ހއ. އުތީމުގައި ސިފައިން ހަދަމުންދާ ކަޅުއޮއްފުއްމީގެ ހަނދާނީ ބިނާގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައި ވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން، ސިފައިން ހއ.އުތީމުގައި ހަދަމުންދާ ކަޅުއޮއްފުއްމީގެ ހަނދާނީ ބިނާގެ މަސައްކަތް ފައްޓާފައިވަނީ 25 ނޮވެމްބަރ 2015 ގައެވެ. އުތީމުގެ ބަނދަރު ސަރަހައްދުގައި ކަޅުއޮއްފުއްމި އަސްލަކަށް ބަލައިގެން ހަދަމުންދާ މި ބިނާގެ ދިނުމިނުގައި 36 ފޫޓް ހުންނާނެ ކަމަށާއި މިބިނާ އަކީ މުޅި އުތީމުގެ ބަނދަރު ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ ބިނާއަކަށް ވެގެންދާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
"މިބިނާއަކީ ސިމެންތިން ކޮންކްރީޓް ކޮށްގެން ހަދާ އަދި ހުންގާނާއި ކުނބު ލަކުޑީން ހަދަމުންދާ ބިނާއެއް، މިބިނާ ހެދުމުގެ މަސައްކަތް ކުރަމުންދަނީ ސިފައިންގޭގައި ތިބި، ކަމަށްޤާބިލު ފަންނުވެރި ސިފައިން، މިބިނާ ހެދުމަށް ސިފައިން މަސައްކަތް ކުރަމުންދާއިރު އުތީމު ރަށުކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް އަސްރާރު އާދަމް އާއި އުތީމު ރަށުކައުންސިލް އިދާރާގެ އެންމެހާ ހީވާގި މެންބަރުންގެ އިތުރުން ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މަތީ ދަރަޖައަކަށް ފާހަގަކޮށްލެވޭ، އަދި ވަކިން ޚާއްޞަ ގޮތެއްގައި ސިފައިން ހަދަމުންދާ މި ހަނދާނީ ބިނާގެ މަސައްކަތް ކުރަމުންދާ ސިފައިން، ރަށުގައި ތިބުމާއި ކެއުމުގެ އިންތިޒާމުތައް ހަމަސައްޖަވައިދެއްވަމުން ގެންދާދިއުން ފާހަގަކޮށް ޝުކުރުވެރިވަން" އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން ބުނީ މިފަދަ ބިނާއެއް ހެދުމުގައި އުތީމުގެ ލޮބުވެތި އެންމެހާ ރައްޔިތުންގެ ފަރާތްތަކުން ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަން އެމްއެންޑީއެފުން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާއި އަދި މިފަދަ ކުރު މުއްދަތެއްގައި މިފަދަ ބޮޑު މަސައްކަތެއް ކުރެވެމުންދާ އެންމެ ބޮޑު ސިއްރަކީ އުތީމުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ މެހެމާންދާރީ އާއި ދީލަތި އެހީތެރިކަމުގެ އިތުރުން ދެއްވަމުންގެންދަވާ އެއްބާރުލުމުންކަން އެމްއެންޑީއެފުން، އުފަލާއި ހިތްހަމަޖެހުމާއެކު ފާހަގަކުރާ ކަމަށެވެ.
މީގެ އިތުރުން ބިނާ ހެދުމަށް ސިފައިން ކުރަމުންދާ އެންމެ ފަހުގެ މަސައްކަތަށް ބަލާއިރު ބިނާގެ ތައްގަނޑަށް ކޮންކްރީޓް އަޅައި، މިހާރުވަނީ ނިމިފައި ވާކަމަށާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ޤައުމީ ދުވަހަށް ރަސްމީކޮށް، އުތީމު ބަނދަރު ސަރަހައްދުގައި ބިނާ ހުޅުވުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް