ލަންކާގެ ރައްޔިތަކު ރާއްޖެއިން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅޭ ކަމުގެ ތުހުމަތަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝްރީލަންކާގެ 27 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މައްސަލަ ދަނީ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ. މި މީހާ 2015 އޮކްޓޫބަރު 24 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހަތިޔާރުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.
"މިމައްސަލާގައި މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު ޝްރީލަންކާގެ އެ މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ތަޙުޤީޤަށް ވަނީ އެނގިފައި، އަދި އެމީހާއި ޙަވާލުކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލުމުގެ މަސައްކަތްކަންވެސް ތަޙުޤީޤަށް ވަނީ އެނގިފައި" ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދަން 15 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެއްވާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް