ފެނަކައަށް ޑޮލަރު ގަތް މައްސަލައިގާ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ފެނަކައަށް ގިނަ ޢަދަދެއްގެ ޔޫ.އެސް ޑޮލަރު ގަވާއިދާ ޚިލާފަށް ގަނެފައިވާކަމަށް ބުނާ މައްސަލައިގާ ކުރީގެ އެމްޑީ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވައިފި އެވެ. އެގޮތުން ...

07 Dec 2017 | 08:08

ފެނަކައަށް ގިނަ ޢަދަދެއްގެ ޔޫ.އެސް ޑޮލަރު ގަވާއިދާ ޚިލާފަށް ގަނެފައިވާކަމަށް ބުނާ މައްސަލައިގާ ކުރީގެ އެމްޑީ ނިމާލް އާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވައިފި އެވެ.

އެގޮތުން މި މައްސަލަ ތަޙްޤީޤްކުރުމަށްފަހު އޭސީސީން ބުނެފައިވަނި ދައުވާ ކުރަން ފޮނުވާފައިވަނީ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ، ޗީފް ޓެކްނިކަލް އޮފިސަރ، ޑިރެކްޓަރ، އަދި ކުރީގެ މެނޭޖިންގް ޑިރެކްޓަރ ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާކަމަށެވެ.

"މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ތަފާތު ތިން ފަހަރެއްގެ މަތިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޕްރައިވެޓް ކުންފުންޏަކުން 1,158,105.00 (އެއްމިލިއަން އެއްސަތޭކަ ފަންސާސް އަށްހާސް އެއްސަތޭކަ ފަހެއް) ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެޑްވާންސް ކޮށް 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާ ޚަރަދު ކޮށްފައިވެއެވެ." އޭސީސީއިން ބެފައި ވެ އެވެ.

އޭސީސީން ބުނެފައިވަނީ އޭގެތެރެއިން 300,000.00 (ތިންލައްކަ) ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރުކޮށްފައިވާ 4,626,000.00 (ހަތަރު މިލިއަން ހަލައްކަ ސައްބީސް ހާސް) ރުފިޔާގެ ޕޭމަންޓް ވައުޗަރު ގައި ހުއްދަދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރއާއި ޗީފް ޓެކްނިކަލް އޮފިސަރ ކަމަށެވެ. އަދި އެ ވައުޗަރާ ގުޅިގެން ތައްޔާރުކޮށްފައިވާ ޗެކްގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޑިރެކްޓަރއެވެ. މީގެއިތުރުން، 389,105.00 (ތިންލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ފަހެއް) ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރުކޮށްފައިވާ 5,999,999.10 (ފަސްމިލިއަން ނުވަލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ޓެކްނިކަލް އޮފިސަރއާއި ޑިރެކްޓަރ އެވެ. އަދި 469,000.00 (ހަތަރުލައްކަ ފަސްދޮޅަސް ނުވަހާސް) ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރުކޮށްފައިވާ 7,231,980.00 (ހަތްމިލިއަން ދެލައްކަ އެއްތިރީސްހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއި ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރ ކަމަށެވެ.

"ނަމަވެސް، މި ތިން ފަރާތުންވެސް ޑޮލަރު ގަތުމަށް ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ޑޮލަރު ގަންނަނީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތަކުންތޯ ބަލާފައި ނުވާކަމާއި ޑޮލަރު ގަތުމަށްޓަކައި ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދީފައިވާއިރު ޑޮލަރު ވިއްކުމަށް ހުށަހެޅި ކުންފުންޏަކީ ޑޮލަރު ވިއްކުމުގެ މާލީ ގާބިލު ފަރާތެއްތޯ ބަލާފައި ނުވާކަން ތަޙްޤީޤަށް އެނގެން އޮވެއެވެ." އޭސީސީން ބުނެފައި ވެ އެވެ.

އޭސީސީން ބުނެފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ޑޮލަރު ހޯދުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މަސައްކަތް ކޮށްފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ލިޔުންތަކުން އެނގެން އޮތްއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ރިކުއަރމަންޓާ އެއްވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޑޮލަރު ހަމަޖެހިފައި ނުވާކަން ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. ނަމަވެސް، މިމައްސަލާގައ ހިމެނޭ ޑޮލަރު މުއާމަލާތު ކޮއްފައިވާ މުއްދަތުކަމުގައިވާ 2016 ވަނަ އަހަރުގެ އޭޕްރީލް މަހާއި ނޮވެންބަރު މަހާ ދެމެދު މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ އެމް.އެމް.އޭ މެދުވެރިކޮށް ޑޮލަރު ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާކަމަށާއި އަދި އެހާ އަވަސް ގޮތެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޑޮލަރު ބޭނުންވެގެން އެމުއްދަތުގެ ތެރޭގައިވެސް ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ޑޮލަރު ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މަސައްކަތްކޮށްފައިވާކަން އެނގޭކަށް ނެތް ކަމުގައިވެސް ބުނެފައި ވެ އެވެ.

"މީގެއިތުރުން، މިމައްސަލާގައި ޑޮލަރު ވިއްކުމަށް ޗެކް ދޫކުރި ކުންފުންޏަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތްތަކުގެ ލިސްޓުގައި ހިމެނިފައިވާ ފަރާތެއް ނޫނެއެވެ. އެކުންފުނިން ޑޮލަރު ވިއްކަން ހުށަހަޅައި، އެ މުޢާމަލާތް ކުރިޔަށް ގެންދިއުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިސާއާ ބެހޭ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެންގީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރކަން އެނގެން އޮވެއެވެ. މިގޮތުގެ މަތިން އަންގާފައިވާއިރު، އެކުންފުންޏަކީ މާލީ ގޮތުން އެފަދަ މުޢާމަލާތެއް ކުރިޔަށްގެންދެވޭނެފަދަ މާލީ ތަނަވަސްކަމެއް ހުރި ކުންފުންޏެއްތޯ ބަލާފައެއް ނުވެއެވެ. އަދި މިކޮމިޝަނުން އެކުންފުނީގެ ބޭންކް ސްޓޭޓްމަންޓްތައް ބެލިބެލުމުން އެއީ އެފަދަ ޤާބިލުކަމެއް ހުރި ކުންފުންޏެއް ނޫންކަމަށް ފާހަގަކުރެވިފައިވެއެވެ. އަދި އެކުންފުނިން ފުރަތަމަ ފަހަރަށް ޑޮލަރު ގަތުމަށް ހުށަހަޅާފައިވާ ޗެކަށްވާ ފައިސާ ނުލިބެނީސް ދެވަނަ އަދި ތިންވަނަ ފަހަރަށް ޑޮލަރު ގަތުމުގެ މުޢާމަލާތް ކުރިއަށް ގެންގޮސްފައިވާކަން ތަޙްޤީޤަށް އެނގެން އޮވެއެވެ." އޭސީސީން ބުނެފައި ވެ އެވެ.

އޭސީސީން ބުނެފައިވަނީ އެޑްވާންސްކޮށް ޚަރަދު ކުރުމަށްފަހު ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާ ޚަރަދު ކުރުމުގެ ސަބަބުން ޑޮލަރު ވިއްކުމަށް ޗެކް ހުށަހެޅި ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ލިބިފައިވެއެވެ. ވީމާ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ޑޮލަރު ގަތުމަށް ފައިސާ ޚަރަދު ކުރުމުގެ ހުއްދަދީފައިވާ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ، ޗީފް ޓެކްނިކަލް އޮފިސަރ، ޑިރެކްޓަރ، އަދި އެ ފައިސާ ޚަރަދު ކުރުމަށް އަންގާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ އެމް.ޑީ ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވިފައި ކަމަށެވެ.

މީގެއިތުރުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްގެ ގޮތުގައި 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާ ޚަރަދު ކޮށްފައިވާއިރު، ޑޮލަރުގެ ބަދަލުގައި އެކުންފުނިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދީފައިވަނީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ބޭންކް ގެރެންޓީ ތައްގަނޑު ޖަހާފައިވާ އެއްމަސްދުވަހުގެ ޑޭޓެޑް ޗެކްތަކެއްކަން ފާހަގަކުރެވޭ ކަމުގައިވެސް އޭސީސީން ބުނެފައި ވެ އެވެ.

އަދި އެ ޗެކްތަކުގައި ޖަހާފައިވާ ބެންކް ގެރެންޓީ ތައްގަނޑަކީ ބޭންކް ގެރެންޓީ ދިނުމަށް އެ ބޭންކުން ބޭނުންކުރާ ތައްގަނޑެއް ނޫން ކަމަށާއި އެހެންނަމަވެސް އެ ބޭންކްގެ އިންޓާނަލް ލިޔުންތަކުގައި ބޭނުންކުރުމަށް ބޭނުންކުރާ ތައްގަނޑެއް ކަމަށް މޮރިޝަސް ކޮމާޝަލް ބޭންކުން ބަޔާންކޮށްފައިވާކަމަށާއި އެ ޗެކުގައި ޖަހާފައިވާ ތައްގަނޑު ޖަހާފައިވަނީ މަކަރާ ހީލަތް ހެދުމުގެ ގޮތުންކަމަށް މިކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ފޮނުވިފައި ކަމުގައިވެސް އޭސީސީން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް