އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު ގަތަރުން ކުރިއަށް ގެންދަނީ

އެމެރިކާ އާއި އީރާނާ ދެމެދު ސަރަހައްދީ ހާލަތު ގޯސްވިޔަ ނުދިނުމަށް ގަތަރުން މެދުވެރިކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފާހަގަކޮށްލެވޭ ކުރިއެރުން ހޯދިފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

07 Nov 2026 | 13:48
އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު ގަތަރުން ކުރިއަށް ގެންދަނީ

ސަރަހައްދީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާ އާއި އީރާނާ ދެމެދު ގަތަރުން ކުރަމުންދާ މެދުވެރިކަމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޠާނީ ބުނެފިއެވެ.

އަލް ޖަޒީރާ ޓީވީން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ މެދުގައި ބޭއްވި އިންތިހާބަށް ފަހުގައި ވެސް ވޮޝިންޓަނުން އެއްބަސްވުމަކަށް ވާސިލުވުމުގެ ޝައުގުވެރިކަން ދެމިއޮތް ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ބުނެފައިވެއެވެ. އެ މަޝްވަރާތަކުގައި ފާހަގަކޮށްލެވޭ ކުރިއެރުން ހޯދިފައިވާ ކަމަށާއި، ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"ފުރިހަމަ އެއްބަސްވުމެއް ލިބެންދެން މަޑުކުރާނެ ޖާގައެއް ނެތް؛ ރަނގަޅު އެއްބަސްވުމެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ގަތަރުގެ ބޮޑުވަޒީރު ބުންޏެވެ.

މި ވާހަކަތައް ދެކެވުނު ދުވަހު، އީރާނުގެ ގެޝްމް ޖަޒީރާއަށް ދެ މިސައިލް އަރާފައިވާ ކަމަށް ފުރަތަމަ ރިޕޯޓުތަކުން ދައްކާ ކަމަށް އީރާނުގެ ޓަސްނީމް ނިއުސް އެޖެންސީން ހޮނިހިރު ދުވަހު ބުނެފައިވެއެވެ. ނަމަވެސް ލިބުނު ގެއްލުމާ ގުޅޭ ރަސްމީ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ. އީރާނުގެ ތެރޭގައިވާ އެއްވެސް ތަނަކަށް ހަމަލާ ދިން ކަން އެމެރިކާއިން އިއުލާނުކޮށްފައެއް ނުވެއެވެ.

އަންގާރަ ދުވަހު ބޭއްވި މެދުގައި އިންތިހާބު ނިމެންދެން ޓްރަމްޕް އީރާނަށް ހަމަލާ ދިނުން ފަސްކޮށްފައި އޮތުމުން، ވޯޓުލުން ނިމުމާ އެކު ހަމަލާތައް އަލުން ފެށާނެ ކަމަށް ސަރަހައްދުގެ ގައުމުތަކުން ލަފާކޮށްފައިވެއެވެ. އީރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އައު ހަމަލާތަކެއް ދީފި ނަމަ އަވައްޓެރި ގައުމުތަކުގައި ހުރި އެމެރިކާ އާއި އިސްތިއުމާރީ އިޒްރޭލުގެ އަމާޒުތަކަށް ރައްދު ދޭނެ ކަމަށެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން އީރާނުން ހުށަހަޅަމުން ގެންދާ ހަތް ދުވަހުގެ ޕްލޭނުގައި، އީރާނުގެ ބަނދަރުތަކުގެ ހިސާރު އުވައިލުމާއި، ފްރީޒްކޮށްފައިވާ މާލީ ވަސީލަތްތައް ދޫކުރުމާއި، ހޯރުމޫޒް ކަނޑުއޮޅީގައި އީރާނުގެ ބެލެނިވެރިކަމުގެ ދަށުން ދަތުރުކުރެވޭ މަގެއް ހޮވުން ހިމެނެއެވެ. މި ޕްލޭން ޓްރަމްޕް މިހާތަނަށް ގަބޫލުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް