ފޮޓޯ: މެންހަޓަން ގްރޭންޑް ހޮޓެލް
ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓާ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ހަވާއެރުވުމާ އެކު މިރޭ ބާއްވަން ނިންމައިފިއެވެ.
ހުޅުމާލެ 1 ގެ ވެމްކޯ ކައިރީގައި ހުންނަ ނުވަ ބުރީގެ އެ އިމާރާތުގައި ހިންގާ ހޮޓަލުން ބުނީ މިރޭ 10:00 އިން 10:30 އަށް ކުރިއަށް ގެންދާ ރަސްމިއްޔާތުގައި ހަވާއެރުވުމުގެ އިތުރުން ބޮނޑިބަތް ކެއުން ވެސް އޮންނާނެ ކަމަށެވެ. ވީހާ ގިނަ ބަޔަކު އެ ޙަފުލާގައި ބައިވެރިވުމަށް ހޮޓަލުން ވަނީ ދައުވަތު ދީފައެވެ.
އެ ހޮޓަލުގައި 162 ކޮޓަރީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލަކާއި ބޭރުގައި ސުވިމިން ޕޫލެއް ހުރެއެވެ. ސްޕާ އެންޑް ވެލްނަސް ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް ޤާއިމުކޮށްފައިވެއެވެ.
ސިޓީ ހޮޓަލެއް ހެދުމަށް އެސްޓީއޯއިން ކުރިން ބިނާކުރި އެ ޢިމާރާތް "މެންހަޓަން ގްރޭންޑް"ގެ ގޮތުގައި ތަރައްޤީކުރީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްގެންނެވެ. ހޮޓާ ހިންގުމުގައި 50 އިންސައްތަ ބޭރުގެ އިންވެސްޓްމަންޓެއް ހިމެނޭ ކަމަށާއި އެ ފައިސާ ހޭދަކުރަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކޮމްޕެނީން ކަމަށް އެޗްޑީސީން މިދިޔަ އަހަރު ބުނެފައިވެއެވެ.
ރެޑިސަން ބްލޫގެ ބްރޭންޑް ނަމުގައި ހިންގުމަށް 2008 ވަނަ އަހަރު އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު ސޮއިކޮށް، 2012 ގައި އިމާރާތްކުރަން ފެށި ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މަޝްރޫޢު ހުއްޓި، ތަން ވިއްކައިލަން އެކި ފަހަރު މަތިން އިޢުލާނު ކުރެވުނެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހޭދަކުރެވުނު އެ މަޝްރޫޢު ނިންމަން ކުރިން ކަނޑައެޅީ 2013 ގެ ނިޔަލަށެވެ.
ދިގުލައިގެން ގޮސް ނުނިމި އޮތް ހޮޓާ ނިންމައި ހުޅުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދިން ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް