މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގާ ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދަށް، ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 30 ދުވަސް ޖަހައިފިއެވެ.
ބަންދު އިތުރުކުރީ، ތ. ތިމަރަފުށި ވިލާ، މަރްޔަމް އިޝާ އަޝްރަފް (21)، ސ. ހުޅުދޫ ރޭޝަމް، މުހައްމަދު ނާހިލް (25) އަދި ކ. ހުރާ ސާނީވިލާ، ހުސައިން ޝާވިން (26) ގެ ބަންދެވެ.
ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މަސްތުވާތަކެތި ފެނުނު ތަނާ ނާހިލް އަދި އިޝާއާ ގުޅުން އޮންނަ ކަމަށް ބުނެފައިވެއެވެ. އަދި ސީންގައި މަސްތުވާތަކެތި ހާމައަށް ހުރި ކަމަށް ވެސް ބުނެފައިވެއެވެ. ޝާވިންގެ ބަންދު އަމުރުން ފާހަގަވާ ކަމަކީ، އޭނާގެ ފިންގަރ ޕްރިންޓް މަސްތުވާތަކެތި ހުރި ޕެކެޓަކުން ފެނިފައިވުމެވެ. ހެކީގެ ގޮތުގައި ރެންޓް އެގްރީމަންޓް ވެސް ކޯޓަށް ހުށަހަޅާފައިވެއެވެ.
މި ތިން މީހުން ހައްޔަރުކުރީ، ސެޕްޓެމްބަރު ދެ ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލާފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހުންނަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމެވެ. ތިން މީހުންގެ ކުޑަކަމުދާތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް