އެފްޓީއޭ ފާސް ކުރުމާއެކު މަޖިލިސް މެމްބަރުންނަށް ވަރަށް ސަލާމް!

ރައްޔިތުންގެ މަޖިލީހުގެ ނަމުން ކަނޑައެޅިގެން އެނގޭ ގޮތުގައި އެތަނަކީ ރައްޔިތުންގެ ތަނެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަންޖެހޭ ބައެކެވެ. ރައްޔިތުންގެ ޖ...

07 Dec 2017 | 02:17

ރައްޔިތުންގެ މަޖިލީހުގެ ނަމުން ކަނޑައެޅިގެން އެނގޭ ގޮތުގައި އެތަނަކީ ރައްޔިތުންގެ ތަނެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަންޖެހޭ ބައެކެވެ. ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެން އަހަރަކު އެތައް މަހެއް ޗުއްޓީ ދެނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް މަސައްކަތްކުރާނެ ކަމުގެ އުންމީދުގައެވެ.

އެހެނަސް އެންމެ ފަހުން ތިޔަ މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ފްރީ ޓްރީޑް އެގްރީމެންޓު ފާސްކުރި ގޮތުން ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރެވުނުތޯ ސުވާލު އުފެދެއެވެ. އެއްމެ ފުރަތަމަ ތިޔަ ބުނާ ފްރީ ޓްރޭޑް އެގްރިމެންޓް ދިރާސާ ކުރަން ނެގި ވަގުތަކީ ވޯލްޑް ރިކޯޑް ފޮތުން ޖާގަ ދޭންޖެހޭ ވަރުގެ ވަގުތެކެވެ. ބައެއް މީހުން ބުނަނީ ދިހަ މިނިޓް ކަމަށެވެ. ބައެއް މީހުން ބުނަނީ ބައި ގަޑިއިރު ކަމެށެވެ. ހަގީގަތަކީ މިފަދަ އެގްރިމެންޓެއް ދިރާސާކުރަން އެއް ހަފްތާވެސް މަދެވެ. ފިނޭންސް މިނިސްޓަރު ފޮނުވާ ކުރު ބަޖެޓެއް ދިރާސާކުރަންވެސް ތި މަޖިލީހުން ވެސް އެންމެފަހު ފަހަރުވެސް ދިހަ ދުވަސް ކަނޑައެޅިއެވެ. އެހެނަސް އަސްލު ބަޖެޓް ދިރާސާ ތިޔަގޮތާއި ދޭތެރޭ އެއްޗެއް ބުނާކަށް ނެތީމެވެ. ވިސްނާލަންޖެހޭ ކަމަކީ ކަނޑައެޅި ވަގުތެވެ.

ޕީޖީ ލީޑަރުން ޒިންމާ އަދާކުރިބާ؟

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އޭނާގެ ގައުމީ ޒިންމާ އަދާކުރޭތޯ ސުވާލު އުފެދެއެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނާއި ދަރިންންގެ މުސްތަގުބަލާއި ގުޅުންހުރި މުހިއްމު ކަމެއް ނިމިގެން ދިޔަ އިރު ރައްޔިތުންނަށް އޭގައި އޮތީ ކީކޭތޯ ވެސް އަންގާނުލީމަ ހަމަ ހައިރާންވެއްޖެއެވެ. ގައިމު ބަންޑާރަ ޓީވީގައި މާ ގައުމިއްޔަތުވެގެން ހުއްބުންވަތަން ވެގެން އުޅުއްވާތީ ފެނެއެވެ.

ދެން އޮތީ އެމްޑީޕީ އާއި ޖޭޕީގެ ޕީޖީ ލީޑަރުންގެ ވާހަކައެވެ. ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށްފާނެ ވަރުގެ އެގްރިމެންޓެއް ފާސްވިއިރު ތި ބޭފުޅުން އެއްވެސް ކަމެއް ކުރެއްވި ތަނެއް ނުފެނެއެވެ. ޖަލްސާގެ އެސްއެމްއެސް ކޮންމެ އިރަކު ލިބުނަސް ތިބޭފުޅުން އެ ދުވަހު އެޖަލްސާ ބާއްވާނެ ކަމަށް ލަފާކުރެއްވިއެވެ. އެހެންކަމުން މިކަމަށް ހުށިވާރުވާން ޖެހިވަޑައިގަންނަވައެވެ. މާފަހުން އެސްއެމްއެސް، މަޖިލީހުގެ އިދާރާ އޭ ވިދާޅުވެ ޒިންމާ އިން ރެކިވަޑައިގަންނަވަން ނޫޅުއްވާށެވެ. މިވަރުގެ މިކަމެއް ވީއިރު ހަމަ ތިއްބެވީއެވެ.

އަސްލު މައްސަލައަކީ ގޮނޑި ގެއްލިދާނެ ކަމުގެ ބިރު

މަޖީލިސް މެމްބަރުންގެ ބިރުވެރިކަން އިތުރުވެގެން މިއުޅެނީ ހަގީގަތުގައި ސްޕްރީމް ކޯޓުން ނިންމެވި ' ހޮވުނު ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ' ނިންމުމުގެ ސަބަބުން ކަމަށް ކުރީގެ މަޖިލިސް މެމްބަރަކު ވިދާޅުވިއެވެ. ވިސްނާލާށެވެ. ތި މެމްބަރުންނަށް މި ގައުމުގެ މުސްތަގުބަލަށްވުރެ މުހިއްމީ ތި ގޮނޑި ހެއްޔެވެ. ކޮންމެވެސް ދުވަހަކުން ތި ގޮނޑި ވެސް ގެއްލޭނެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ޢައްދާރުވާނަމަ ރައްޔިތުން އެއްވެސް ދުވަހަކުން މަޢާފުކުރާނެ ކަމަށް ނުބައްލަވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް