ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ލ. ގަމުގައި ހުޅުވައިފި

ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ލ. ގަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ. އިތުރު ނުވަ ރަށެއްގައި ގޮފި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް މަރުކަޒުން ބުނެއެވެ.

07 Nov 2026 | 14:25
ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ލ. ގަމުގައި ހުޅުވައިފި

ރާއްޖޭގެ ކޮންމެ ރަށެއްގައި ގުރްއާން ކިޔަވައިދޭ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ލ. ގަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ގޮފި އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ނައިބު މިނިސްޓަރު އަލްއުސްތާޒު އަބްދުލް ގަފޫރު އަހްމަދެވެ. މި ރަސްމިއްޔާތުގައި ގައުމީ މަރުކަޒުގެ ބައެއް އިސް ބޭފުޅުންނާއި ގަން ކައުންސިލް އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގޮފި ހުޅުވުމާ ގުޅިގެން، ގައުމީ މަރުކަޒުގެ ޓީމުން ވަނީ ގަން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާ ބައްދަލުކޮށް، ގުރްއާން ތައުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކުރެވޭނެ ގޮތްތަކާއި އިދާރީ ގޮތުން ދެމެހެއްޓެނިވި ނިޒާމެއް ބައްޓަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

މި ހިދުމަތް މުޅި ރާއްޖެއަށް ފެތުރުމުގެ ގޮތުން، އިތުރު ނުވަ ގޮފީގެ ރަޖިސްޓްރީ ނިމި، ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުން އެބަ ދެއެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ. މަގޫދޫ، ގއ. ދާންދޫ އަދި ސ. ހިތަދޫއެވެ. މީގެ އިތުރުން ހއ. އިހަވަންދޫ، ށ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކަނޑުހުޅުދޫ ހިމެނޭ ގޮތަށް 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމުގެ ހުށަހެޅުން ވެސް މިހާރު ހުށަހަޅާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ކީރިތި ގުރްއާން ހިފްޒުކުރުމަށް ހިތްވަރުދެއްވައި، އިސްލާމީ އިލްމު ވަރުގަދަކުރެއްވުމާއި ކުރިއަށް އޮތް ޖީލުތަކަށް ތައުލީމީ ފުރުސަތުތައް ފުޅާކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް