އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ރަށުން ބޭރުގައި މުހިއްމު މެޗުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ޗެލްސީ ނުކުންނައިރު، އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއަށް ދަނޑަށް ވަނުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.
އިނގިރޭސި އެފްއޭ އިން މޮރީނިއޯ އަށް މިއަދަބު ދިނީ މިދިޔަ މަހު 24 ވަނަ ދުވަހު ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅެ ޗެލްސީ ބަލިވި މެޗުގެ ފުރަތަމަ ހާފް ނިމުމުން އެ މެޗުގެ ރެފްރީ ޖޯން މޮސްއާ ވާހަކަ ދެއްކިއިރު ބޭއަދަބީ ބަސް ބޭނުން ކުރަުމުންނާއި މިދިޔަ މަހު 3 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެ މެޗުގެ ރެފްރީންނަށް ފާޑުކިއުމާ ގުޅިގެންނެވެ.
ދަނޑަށް ނުވަދެވޭ ގޮތަށް ކޮއްފައިވާ ސަސްޕެންޝަނަށް ޢަމަލުކުރަން ޖެހޭނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން މިފަދަ މައްސަލަ އެއް ތަކުރާރު ކޮށްފިނަމައެވެ.
މޮރީނިއޯއަަށް އެ މައްސަލައިގައި ޖަވާބުދާރީވާން ފުރުޞަތުދިން ނަަމަވެސް އޭގެ ބޭނުން އޭނާ ހިފާފައި ނުވަނީ އެފްއޭގެ ނިންމުން ބަދަލުނުކުރާނެކަން ޔަޤީންވާތީ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.
އަދި ދަނޑަށް ނުވަދެވުނަސް އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ޓީމުގެ ކުޅޫންތެރިންނަށާއި ކޯޗިންގ ސްޓާފުންނަށް ފުރިހަމައަށް އިތުބާރު ކުރާކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.
މީގެ އިތުރުން މެޗުން ނުކުންނަ ކޮންމެ ނަތީޖާއަކަށްވެސް ފުރިހަމަ ޒިންމާ ނަގާނެ ކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ސްޓޯކް އޮތީ 14 ވަނައިގައެވެ. ޗެލްސީ 15 ވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ. ޗެލްސީ އާއި ސްޓޯކް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް