އައިއެސް ޖަމާއަތުން އަލަށް އިއުލާނުކުރި އެ ޖަމާއަތުގެ އާ ލީޑަރު އަބޫ އިބްރާހިމް އަލް-ހާޝިމީ އަލް-ގުރައިޝީ އަކީ ތާކުން ތާކު ޖެހޭ މީހެއް ނޫން ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ނަން ހާމަނުކޮށް ބުނެފައިވާގޮތުގައި އަލަށް ހަމަޖެއްސި ކަމަށް ބުނާ އައިއެސްގެ އާ ލީޑަރަކީ އައިއެސްގެ އާންމު މެމްބަރުންގެ ތެރޭގައިވެސް މާ ދަންނަ މީހެއް ނޫނެވެ. އެއީ އެއްވެސް މީހެއް ނޫން ގޮތުގައި އެމެރިކާގެ އެ އޮފިޝަލް ސިފަކޮށްފައިވެއެވެ.
އައިއެސްގެ އާ ވެރިޔަކު ހަމަޖެއްސިކަން އެ ޖަމާއަތުން ހާމަކުރި ނަމަވެސް އެމީހަކާ ބެހޭ އެއްވެސް މައުލޫމާތެއް، ފޮޓޯއެއް އައިއެސްއިން އާންމުކޮށްފައެއް ނުވެއެވެ. ހަމަ އެކަނި އާންމު ކުރީ އޭނާގެ ނަމެވެ.
އާ ވެރިޔަކު ހަމަޖެއްސިކަން އައިއެސްއިން އިއުލާނު ކުރުމާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައިވަނީ އައިއެސްގެ އާ ވެރިޔަކީ ކާކުކަން އެމެރިކާއަށް އެނގޭ ކަމަށެވެ.
އެމެރިކާ އަސްކަރިއްޔާގެ އޮޕަރޭޝަނެއްގައި އައިއެސްގެ ކުރީގެ ލީޑަރު އަބޫ ބަކްރް އަލް-ބަގްދާދީ މަރާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. ބަގްދާދީ މަރުވެފައިވާކަން އައިއެސްއިންވެސް ކަށަވަރުކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް