ރާއްޖޭގައި ޖިންސީ ތަފާތު ކުރުން އަދިވެސް އެބައޮތް: އަޒްމީނާ

ރާއްޖޭގައި ޖިންސީ ތަފާތުކުރުން އަދިވެސް އެބައޮތް ކަމަށް މޯލްޑިވްސް އިންޑެޕެންޑެންޓުގެ ޖަރނަލިސްޓު އަޒްމީނާ ރަޝީދު ބުނެފިއެވެ. އިންޑިއާގެ ނިއުދިއްލީގައި މިހާރުކުރިއަށްދާ ރިއަލައިޒިންގ ޖެންޑަރ ގޯލްސް އި...

07 Dec 2015 | 18:06

ރާއްޖޭގައި ޖިންސީ ތަފާތުކުރުން އަދިވެސް އެބައޮތް ކަމަށް މޯލްޑިވްސް އިންޑެޕެންޑެންޓުގެ ޖަރނަލިސްޓު އަޒްމީނާ ރަޝީދު ބުނެފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި މިހާރުކުރިއަށްދާ ރިއަލައިޒިންގ ޖެންޑަރ ގޯލްސް އިން ދަ ސަސްޓޭނަބްލް ޑިވެލޮޕްމެންޓު ގޯލްސް (އެސްޑީޖީ)ގެ މިއަދު މެންދުރުގެ ދަންފަޅީގައި ވާހަކަ ދައްކަމުން އަޒްމީނާ ބުނީ ރާއްޖޭގައި ޖިންސުގެ ތަފާތުކުރުން މަދުކުރުމަށް ވާހަކަ ދައްކާ އިރު، އަންހެނުން ކުރީ ސަފަށް ނެރެންވެއްޖެ ކަމަށާއި މިކަން ކުރެވޭނީ ސަރުކާރުންނާއި އަމިއްލަ ކުންފުނިތަކުން ވަރަށް ބޮޑު ޤުރުބާނީއެއްވެގެން ކަމަށެވެ.

އަޒްމީނާ އިތުރަށް ބުނީ މަދުރަސީ ދައުރު ނިންމާ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭފަދަ އަންހެން ކުދިން ކޮންމެ އަހަރަކުވެސް ނުކުންނަމުންދާ އިރުވެސް، ވެރިންގެ ފެންވަރުގައި ތިބީ ގާތްގަޑަކަށް ތިރީސް އިންސައްތަ އަންހެނުން ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކީ ރައްޔިތުންގެ މަޖިލީހުގައިވެސް ހަރަކާތްތެރިވަނީ އެންމެ 5 އަންހެން މެމްބަރުން ކަމަށާއި އެހެންކަމުން މިއީ ތަފާތު ކުރުމެއް ނޫނޭ ބުނެވެން ނެތް ކަމަށެވެ.

އަންހެނުން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ޖެހިލުންވާ ސަބަބުތަކަށް އަލިއަޅުވާލަމުން އަޒްމީނާ ބުނީ ގިނަ ކުންފުނިތަކުންނާއި އެހެނިހެން ވުޒާރާތަކުން ވަޒީފާ ދިނުމުގައި ވަރަށް ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށެވެ. އަދި ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާކުރުން އޮންނަކަން ފާހަގަ ކުރަމުން އަޒްމީނާ ބުނީ ބައެއް އޮފީސްތަކުގެ ވެރިންގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ނަމަވެސް އެކަމަށް އިންސާފެއް ހޯދާދެވިފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ގޯނާކުރާ ފަރާތްތަކަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މަތީ މަޤާމުތަކުގައި ތިބެ، އިހުނަށް ވުރެ ބާރާއި ނުފޫޒު ގަދަވުމަކީވެސް އަންހެނުން ވަޒީފާއަށް ނުކުތުމަށް ޖެހިލުންވާ ކަމެއް ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި ބޯދާ ވިސްނުން ގެންގުޅޭ މީހުން އަދިވެސް އުޅޭ ކަމަށާއި އެހެން ނަމަވެސް ދިވެހި އަންހެނުންނަކީ ގޭގައި ތިބެގެން ހަމައެކަނި ދަރިންބަލާ ބައެއްގެ ގޮތުގައި ދުށް ޒަމާން މިހާރު ފަހަޅައަޅާ ހިނގައްޖެ ކަމަށްވެސް އަޒްމީނާ ބުންޏެވެ.

އަޒްމީނާ ބުނީ ޒަމާނުއްސުރެ ފެށިގެން ރާއްޖޭގެ މަސްވެރިކަމުގައި އަންހެނުންގެ ދައުރު ނުވަތަ ޙިއްޞާ ވަރަށް ބޮޑުކަމަށާއި އަންހެނުންނާ ނުލާ ރާއްޖޭގެ މަސްވެރިކަން މިހާރު މިއޮތް ހިސާބަށް ނާދެވުނީސް ކަމަށެވެ.

އެސްޑީޖީގައި މީޑއާގެ ދައުރު އިތުރުކުރާނެ ގޮތްތަކާއި އެކިޤައުމުތަކުގައި އެސްޑީޖީގައި މީޑިއާ އަދާކުރާ ދައުރާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޔޫއެން ވިމެންގެ ފަރާތުން 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯރކްޝޮޕުގައި ވާހަކަ ދައްކަމުން އަޒްމީނާ ބުނީ ރާއްޖޭގައި ފަތުރުވެރިކަން ކިތަންމެ ކުރިއަރާފައިވާ ކަމަށް ބުނިނަމަވެސް، މަސްވެރިކަމަކީ ދިވެހިންގެ ލޭނަރުކަމަށް ހަދައިދިނީވެސް ދިވެހި އަންހެނުން ކަމަށެވެ.

އަންހެނުންގެ ޙިއްޞާ މަސްވެރިކަމުގައި ބޮޑުކަމަށް ބުނަނީ ފިރިހެނުން ބާނައިގެން ގެންނަ މަސްކޮޅު ކައްކާ، ރިހާކުރަށް ހަދާތީ ނޫން ކަމަށާއި ދިވެހި އަންހެނުންނަކީ ގޮނޑުދޮށުންނާއި އޮޑިދޯނި ފަހަރުގައި ވަދުނަނު ފަދަ އާލާތް ބޭނުންކޮއްގެން މަސްބާނާ ކުޅަދާނަ ބައެއްކަމަށްވެސް އަޒްމީނާ ފާހަގަ ކުރިއެވެ.

މި ހުރިހާ ކަމަކަށް ބަލާ އިރުވެސް ދިވެހި އަންހެނުން ގޭގައި ތިބެގެން ފަރުޖައްސާލެވެން ނެތް ކަމަށާއި ޤައުމު ހިންގުމުގެ އިސް ސަފަށް އަންހެނުން ނުކުންނަންޖެހޭ ކަމަށްވެސް ޒުވާން ނޫސްވެރިޔާ އަޒްމީނާ ރަޝީދު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް