ބީއެމްއެލްއިން ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑެއް ހަދައިފި

ކަނޑުފަޅުގެ ދިރުންތައް ޙިމާޔަތްކުރުމާ މެދު ހޭލުންތެރިކަން ފެތުރުމުގެ ގޮތުން އެއް ވަގުތެއްގައި އެންމެ ގިނަ ބައެއް ސްނޯކްލް ކުރުމުގެ ދުނިޔޭގެ ރެކޯޑު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާސިލުކޮށްފި...

07 Sep 2026 | 16:54
ރެކޯޑު ހެދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ރެކޯޑު ހެދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ކަނޑުފަޅުގެ ދިރުންތައް ޙިމާޔަތްކުރުމާ މެދު ހޭލުންތެރިކަން ފެތުރުމުގެ ގޮތުން އެއް ވަގުތެއްގައި އެންމެ ގިނަ ބައެއް ސްނޯކްލް ކުރުމުގެ ދުނިޔޭގެ ރެކޯޑު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާސިލުކޮށްފިއެވެ.

ނިވަ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި މި ޙަރަކާތުގައި ޖުމުލަ 314 މީހުން ބައިވެރިވެ އެއް ތަނެއްގައި އެއް ވަގުތެއްގައި އެއް މިނެޓު ވަންދެން ސްނޯކްލް ކޮށްގެން ރެކޯޑު ޤާއިމުކޮށްފައިވެއެވެ. މި ރެކޯޑު ހެދި ބައިވެރިންގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނާއި އެ ރިސޯޓުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިން ހިމެނެއެވެ.

ކަނޑައެޅިފައިވާ މިންގަނޑުތައް ފުރިހަމަވާކަން ޔަޤީންކުރުމަށް ފަހު ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ވަނީ ޙަވާލުކޮށްފައެވެ. އެ ސެޓްފިކެޓާ ޙަވާލުވެވަޑައިގެންނެވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއާއެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެށި ޙިމާޔަތްކުރުމަށް ބީއެމްއެލް އިން ހިންގާ އީއެންވީ ޕީއޯއެސް ޕްރޮގްރާމުގެ ދަށުން ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. އެ ޕްރޮގްރާމަކީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ހިންގާ ކޮންމެ މުޢާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް ތިމާވެށީގެ މަޝްރޫޢުތަކަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ރެކޯޑު ހެދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އަމާޒަކީ ރާއްޖޭގެ ދިރިއުޅުމާއި އިޤުތިޞާދު ބިނާވެފައިވާ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދީ ވަކިވަކި ފަރުދުންނާއި މުޖުތަމަޢު ޢަމަލީ ގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ބީއެމްއެލް އިން ގެންދަނީ ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ރީސައިކަލްކޮށް ބޭރު ޤައުމުތަކަށް ފޮނުވުމާއި ކަނޑުގެ ވެށި ޙިމާޔަތްކުރުމުގެ ގޮތުން ޕާލޭ މޯލްޑިވްސް އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) ފަދަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް