މާލޭ ތިން ގެއެއް ބަލާފާސްކޮށް ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް އިތުރު 25 ދުވަސް

07 Nov 2026 | 05:41
މާލޭ ތިން ގެއެއް ބަލާފާސްކޮށް ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް އިތުރު 25 ދުވަސް

މާލޭ ތިން ގެއެއް ބަލާފާސްކޮށް، މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް، އިއްޔެ ކޯޓުން 25 ދުވަސް އިތުރުކޮށްފިއެވެ.

ބަންދު އިތުރުކުރި ހަތަރު މީހުންނަކީ، މާލެ މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45)، ތ. ތިމަރަފުށި ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38)، ތ. ތިމަރަފުށި މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41) އަދި ތ. ތިމަރަފުށި ވިލާ، އާމިނަތު ނިސާ (41) އެވެ.

ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، އެ މީހުންގެ ތެރެއިން ތިން މީހެއްގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. އަޒުހަދާއި އަޙްމަދުގެ ކުޑަކަމުދާތަކެތި އޭއެމްޕީ، އޯޕީއައި، ސީއޭޓީ އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާއިރު، ނިސާގެ ކުޑަކަމުދާތަކެތި ޕޮޒިޓިވްވީ އޯޕީއައި އަދި ބެންޒޯއަށެވެ.

މި ހަތަރު މީހުން ހައްޔަރުކުރީ، ވޭތުވެދިޔަ އޮކްޓޫބަރު މަހުގެ 31 ގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި މާލޭ ތިން ގެއެއް ބަލާފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި އަތުލައިގަތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކުރުމާއި، ހިފެހެއްޓުމާއި، ވިއްކުމާއި، ޓްރެފިކްކުރުމުގެ ތުހުމަތުގައި ކަމަށެވެ. ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް