ޖަޕާނު ސަފީރު ފަސްޓްލޭޑީއާއެކު - ފޮޓޯ: ރައީސް އޮފީސް
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ
ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ސާޖިދާ މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ
ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މިއަދުގެ ޒިޔާރަތުގައި، ދެޤައުމުގެ މެދުގައި އޮތް ގާތް
އަދި، ދެމިގެންދާ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، މިއަހަރަކީ
ދެޤައުމުގެ ސިޔާސީ ގުޅުމަށް 58 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މިގުޅުން
އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ދެބޭފުޅުންވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިކޮށް، ރާއްޖޭގައި
ތަމްރީނާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން
އިތުރުކުރުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި، މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް
ކަމަށްވާ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރޒް (ޖޭއޯސީވީ) އިން ސްޕެޝަލައިޒްޑް
އެޑިއުކޭޝަނާއި ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. އެގޮތުން، ޖަޕާނު ސަރުކާރުން
މިފަދަ މަޝްރޫޢުތަކާއި، ރާއްޖޭގެ އުމްރާނީ، މުވާސަލާތީ، އަދި އިންސާނީ ވަސީލަތްތައް
ތަރައްޤީކުރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު،
ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ވަނީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން ބައިވެރިވަމުންދާނޭކަމުގެ
ޔަޤީންކަން ތަކުރާރުކުރައްވައި، ތަޢުލީމާއި، އިޖްތިމާޢީ ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް