މޭގަން މާކްލް އާއި ތޯމަސް މާކްލް --
އިނގިރޭސި ޝާހީ ޢާއިލާގެ ޕްރިންސް ހެރީގެ އަންހެނުން މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް، ކުޑަކުދިންގެ ޖިންސީ ގޯނާގެ މަންޒަރު ދައްކުވައިދޭ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ލޮސް އެންޖެލިސް ސަރަޙައްދުގައި ގާތްގަނޑަކަށް 20 އަހަރު ވާންދެން ތޯމަސް ކުއްޔަށް ހިފާފައި ހުރި ދެ ގުދަނެއް ބަލައިފާސްކުރުމުން، ކުޑަ އަންހެން ކުދިންނާ އެކު ނަގާފައިވާ ޖިންސީ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ފެނިފައިވާ ކަމަށެވެ. ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑައިރެކްޓަރު ކޭޝް ޕަޓެލް ބުނީ "މިސްޓަރ މާކަލް ވަނީ ކުށެއް ނެތް ކުދިންތަކަކަށް ޓާގެޓުކޮށް، އެ ކުދިންގެ މައުސޫމުކަން ފޭރިގެންނަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފައިވާ ގޮތުގައި، ފިލިޕީންސްގައި އުޅުނު އިރު ތޯމަސްގެ ތަކެތީގެ ތެރެއިން ކުޑަކުދިންގެ ޖިންސީ ގޯނާގެ މައްސަލައާ ގުޅޭ ތަކެތި ފެނުނު ކަމަށް ބުނެ މީހަކު ހުވާ ކޮށް ހެކިބަސް ދީފައި ވާކަން 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ކަމާ ބެހޭ ފަރާތްތަކަށް އެނގިފައިވެއެވެ. އެ މަޢުލޫމާތާ ގުޅިގެން 82 އަހަރުގެ ތޯމަސް 2008 ވަނަ އަހަރުން ފެށިގެން ލޮސް އެންޖެލިސް ކައިރީ ގެންގުޅެމުން އައި ގުދަނެއް ހޯދައި، ފަހުން ދެ ވަނަ ގުދަނެއް ވެސް ދެނެގަނެވުނެވެ.
ކޯޓު އަމުރު ހޯދައިގެން އެފްބީއައި އެޖެންޓުން ބަލައި ފާސްކުރި އިރު ފޮޓޯ، ފިލްމް ނެގެޓިވް އަދި ފޮތް ހިމެނޭ ގޮތަށް 78 އައިޓަމެއް ފެނިފައިވެއެވެ.
މި އަހަރުގެ ކުރީ ކޮޅު ފިލިޕީންސްގައި ދިރިއުޅެމުން ދަނިކޮށް ތޯމަސްގެ ސްޓްރޯކެއް ޖެހި، ވާތު ފައި ބުރިކޮށްލަން ޖެހުނެވެ. އެ ޙާލަތުގެ ސަބަބުން އޭނާ އެނބުރި އެމެރިކާ އަށް ބަދަލުވިއެވެ.
ދަ ނިއު ޔޯކް ޓައިމްސް އަށް ފޮނުވި ބަޔާނެއްގައި މޭގަން ބުނެފައިވަނީ ބައްޕައާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް 2018 ގައި ފުރަތަމަ ފަހަރަށް އެނގިފައިވާ ކަމަށެވެ. އެ ތުހުމަތުތައް ތަފްސީލުކޮށް ލިޔެފައިވާ ސިޓީއެއް އެ ދުވަސްވަރު އޭނާގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ ޔުނިޓަކަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އޭނާ ވަނީ ބައްޕަގެ ފަރާތުން އަނިޔާލިބުނު ކުދިންނަށް ޙަމްދަރުދީ ފޮނުވާފައި އެވެ. ހަމައެހެންމެ، ބައެއް މީޑިއާތަކުން ފާއިތުވި އެތައް އަހަރަކު ވާހަކަ ބައްޓަންކުރި ގޮތާ ޚިލާފަށް، ބައްޕައާ ދުރުގައި ހުރުމާއި ދަރިންނާ ބައްޕައާ ބައްދަލުވިޔަ ނުދިނުމުގެ ހަމައެކަނި ސަބަބަކީ ދަރިންގެ ރައްކާތެރިކަން ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުށް ސާބިތުވެއްޖެ ނަމަ ތޯމަސް އަށް ގިނަ ވެގެން 20 އަހަރުގެ ޖަލު ހުކުމެއް ކުރިމަތިވެދާނެ ކަމަށް ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް