ އެ ރެސްޓޯރަންޓްގައި ނާޝިދުމެން ތިބި ހިސާބުގައި އެމީހުން ފިޔަވައި އިތުރު ބަޔަކު ނެތެވެ. މޫދުން އަންނަ ފިނިވައިރޯޅީގައި ލޮނުގެ އަސަރު އެކުލެވިފައިވީ ނަމަވެސް އެމީހުން ބޭނުންވީ މިނިވަންކަމާއެކު ވާހަކަ ދައްކާލުމަށްޓަކައި އެތަނުގައި ތިބުމަށެވެ. މޭޒާ ދާދި ކައިރީގައި ބުފޭ ތައްޔާރުކޮށްފައިވާ މޭޒުތައް ތަފާތު ކާނާގެ ބާވަތްތައް އަތުރާފައި ހުއްޓެވެ. ހަމަ އެއާއެކު ވަގުތުން ތައްޔާރުކުރަމުން ގެންދިޔަ ސީފުޑްގެ ކުޅުދިޔާވާ މީރުވަސް މާހައުލުގައި ހިފާފައި ހުއްޓެވެ. ހުމޭދާގެ މޫނަށް ބަލަހައްޓައިގެން ނާޝިދު އިނެވެ.
"ހިނގާ މެރީ ކުރަމާ....." ހުމޭދާގެ މޫނަށް ބަލަންއިނދެ ނާޝިދު ބުނެލިއެވެ.
"މަންމަމެން ގާތުގައި ތިވާހަކަ ދައްކަންޖެހޭނީ.... އަދި ނޭނގެ މަންމަމެން ގަބޫލުވާނެ ހެނެއްވެސް...." ހުމޭދާވެސް ނާޝިދުގެ މޫނަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
"ތިކަން ނާޝިދަށް ދޫކޮށްލަބަލަ..... ނާޝިދަށް އިނގޭ މަންމަ އާއި ބޭބެ ޤަބޫލުވާނެ ކަން.... ބޭބެމެން ކައިރީގައި ނާޝިދު އަހަންވީތަ....؟" ހުމޭދާގެ އަތުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
"މާލެގޮއްސައެއްނު ތިކަމާއުޅޭނީ....." ހުމޭދާވެސް ނާޝިދު މޫނަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
"ނޫނޭ..... ނާޝިދު ބޭނުމީ ވީހާ އަވަހަކަށް މެރީ ކުރަން...... މާލޭ ގޮސްގެން ނާޝިދަށް ހުމޭ ގެއްލިވެސްދާނެ....." މޫދާ ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"މަޖަލަކަށްވެސް ތިހެން ނުކިޔަބަލަ.... ހުމޭ ދުވަހަކުވެސް ނާޝިދަކާ ވަތްކެއް ނުވާނަމޭ....." ހުމޭދާ ދެރަވެލާފައި ބުނެލިއެވެ.
"ކޮންމެ ގޮތެއް މެދުވެރިވިޔަސް ހުމޭ އަބަދުވެސް ނާޝިދުގެ މީހެއްގެ ގޮތުގައި ހުންނާނަންތަ....؟" ހުމޭދާގެ ލޮލަށް ބަލަން އިނދެ ނާޝިދު ބުނެލިއެވެ.
"ޤަބޫލުކޮށްބަލަ.....! ހުމޭ އަބަދުވެސް ހުންނާނީ ނާޝިދުގެ މީހެއްގެ ގޮތުގައި..... ދުވަހަކުވެސް ނާޝިދު ދޫކޮށެއް ނުލާނަމޭ....." ނާޝިދުގެ އަތުގައި ބާރަށް ހިފާލަމުން ހުމޭދާ ބުނެލިއެވެ.
"ދިމާވާ ކަމަކުން ހުމޭ، ނާޝިދު ދޫކޮށްލިޔަސް ނާޝިދުގެ ފުރާނަ ހަށިގަނޑުގައިހުރިހާ ހިނދަކު ނާޝިދު، ހުމޭ ދޫކޮށެއް ނުލާނަން.... މިއީ މިރޭ ނާޝިދުވާ ވަޢުދެއް....." ހުމޭދާގެ އަތް ގެނެސް ނާޝިދުގެ ތުންފަތުގައި ޖައްސާލަމުން ނާޝިދު ބުނެލިއެވެ.
"އިނގެޔޭ ތިކަން..... ހުމޭވެސް ނާޝިދު ދުލެއް ނުކުރާނަމޭ...." މީ މިރޭ ހުމޭވެސްވާ ވަޢުދެއް......" ހުމޭދާވެސް ނާޝިދުގެ އަތް ގެނެސް ހުމޭދާގެ ތުންފަތުގައި ޖައްސާލަމުން ބުނެލިއެވެ.
ނާޝިދުއާއި ހުމޭދާ ވާހަކަ ދައްކަން ތިބުމަށްފަހު ތެދުވެގެން ހިނގައިގަތީ ބުފޭ ޓޭބަލާ ދިމާއަށެވެ. ބުފޭ ޓޭބަލް އިން ތައްޓަށް ކާއެއްޗިހި އެޅުމަށްފަހު އައިސް އިށީނދެ ކާން ފަށައިފިއެވެ.
"އެހެންވީމާ ކޮންއިރަކުން ކައިވެނީގެ ވާހަކަ ދައްކަންވީ....." އުލުން މަސްކޮޅެއް އަނގަޔަށްލަމުން ނާޝިދު ވާހަކަ ދެއްކިއެވެ.
"މާދަން ކޮންމެވެސް ވަގުތެއް ހޯދައިގެން ހުމޭ ބޭބެމެންނާ ވާހަކަ ދައްކާލާނަން....." ހުމޭދާވެސް ބަތްކޮޅެއް އަނގަޔަށް ލަމުން ބުނެލިއެވެ.
"ނޫނޭ.... ނާޝިދު އެވާހަކަ ދައްކާނީ..... ބޭބެ ބުނެފައޭއޮތީ ކަމެއް ބޭނުމިއްޔާބުނާށޭ..... ކޮންމެ ކަމެއް ބުންޏަސް އުފަލުން ކޮށްދޭނަމޭ...." ނާޝިދު ކުޑަކޮށް ހިނިތުންވެލާފައި ބުނެލިއެވެ.
"އޯކޭ.... ނާޝިދު ބޭނުންގޮތެއް.... އެކަމަކު ނާޝިދުގެ މަންމަ ކައިރީގައާއި ރާއިދު ކައިރީގައިވެސް މިކޮޅަށް އަންނަން ބުނަންޖެހޭނެއެއް....." ހުމޭދާ ނާޝިދުއާއި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"ތާރީޚެއް ބުނީމަ އެމީހުންވެސް އަންނާނެޔޭ..... ހުމޭ އެކަމާ ހާސްނުވެބަލަ....." ނާޝިދުވެސް ހުމޭދާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
ވާހަކަ ދައްކަން އިނދެފައި ކުއްލިއަކަށް ނާޝިދު މޫދާ ދިމާއަށް ބަލާލީ އާދަޔާ ޚިލާފު އަޑެއް އިވިގެންނެވެ. އޭރު މޫދު ތެރެއިން ލޮނުގަނޑު ކެކިގެން ބޮކިތަކެއް އަރަނީނެވެ. ހުމޭދާ އިނީ އެދިމާއަށް ފުރަގަސްދީގެން ކަމުގައިވާތީ ހުމޭދާއަށް އެމަންޒަރެއް ނުފެންނާނެއެވެ.
"ކިހިނެތްވީ....." ނާޝިދު މޫދާ ދިމާއަށް ބަލަން އިންތަން ފެނިފައި ހުމޭދާ އަހާލިއެވެ.
"ކަމެއް ނުވޭ..... ހިނގާ އަވަސްކޮށްލައިގެން ދަމާދޯ...." ނާޝިދު މޫދާ ދިމާއަށް ބަލަންއިނދެ ބަތްކޮޅެއް އަނގަޔަށްލަމުން ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 07 ޑިސެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް