ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާފަރުން ހަ މީހުންނާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންގައި ނ.މާފަރުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު 06 މީހުންނާއި 18 އަހަރުނުވާ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފ...

07 Nov 2015 | 02:50

ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންގައި ނ.މާފަރުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު 06 މީހުންނާއި 18 އަހަރުނުވާ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި ހާއްސަ އޮޕަރޭޝަންގައި، 2015 ނޮވެމްބަރ 04 ވަނަ ދުވަހުގެ ހެނދުނު ނ.މާފަރަށް ގޮސް މަސްތުވާތަކެތި ގެންގުޅުނު ކަމަށް ޝައްކުކުރެވޭ ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައި ވާ ކަމަށެވެ.  އަދި އޭގެތެރެއިން އެއްގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކުދި ރަބަރު ޕެކެޓު ފެނިފައިވާއިރު، ހައްޔަރު ކުރެވުނު ހަތް މީހުންގެ ތެރެއިން ދެ މީހުން އެވަގުތު  އެގޭގައި އުޅުނު ކަމަށާއި އަދި އަނެއްގެއިން ފަސް މީހުން ހައްޔަރު ކުރިއިރު އެގޭތެރެއިން މަސްތުވާތަކެތި ބަންދުކުރާ ސާމާނާއި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާކަމަށްވެސް ފުލުހުސް ބުނެ އެވެ.

"މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނ.މާޅެންދޫއަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ދެ މީހުންނާއި ނ.މާފަރަށް ނިސްބަތްވާ 21 އަހަރުގެ މީހަކާއި ޅ.ހިންނަވަރަށް ނިސްބަތްވާ 23  އަހަރުގެ ފިރިހެނަކާއި 18، އަހަރުގެ ފިރިހެނަކާއި އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް،  މި ހަތް މީހުން ނ.މަނަދޫ ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށް އެންމެންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކުރުމުން އެންމެންގެވެސް ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެތީގެ ތަފާތު ބާވަތްތަކަށް ޕޮޒިޓިވް ވެފައި" ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން ބުނީ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މި ހަތްމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒް އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައި ވާ ކަމަށެވެ. އަދި މިގޮތުން 26 އަހަރުގެ މީހަކަށާއި 21 އަހަރުގެ މީހަކަށް 07 ދުވަހުގެ މުއްދަތު ދީފައިވާއިރު 23 އަހަރުގެ ދެމީހުންނަށާއި 18 އަހަރުގެ މީހާއަށާއި 26 އަހަރުގެ މީހަކަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 18 އަހަރުން ދަށުގެ ކުޑަކުއްޖާއަށް 15 ދުވަހުގެ ގޭބަންދުގެ މުއްދަތެއް ދީފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އަމާން ވެއްޓެއް ޤާއިމް ކުރުމަށްޓަކައި ނ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގައި ކުށްތައް މަދުކުރުމަށް ކުރެވެން ހުރިހުރިހާ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މިގޮތުން އޮޕަރޭޝަނުގައި ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ އޮޕަރޭޝަން ޓީމާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިތުރަށް ކުރެވުނު މަސައްކަތުން، ނ.މާފަރު ގޮނޑުދޮށުގައި ވަޅުލައިފައި އޮތް ސިނގިރޭޓް ފޮއްޓެއްތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 162  ކުދި ރަބަރު ޕެކެޓް ހޯދާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް