ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގެ ބައެއް ފަންގިފިލާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ އެފަންގިފިލާތަކުން ޚިދުމަތް ލިބިގަންނަން ވަޑައިގަންނަވާ ބޭފުޅުންނަށް އެހީތެރިވެދިނުމުގެ މަސައްކަތް ސްޕެޝަލް ކޮންސްޓެބެލެރީ ފުލުހުންނާ ޙަވާލު ކޮށްފިއެވެ.
ފުލުހުން ބުނީ ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންނާ މި މަސައްކަތް ޙަވާލުކޮށް ރަސްމީ ގޮތުން މިމަސައްކަތާ ޙަވާލުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެސް ސީ ފުލުހުން މިތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޙަވާލުވެފައިމިވަނީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރިޔަށް ގެންދާ ގޮތަށް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގެ ބައެއް ފަންގިފިލާތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އެސްސީ ފުލުހުން ޙަވާލުވެފައިވާއިރު ބެންކުން އެކިތަންތަނަށް ފައިސާ ގެންދަން ކުރާ ދަތުރުތަކުގެ ސަލާމަތީ ކަންކަންވެސް ފުލުހުން ގެންދަނީ ބަލަހައްޓަމުންނެވެ.
ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުން އުފެދުމާއެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާ ހުޅުމާލޭ ހޮސްޕިޓަލާ ތިލަފުށީ ކޯޕަރޭޝަންގެ އިތުރުން ޒުވާނުންގެ މަރުކަޒުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައިވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.
މިތަންތަނުގައި އެސްސީ ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަން ފެށިފަހުން އެތަންތަނުގައި ހިނގާ ޖިނާޢީ ކުށްތައް މަދުވެ، ރައްޔިތުންނަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮންނަކަން ފާހަގަ ކުރެވޭ ކަމަށާއި ވަކިން ޚާއްޞަކޮށް އައި.ޖީ.އެމް ހޮސްޕިޓަލުން ކުރަމުންދާ ވައްކަމުގެ މައްސަލަތައް ހުއްޓުމަކަށް ގެނެވުނުކަން ފާހަގަ ކުރަން ޖެހޭ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް