ނަގޫ ރޯޅި އަރައި އަޅައި ގެއްލުން ލިބިފައި -- ފޮޓޯ: ޅައިމަގު ކައުންސިލް
ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ނަގޫ ރޯޅި އެރީ މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރު އެ ރަށު އުތުރު ފަރާތުންނެވެ.
ޅައިމަގު ކައުންސިލް މެމްބަރު އާމިނަތު އަފްރާހާ "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާގައި 22 ގެއަކަށް ގެއްލުން ލިބިފައިވާއިރު ނަގޫ ރޯޅި އެރި ވަގުތު ގެއެއްގެ ގަރާޖެއްގެ ތެރޭގައި ހުރި މީހެއްގެ ގައިގަ ވިއްސައިގެން ދިޔަ އެޅިގަލަކުން ޖެހި ވެއްޓި ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ، އެމީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު ކައުންސިލުން އެއްކޮށް ކަމާ ބެހޭ އިދާރާތަކާއި ހިއްސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަގޫ ރޯޅި އެރުމުގެ ސަބަބުން ގޭގޭގެ މަގުމަތީ ފާރު ވެއްޓި، ބައެއް ގޭގޭގެ ގަރާޖާއި ފުރާޅު އެއްލާލައި އެ ސަރަހައްދުގެ މަގުތަކާއި ގޭގޭގައި ބޮޑެތި ގަސްތައް މުލުން ލުހި ވެއްޓިފައި ވާ ކަމަށެވެ.
އަފްރާހާ ވިދާޅުވީ މި ފަހުން ރަށަށް މިވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ނަގޫ ރޯޅި އެރީ މާބޮޑަށް މޫސުން ގޯސްވެފައި ވަނިކޮށް ނޫން ކަމަށާއި އެ ރަށަށް ވާރޭ ވެހެން ފެށި ފަތިހު ކަމަށެވެ.






ޅައިމަގު ހިމެނޭހެން ހއ. އަތޮޅުން އދ. އަތޮޅާއި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައި އެވެ. މެޓުން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތް ފަސް ދުވަހުވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް