ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ނިންމައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާނު ކޮށްފައިވާއިރު އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ފަލަސްތީނުގައި މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ފަލަސްތީނުގެ ފެކްޝަންތަކުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ފަލަސްތީނުގެ ފެކްޝަންތަކުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
މި ނިންމުން މިގޮތަށް ނިންމާފައިވާއިރު ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި އިއުލާނު ކޮށްފަ އެވެ. އަދި ޓީޗަރުންނާއި ދަރިވަރުންވެސް މުޒާހަރާތަކުގައި ބައިވެރިވާން ގޮވާލާފައިވާކަމުގައި އަރަބި ނޫސްތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
ފަލަސްތީނުގެ ފެކްޝަންތަކުން މިގޮތަށް ނިންމާފައިވާއިރު ޓްރަމްޕް ކުރި އިއުލާނަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ރައްދު ދެއްވާފަ އެވެ. ޓްރަމްޕްގެ ތަގުރީރު ނިމުމާއެކު ފަލަސްތީނުގެ ގައުމީ ޓީވީ މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވެފައިވަނީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށާއި އެކަން ދެމި އޮންނާނީ އެގޮތުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް