ރަނގަޅު ނިދުމެއް ހޯދަން އިންޑިއާގެ ޒުވާނަކު ޖަޕާނަށް ގޮސް ގަތް އަގު ބޮޑު ބާލީހުގެ ވާހަކަ!

07 Nov 2026 | 02:39
ވިޕަންދީޕް ކައުރު --

ވިޕަންދީޕް ކައުރު --

އިންޑިއާގެ ޗާޓާޑް އެކައުންޓެންޓެއް ކަމަށްވާ ވިޕަންދީޕް ކައުރު ކިޔާ ޒުވާން އަންހެނަކު ޖަޕާނަށް ކުރި ދަތުރެއްގައި، ވަރަށް އަގުބޮޑު ބާލީހެއް ގަނެ، މީހުންގެ ސަމާލުކަން ހޯދައިފި އެެވެ.

އޭނާ ސޯޝަލް މީޑިއާގައި ބުނީ ކަސްޓަމައިޒް ކޮށްގެން އެ ބާލީސް ގަތީ ޖަޕާނުގެ ނިހޮންބާޝީގައި ހުންނަ 400 އަހަރުވީ ފިހާރައަކުން ކަމަށެވެ. ބާލީހުގެ އަގަކީ 40،000 އިންޑިއަން ރުޕީސް (426 އެމެރިކާ ޑޮލަރ) އެވެ.

ވިޕަންދީޕް ބުނި ގޮތުގައި ގިނައިރު ލެޕްޓޮޕާއި ފޯނު ބޭނުންކުރުމުގެ ސަބަބުން ކަރަށް ތަދުވެ، ނިދުމުގެ ފެންވަރު ދަށްވެފައިވާ ކަމަށެވެ. ނިޝިކާވާ ބްރޭންޑުގެ މި ބާލީހަކީ ރަނގަޅު ނިދުމެއް ހޯދުމަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް އޭނާ ބުނެފައިވެއެވެ.

މި ބާލީސް އެ މީހާގެ ހަށިގަނޑާ ގުޅޭ ގޮތަށް ތައްޔާރުކުރުމުގެ ކުރިން، ޖަޕާނުގެ ނިދުމުގެ ތަޖުރިބާކާރުން ތަފްސީލީ މަރުހަލާތަކެއް ފުރިހަމަކުރެއެވެ. ފުރަތަމަ ކަރުގެ ޕޮސްޗާ މިނައި، ގުޅޭ ފޮތީގެ ބާވަތް ކަނޑައަޅައެވެ. ދެން ތަފާތު އުސްމިނުގެ ބާލީސްތަކެއްގައި ކަސްޓަމަރު ބައިންދައި، ނިދުމުގެ އާދަތައް ދެނެގަނެ، އެންމެ އެކަށީގެންވާ އުސްމިން ކަނޑައަޅައެވެ.

ހުރިހާ މިނެކިރުންތަކެއް ނިމުމުން ބާލީސް ހެދުމުގެ މަސައްކަތް ފެށެއެވެ. މި ބާލީހުގެ ތެރޭގައި ކަޅު ބިންޗޮޓާން ޗާކޯލް ޕައިޕް ބީޑްސް ހުންނައިރު، މި ތަކެތީގެ ސަބަބުން ނިދުމުގެ ހިތްހަމަޖެހުމާއި ހަށިގަނޑުގެ ޕޮސްޗާ ރަނގަޅުކޮށްދޭ ކަމަށް ވެއެވެ..

މި ހާއްސަ ބާލީހުގެ ސަބަބުން ކަރުގެ ތަދު ލުއިވެ، ނިދުމުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އޭނާ އުންމީދުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ވީޑިއޯ ހިއްސާކުރިތާ ހަތަރު ގަޑިއިރު ތެރޭގައި 300,000 އަށް ވުރެ ގިނަ ވިއުސް ލިބުނެވެ. ބައެއް މީހުން ރަނގަޅު ނިދުމަށް ހޭދަކުރުމަށް ތާރީފުކުރިއިރު، އަނެއް ބައި މީހުން ބާލީހަކަށް އެވަރުގެ ޢަދަދެއް ހޭދަކުރުމާ މެދު ސުވާލު އުފެއްދިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް