ބްރެޒިލްއާ އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން --
މިދިޔަ މަހު އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ބްރެޒިލާއި އުރުގުއޭ އަށް ދައްކަންޖެހޭ ފީގެ ބާކީ ބައި ދެއްކުމުގައި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ދަތިތަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލާއި ކުރީގެ ވޯލްޑް ކަޕް ޗެމްޕިއަން އުރުގުއޭ އިންޑިއާގެ ކޮލްކަތާގައި ކުޅުނު މެޗުތަކަށް ލިބެންޖެހޭ ފީގެ ދެބައިކުޅަ އެއްބައި އަދިވެސް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބެންގަލޫރުގައި ކުޅުނު ޕެނަމާގެ މެޗުގެ ފީ ފުރިހަމައަށް ދައްކައި ވަނީ ނިންމާފައެވެ.
ބްރެޒިލަށް ގާތްގަނޑަކަށް 19 ކުރޯޑް ރުޕީސް އަދި އުރުގުއޭ އަށް 4.7 ކުރޯޑް ރުޕީސް ދައްކަންޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފީ ދެއްކުމަށް ޓަކައި ފެޑެރޭޝަންގެ 20 ކުރޯޑް ރުޕީސްގެ ފިކްސްޑް ޑިޕޮޒިޓެއް މެޗޫރިޓީ ވުމުގެ ކުރިން ބޭނުންކުރުމަށް އޭއައިއެފްއެފްގެ ރައީސް ކަލްޔާން ޗައުބޭ ހުށަހެޅިއެވެ. ނަމަވެސް ޖެނެރަލް ބޮޑީގެ މެންބަރުން އެ ހުށަހެޅުމާ ދެކޮޅު ހެދީ، އެ ފައިސާ ބޭނުންކުރެވޭނީ ހަމައެކަނި ކުއްލި ހާލަތެއްގައި ކަމަށް ބުނެއެވެ.
ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ފީގެ ބާކީ ބައި ނުދެއްކިގެން އުޅެނީ ޓިކެޓު ވިކުނު މިންވަރު ލަފާކުރި ވަރަށް ވުރެ ދަށްވުމުންނެވެ. 30 އާއި 40 ކުރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލި ނަމަވެސް، ޓިކެޓުގެ އަގު ބޮޑުކަމުން ޑިމާންޑް ދަށްވިއެވެ.
އެހެންވެ ކޮލްކަތާގެ މޯހަން ބަގާން އެސްޖީ، އީސްޓް ބެންގޯލް އަދި މުޙައްމެދަން ސްޕޯޓިންގެ ސަޕޯޓަރުންނަށް ހެޔޮ އަގުގައި ޓިކެޓު ދިނުމާއި ބްރެޒިލް މެޗަށް "އެއް ޓިކެޓު ގަތުމުން އަނެއް ޓިކެޓު ހިލޭ" ޕްރޮމޯޝަނެއް ވެސް ހިންގިއެވެ. ޓިކެޓިން ޕާޓުނަރެއް މެދުވެރިކޮށް ކުރިއާލައި ލިބުނު 25 ކުރޯޑް ރުޕީސްގެ ފައިސާގެ ބައެއް ވެސް އަނބުރާ ދައްކަންޖެހިފައި އެބައޮތް ކަމަށްވެ ޢެވެ.
ބްރެޒިލުން އިންޑިއާ އަށް ގެންދިޔައީ ރެއާލް މެޑްރިޑުގެ ފޯވާޑް ވީނީޝިއަސް ޖޫނިއާ، އާސެނަލްގެ ޑިފެންޑަރު ގެބްރީއެލް މެގަލައެސް، ޕީއެސްޖީގެ ކެޕްޓަން މާކީންޔޯސް އަދި ޗެލްސީގެ އެސްތެވާއޯ ހިމެނޭ ވަރުގަދަ ސްކޮޑެކެވެ. މި ފެންވަރު މަތީ ތަރިން ގެނައި ނަމަވެސް، ދައްކަންޖެހޭ ފީ ހަމަޖެއްސުމުގެ ގޮންޖެހުން ފެޑެރޭޝަނަށް ކުރިމަތިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް