މިއަދު މިއޮތީ ހަމަސީދާ ޤަބީލާ ސިސްޓަމް: ޝައިޚް ޢާޞިފް މޫސާ

މިއަދު އަޅުގަނޑުމެންގެތެރޭގައި މި އޮތް ޕާޓީ ސިސްޓަމަކީ އިސްލާމްދީން އައުމުގެ ކުރިން އެޒަމާނުގައި މީސްތަކުންގެ ތެރޭގައި އޮތް ޤަބީލާ ސިސްޓަމް ކަމަށާއި އެސިސްޓަމާއި މިއަދު އަޅުގަނޑުމެންގެތެރޭގައި މިއޮތް ...

07 Dec 2017 | 11:15

މިއަދު އަޅުގަނޑުމެންގެތެރޭގައި މި އޮތް ޕާޓީ ސިސްޓަމަކީ އިސްލާމްދީން އައުމުގެ ކުރިން އެޒަމާނުގައި މީސްތަކުންގެ ތެރޭގައި އޮތް ޤަބީލާ ސިސްޓަމް ކަމަށާއި އެސިސްޓަމާއި މިއަދު އަޅުގަނޑުމެންގެތެރޭގައި މިއޮތް ސިސްޓަމާއި އެއްވެސް ތަފާތެއް ނެތްކަމަށް އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުދަ ދުވަހެއްގެ ރޭ އެޖަމްޢިއްޔާގެ ސްޓޫޑިއޯއިން ލައިވް ލައިވްކޮށް ގެނެސްދޭ 'އޮނަތިރީސްމިނިޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޖަމްޢިއްޔަތުއްސަލަފުގެ ގިނަ ޕްރޮގްރާމުތަކެއްގައި ބައިވެރިވެވަޑައިގަންނަވާ ޝައިޚް ޢާޞިފް ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން މިފެންނަ ބައިބައިވުމާއި އެއްބަޔަކު އަނެއްޔަކަށް ހަޑިހުތުރުކޮށް އެއްޗެހިކިޔައި، ޕާޓީއަށްޓަކައި ގުޅުން ކެނޑުމާއި ޕާޓީއަށްޓަކައި ގުޅުން ޤާއިމުކުރުމާއި މިއެންމެހައި ކަންތައްތަކަކީ މިއަދު އަޅުގަނޑުމެންގެތެރެއަށް އައިސްގެން މިއުޅޭ ޑިމޮކްރަސީއާއި ޕާޓީ ސިސްޓަމްގެ ނަތީޖާކަމަށާއި މިއީ ޖާހިލިއްޔަ ޒަމާނުގައި ޤަބީލާތަކުގެ ތެރޭގައި އޮތް ކަންތައްތައްކަމަށެވެ.

"އިސްލާމްދީނަކު ނޯވޭ ތިމާގެ އަޚާ ނިކަމެތިކޮށްލުމެއް، މުސްލިމުންގެ ޢަބުރަށް އަރައިގަތުމެއް، މީހުންނާއި ހަޑިހުތުރު ބަހުރުވައިން ދިމާކުރުމެއް، އަދި ކޮބާތޯ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެއްޔާ މަގުތަކަށް ނުކުމެ މުޒާހަރާކޮށް މީސްތަކުންގެ މުދަލަށް ގެއްލުންދީ މީސްތަކުންގެ ޢަބުރަށް އަރައިގަތުމެއް. އެހެންވީމައި މިކިޔާ ޑިމޮކްރަސީގެ މުޅި ނިޒާމަކީ އިސްލާމްދީނާއި ބީރައްޓެހި ނިޒާމެއް" ޝައިޚް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތިކަމަކީ މުސްލިމުން އެބައިމީހުންގެ ދީނަށް ފަރުވާކުޑަ ކުރުމުގެ ނަތީޖާކަމަށާއި މިއަދުވެސް އިސްލާމުންނަށް އާރާއި ބާރު ލިބޭނީ އަޅުގަނޑުމެން އެންމެން ﷲ އެންގެވިގޮތަށް އެނބުރި ރުޖޫޢަވެގެން ކަމަށެވެ.

"މިއަދު އެކިއެކި ޙައްޤުތަކުގެ ނަމުގައި އަންހެންކަނބަލުން މަގުތަކަށް ނެރި ސްޓޭޖުތަކުގައި އެކަނބަލުން ނައްޓުވައި ތަފާތު މުޑުދާރު ކަންތައްތައް ކުރުވަމުން އެގެންދަނީ. މިއީ އިސްލާމްދީން އައުމުގެ ކުރިން އަންހެންވެރިންނާއިމެދު ކަންތައްތައް ކުރެވެމުންދިޔަ ގޮތް. މިއަދު ކާފަރުންގެ ރީތިހެން ހީވާ ޝިޢާރުތަކުގެ ދަންތުރައިގައި ޖެހި ބައެއްބައެއް މުސްލިމް ކަނބަލުން އިސްލާމްދީނުގައި ދެއްވާފައިވާ ޢިއްޒަތްވެސް ހަނދާން ނައްތާލައި ހުޅަނގުގެ ގޮތްތަކުގެ އަވައިގައި ޖެހިގެން މިދަނީ. މިއީ ނޫންތޯ ހަގީގީ ނިކަމެތިކަމަކީ. މިއީ ނޫންތޯ ހަގީގީ އަޅުވެތިކަމަކީ" ޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް